ދުނިޔޭގެ މާކެޓުގައި މަހުގެ އަގު އުފުލި ޑިމާންޑް ރަނގަޅުވުމާ ގުޅިގެން، ދިވެހި މަސްވެރިންގެ އަތުން މިފްކޯއަށް މަސް ގަންނަ ރޭޓު ކިލޯއަކަށް 22 ރުފިޔާއަށް މިއަދު އަނެއްކާވެސް މަތިކޮށްފިއެވެ. ބައިނަލްއަޤްވާމީ ބާޒާރަށް އަންނަ ލޮޅުންތަކާ އެއްގޮތަށް އަގު ކަނޑައަޅާ ފްލޯޓިންގ އުސޫލުގެ ދަށުން، މިއީ ފާއިތުވި ތިން މަސްދުވަހުގެ ތެރޭގައި މަހުގެ އަގަށް ގެނައި ހަތަރުވަނަ ހެޔޮ ބަދަލެވެ.
މި އައު އަގާއެކު ފެލިވަރާއި، ކޫއްޑޫ އަދި އައްޑޫގެ އިތުރުން ގދ. ތިނަދޫ، ފަރެސްމާތޮޑާ، ގައްދޫ، ހއ. އިހަވަންދޫ އަދި ފުވައްމުލަކު ބަނދަރުގައި ބަހައްޓާފައިވާ މިފްކޯގެ ފެސިލިޓީތަކުން މަސް ގަންނަމުންދާނެއެވެ. އަދި މަސް ކިރާތާ ދެ ދުވަސް (48 ގަޑިއިރު) ގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރުމުގެ އިންތިޒާމު މިހާރުވެސް ދަނީ ހަމަޖެހިފައިވާ އުސޫލުން ކުރިއަށް ގެންދަމުންނެވެ.
މަސްވެރިކަމުގެ ސިނާޢަތުން ލިބޭ އާމްދަނީ އިތުރުކުރުމަށްޓަކައި، މަސް ރައްކާކުރާ ކޯލްޑް ސްޓޯރޭޖްތަކުގެ ޖާގަ ބޮޑުކުރުމާއި، ރޯމަހުގެ ބަދަލުގައި އަގުއެއްކުރި އުފެއްދުންތަކެއްގެ ގޮތުގައި ބޭރުގެ މާކެޓުތަކަށް އެކްސްޕޯޓްކުރުމަށް ސަރުކާރުން މިހާރު އަންނަނީ އިސްކަންދީގެން މަސައްކަތްތަކެއް ކުރަމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...