ޓްރަމްޕް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގެ މައްޗަށް ފިޔަވަޅު އަޅައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައި.ސީ.ސީ) ގެ މައްޗަށް އިޤްތިޞާދީ އަދި ދަތުރުފަތުރުގެ ދާއިރާއިން ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިފައެވެ. މި ފިޔަވަޅުތައް އަމާޒުކޮށްފައިވަނީ އެމެރިކާގެ ރައްޔިތުންނާއި އިޒްރާއީލް ފަދަ އެމެރިކާގެ އެކުވެރި ޤައުމުތަކާ ގުޅޭ ތަޙްޤީޤުތަކުގައި މަސައްކަތްކުރާ ފަރާތްތަކުގެ މައްޗަށެވެ.
ބުރާސްފަތި ދުވަހު މި ފިޔަވަޅުތައް އެޅުމާއެކު، އިޒްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ވޮޝިންގްޓަނަށް ޒިޔާރަތްކުރިއެވެ. ނަތަންޔާހޫ އަކީ ޣައްޒާގެ ހަނގުރާމައާ ގުޅިގެން އައި.ސީ.ސީ އިން ހޯދަމުންދާ މީހެކެވެ.
އައި.ސީ.ސީ އިން މި ފިޔަވަޅުތަކާ މެދު ކުށްވެރިކޮށް ބަޔާނެއް ނެރެފައިވެއެވެ. އެ ބަޔާނުގައި ބުނެފައިވަނީ ކޯޓުގެ މުވައްޒަފުންނަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މިލިއަނުން ގުނާލެވޭ އިންސާފެއްނުލިބި ތިބިމީހުންނަށް އިންސާފު ހޯދައިދިނުމަށް މަސައްކަތްކުރާނެ ކަމަށެވެ. އަދި އައި.ސީ.ސީގެ 125 މެމްބަރު ޤައުމުތަކަށް ގޮވާލާފައިވަނީ ކޯޓުގެ މުވައްޒަފުންނަށް އެއްބާރުލުން ދިނުމަށެވެ.
ޔޫރަޕުގެ ގިނަ ޤައުމުތަކުން ވަނީ އައި.ސީ.ސީ އަށް އެއްބާރުލުން ދީފައެވެ. ޔޫރަޕިއަން ކައުންސިލްގެ ރައީސް އެންޓޯނިއޯ ކޮސްޓާ ވަނީ ބްލޫސްކައި މެދުވެރިކޮށް، އައި.ސީ.ސީ އަށް ފިޔަވަޅު އެޅުމަކީ ކޯޓުގެ މިނިވަންކަމަށް ނުރައްކާވެ، ބައިނަލްއަޤްވާމީ ޖިނާއީ ޢަދުލުގެ ނިޒާމު ބަލިކަށިވެގެންދާނެ ކަމެއް ކަމަށް ބުނެފައެވެ.
އައި.ސީ.ސީ ހިންގާ ޤައުމު ކަމުގައިވާ ނެދަލޭންޑްސްގެ ފޮރިން މިނިސްޓަރ ކަސްޕަރ ވެލްޑްކެމްޕް ވަނީ އެކްސް މެދުވެރިކޮށް، މި ފިޔަވަޅުތަކާ މެދު ހިތާމަކުރާ ކަމަށް ބުނެފައެވެ. އަދި ޔޫރަޕިއަން ކޮމިޝަންގެ ވެރިޔާ އުރްސުލާ ވޮން ޑަރ ލެޔަން ވެސް ވަނީ މި ފިޔަވަޅުތަކާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.
އިންޓަނޭޝަނަލް ކްރިމިނަލް ކޯޓަކީ ހަނގުރާމައިގެ ކުށްތަކާއި، އިންސާނިއްޔަތާ ދެކޮޅު ކުށްތަކާއި، ނަސްލު ފޮހެލުމުގެ ކުށްތަކާއި، އަދި މެމްބަރު ޤައުމުތަކުގެ ސަރަޙައްދުގައި ނުވަތަ އެ ޤައުމުތަކުގެ ރައްޔިތުން ކުރާ އަދާވާތްތެރިކަމުގެ ކުށްތަކުގެ މައްސަލަތައް ބަލާ ދާއިމީ ކޯޓެކެވެ.
މި ކޯޓު އުފެދިފައިވަނީ 2002 ވަނަ އަހަރުއެވެ. އެމެރިކާ އަކީ މި ކޯޓުގެ މެމްބަރެއް ނޫނެވެ. އެހެންނަމަވެސް، އެމެރިކާގެ ބައެއް އެކުވެރި ޤައުމުތަކަކީ މި ކޯޓުގެ މެމްބަރުންނެވެ. އެމެރިކާއިން މި ކޯޓާ މެދު ކަންބޮޑުވުން ފާޅުކުރަމުން އަންނަނީ، މި ކޯޓުން އެމެރިކާގެ ސިފައިންނާއި އޮފިޝަލުންގެ މައްޗަށް ދަޢުވާ އުފުލުމުގެ ބާރު ލިބިފައިވާތީއެވެ.


