ރައީސް ނަޝީދު މޯދީއާއި ބައްދަލުކުރައްވައިފި
ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިންޑިއާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އިންޑިއާގެ ބޮޑުވަޒީރު ނަރޭންދުރަ މޯދީއާ ބައްދަލުކުރައްވައިފިއެވެ.
ރައީސް ނަޝީދު މޯދީއާ ބައްދަލުކުރެއްވުމަށްފަހު ކުރެއްވި ޓުވީޓެއްގައި އެމަނިކުފާނު ވިދާޅުވީ، ދިވެހިރާއްޖެއަކީ މާލީގޮތުން ހަރުދަނާ އަދި ސަލާމަތީގޮތުން ރައްކާތެރިކަން ޤާއިމްވަފައިވާ ޤައުމެއްގެ ގޮތުގައި އޮތުމަކީ ރާއްޖޭގެ އިތުރުން އިންޑިއާ ކަނޑުގެ ސަރަހައްދުގެ ޤައުމުތަކަށްވެސް މުހިއްމުކަމެއްކަމަށެވެ.
ރައީސް ނަޝީދުގެ މިދަތުރުފުޅުގައި އެމަނިކުފާނުވަނީ އިންޑިއާގެ ޚާރިޖީ ވަޒީރު ސުޝްމާ ސުވަރާޖްއާ ވެސް ބައްދަލުކުރައްވާފައެވެ. ނިއުދިއްލީގައި އިއްޔެ ބޭއްވި މިބައްދަލުކުރެއްވުމުގައި ރައީސް ނަޝީދާއި، ސުޝްމާ ސުވަރާޖް ވަނީ މޫސުމަށް އަންނަ ބަދަލުތަކާއި، ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އަދި މީގެ އިތުރުން ކުރީގެ ސަރުކާރުން ނަގާފައިވާ ލޯނުތަކާއި ގުޅިގެން ހުރި ދަރަނީގެ މައްސަލަތަކާއި މެދުވެސް އެދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.
ރައީސް ނަޝީދު އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ކައުންސިލް ފޯރ ކަލްޗަރަލް ރިލޭޝަންސްގެ ދަޢުވަތަކަށާއި، ޖަވާހަރުލާލު ނެހެރޫ ޔުނިވަރސިޓީގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.


