މަލްޓި ގްރޭޑަށް ކިޔަވައިދޭނެ އުޞޫލު ކަނޑައަޅައިފި
އަތޮޅުތެރޭގެ ސުކޫލުތަކުގައި މަލްޓި ގްރޭޑަށް ކިޔަވައިދެވޭނީ ގްރޭޑެއްގައި ފަސް ދަރިވަރުންނަށްވުރެ މަދުން ކިޔަވާ ސުކޫލުތަކުގައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ވިދާޅުވެއްޖެއެވެ.
އެ މިނިސްޓްރީން އިއްޔެ ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ 2019 ވަނަ އަހަރު މަލްޓިގްރޭޑަށް ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ އެއް ކީސްޓޭޖްގައި ހިމެނޭ ދެ ގްރޭޑެއްގެ ކްލާސްތަކުގައި ކިޔަވަމުންދާ ދަރިވަރުން އެއްކޮށްލައިގެން ކަމަށާއި މިގޮތަށް ކިޔަވައި ދިނުމަށް ގަވާއިދުތަކަކާއި އުސޫލް ތަކެއް މިނިސްޓްރީން ކަނޑައަޅުއްވާފައިވާނެ ކަމަށެވެ.
އެގޮތުން މަލްޓި ގްރޭޑަށް ކިޔަވައިދެވޭނީ ދެ ގްރޭޑްގައިވެސް ކިޔަވާ ދަރިވަރުންގެ ޢަދަދު 5 އަށްވުރެ ދަށްވުމުން ކަމުގައި އިއުލާނުގައި ވަނީ ބުނެފައެވެ.
އެޑިޔުކޭޝަން މިނިސްޓްރީގެ މި ގަވާއިދު ތަކުގެ ސަބަބުން އެއްވެސް ގްރޭޑަކަށް ދަތިވާ ނަމަ އެކަން މިނިސްޓްރީއާއި ހިއްސާ ކުރެއްވުމަށްވެސް އިއުލާނުގައިވެއެވެ.
މި އަހަރު ރާއްޖޭގެ ބައެއް ސްކޫލްތަކުގައި ވަނީ މަލްޓި ގްރޭޑް ސިސްޓަމަށް ކިޔަވައިދިނުމުގެ ސަބަބުން ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އެގޮތުން އ.ދ.ހަންޏާމީދޫގައި، ބ. ކިހާދޫގެ ބެލެނިވެރިން ވަނީ މަލްޓި ގްރޭޑް ސިސްޓަމާ ދެކޮޅަށް އަޑުއުފުލާ ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ.

