އިދިކޮޅުން އުޅެނީ އަބުރު ކަތިލަން، ދޮގު ޑޮކިއުމެންޓްރީތަކުން ލިބެނީ ފައިދާ: ރައީސް

ސަރުކާރުގެ ސިޔާސަތުތަކާއި ތަރައްޤީގެ މަސައްކަތްތަކަށް ފާޑުކިޔާނެ އިތުރު ދިމާއެއް ނުފެނުމުން، އިދިކޮޅު ފަރާތްތަކުން އަމާޒު ހިފާފައިވަނީ އެމަނިކުފާނުގެ އަބުރު ކަތިލުމަށް ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
ޕީއެންސީ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ޒާތީ ދިރިއުޅުމާއި އަބުރަށް އަމާޒުކޮށް ސޯޝަލް މީޑިއާގައާއި ޑޮކިއުމެންޓްރީތަކުގެ ނަމުގައި ފަތުރަނީ ހުސް ދޮގު ވާހަކަތައް ކަމަށެވެ. އަދި އެފަދަ ކަންކަމުގެ ސަބަބުން އެމަނިކުފާނަށް ދުނިޔެއާއި އާޚިރަތުގައިވެސް ލިބޭނީ ފައިދާ ކަމަށާއި، ތެދުބަހުން އެމަނިކުފާނުގެ އަބުރު ކަތިލެވޭނެ އެއްވެސް ފުރުސަތެއް ނޯންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރާއްޖޭގައި މިވަގުތު ޒިންމާދާރު އިދިކޮޅު ފަރާތެއް ނެތްކަން ފާހަގަކުރައްވައި، ރައީސް ވަނީ މީގެ ކުރިން ގައުމު ނުރައްކަލެއްގައި އޮތްއިރު ހިންގި ވެންޓިލޭޓަރުގެ ވައްކަމާއި އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލަތައް ބަލައި، ރައްޔިތުންނަށް ހައްގު ހޯދައިދިނުމަށް މިނިވަން މުއައްސަސާތަކަށް ގޮވާލައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ އެއްވެސް ފަރާތަކީ ގައުމަށްވުރެ އިސްކުރާނެ މީހެއް ނޫން ކަމަށާއި، މި ސަރުކާރުން އަބަދުވެސް އިސްކުރާނީ ގައުމީ މަސްލަހަތު ކަމަށެވެ. އަދި ދޮގު ވާހަކަތަކާ މެދު ކެތްތެރިކަން އިސްކުރައްވާނެ ކަމަށާއި، އިސްލާމްދީނުގައި އަބުރަށް އަރައިގަތުމަކީ ބޮޑު ފާފައެއް ނަމަވެސް އެފަދަ އަނިޔާވެރިކަމަށް ކެތްކުރާ މީހާއަށް އޮތީ ބޮޑު ސަވާބު ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
އާއިލާއާއި އަނބިކަނބަލުންނާ ދުރުކުރުމަށް ބަޔަކު ކުރާ މަސައްކަތްތައް “ސޯޕް އޮޕެރާ” އެއްގެ ގޮތުގައި ސިފަކުރައްވަމުން ރައީސް އެދިވަޑައިގަތީ ކޮންމެ ރައްޔިތަކުވެސް އަމިއްލަ ސިކުނޑިން ވިސްނައި ހަގީގަތް ހޯދުމަށެވެ. މާޒީގައި ކަންކަން ހިނގާފައިވާ ގޮތުން މިހާރު ވާހަކަދައްކާ ފަރާތްތަކުގެ ހަގީގަތް ފެންނަން އޮންނާނެ ކަމަށާއި، ސިޔާސީ ވާހަކަ ދައްކައިގެން ޖަލަށްލާ ޒަމާން މިހާރު މާޒީވެއްޖެ ކަމަށްވެސް ވިދާޅުވިއެވެ. ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ އިދިކޮޅުގެ މިފަދަ “ބެކައްކާ ކުޅޭ” ކަންކަމަށް ސަމާލުކަން ދިނުމުގެ ބަދަލުގައި، ތަރައްގީގެ މަޝްރޫއުތަކައިގެން ގައުމަށް ފައިދާހުރި މަސައްކަތްތައް ކުރުން ކަމަށެވެ.
