ކަނޑުއޮތްގިރީގައި މިފްކޯއިން އައު އައިސް ޕްލާންޓަކާއި ހިކިމަސް ކާރުޚާނާއެއް ހުޅުވައިފި

ކަނޑުއޮތްގިރި ފިޝް ވިލެޖުގައި މިފްކޯއިން އަލަށް ބިނާކުރި ހިކިމަސް ކާރުޚާނާއާއި އައިސް ޕްލާންޓް ރަސްމީކޮށް ހުޅުވުމާއެކު، މާލެ ސަރަހައްދުގެ ބާޒާރަށް މަހުގެ އުފެއްދުންތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެން ހިނގައްޖެއެވެ.
މިއަދު ހަވީރު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ދެ ވަސީލަތް ރަސްމީކޮށް ހުޅުވައިދެއްވީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބެވެ.
މި ރަސްމިއްޔާތަށްފަހު މީޑިއާއާ ވާހަކަދައްކަވަމުން މިފްކޯގެ ސީއީއޯ މުޙައްމަދު އަނަސް ވިދާޅުވީ، މިއީ އެ ކުންފުނީގެ ގައުމީ ބާޒާރަށް ޚާއްސަ އުފެއްދުންތައް އިތުރުކޮށް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މާލެއާ ކައިރި ސަރަހައްދެއްގައި މި ޚިދުމަތް ފެށުމުން، މީގެ ކުރިން ކޫއްޑޫން ޕްރޮސެސްކޮށްގެން މާލެއަށް ތަކެތި ގެނައުމުގައި ދިމާވި ލޮޖިސްޓިކްސް ދަތިތަކަށް ވަރަށް ބޮޑު ހައްލެއް ލިބި، ފިހާރަތަކުން މުދާ ހުސްވުމުގެ ޝަކުވާއަށް ނިމުމެއް އަންނާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި ބަދަލާއެކު ކޫއްޑޫގެ އުފެއްދުންތައް ދެކުނުގެ އަތޮޅުތަކަށް ޚާއްސަކުރެވޭއިރު، ކަނޑުއޮތްގިރިން އުފައްދާ ތަކެތި ސީދާ އަމާޒުކުރާނީ މާލެ ސަރަހައްދުގެ ބާޒާރަށެވެ. މީގެ ސަބަބުން މިފްކޯގެ އުފެއްދުންތައް އިތުރުވެ، ރައްޔިތުންނަށް ހެޔޮ އަގެއްގައި ތަކެތި ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ.
އަލަށް ހުޅުވުނު ހިކިމަސް ކާރުޚާނާއަކީ ދުވާލަކު 3 ޓަނުގެ މަސް ޕްރޮސެސްކުރުމުގެ ގާބިލުކަން ހުރި ތަނެކެވެ. މީގެ އިތުރުން އެ ރަށުގައި ގާއިމުކުރި އައިސް ޕްލާންޓުން ދުވާލެއްގެ މައްޗަށް 25 ޓަނުގެ އައިސް އުފެއްދޭނެއެވެ.
މިއަދުން ފެށިގެން އެ ކާރުޚާނާގައި ވަޅޯމަހާއި ހިކިމަސް ތައްޔާރުކުރަން ފަށާފައިވާއިރު، މުސްތަގުބަލުގައި ރިހާކުރާއި މުގުރިމަސް ފަދަ ބާވަތްތައްވެސް ތައްޔާރުކުރަން ފަށާނެއެވެ. މި ތަން ހުޅުވާފައިވަނީ ސިއްހީ ރައްކާތެރިކަމުގެ ހުރިހާ ހުއްދަތަކެއް ހޯދައި، ކޮލިޓީ ހިފެހެއްޓުމުގެ ހަރުދަނާ މިންގަނޑުތަކަކާ އެކުގައެވެ.
އެމްއެންޑީއެފްގެ ބެލެހެއްޓުމުގެ ދަށުގައި އޮތުމަށްފަހު، ކަނޑުއޮތްގިރި އަނބުރާ މިފްކޯއާ ހަވާލުކޮށް އޮޕަރޭޝަނަށް ގެނެސްފައިވަނީ މިއަހަރުގެ ކުރީކޮޅުގައެވެ. މިހާރު ކުރިއަށްދާ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް ނިމުމުން، ކަނޑުއޮތްގިރި ވެގެންދާނީ ރާއްޖެއިން ބޭރަށް މަސް އެކްސްޕޯޓްކުރާ މައިގަނޑު އެއް މަރުކަޒަށެވެ.


