ޚަބަރު

ބްރެޒިލްގެ ލަވަކިޔުންތެރިޔާ މެންޑޮންކާ ދަތުރުކުރި ބޯޓް ވެއްޓުމުގެ ހާދިސާގައި މަރުވެއްޖެ

ބްރެޒިލްގެ އެންމެ މަގުބޫލު އެއް ލަވަކިޔުންތެރިޔާ އަދި ލެޓިން ގްރެމީ ކާމިޔާބު ކޮށްފައިވާ މަރިލިއާ މެންޑޮންކާ ދަތުރުކުރި މަތިންދާބޯޓް ވެއްޓުމުގެ ހާދިސާގައި މަރުވެއްޖެއެވެ.

މެންޑޮންކާގެ ޕްރެސް އޮފީހުން ނެރުނު ބަޔާނެއްގައި އޭނާ މަރުވިކަން ކަށަވަރުކޮށްދީފައިވާއިރު، ފްލައިޓުން ދަތުރުކުރި އިތުރު ހަތަރު ފަސިންޖަރަކުވެސް މަރުވެފައިވާ ކަމަށް ބުނެފައިވެއެވެ.

އުމުރުން 26 އަހަރުގެ މެންޑޮންކާ ދަތުރުކުރި މަތިންދާ ބޯޓު ވެއްޓިފައިވަނީ ހުކުރު ދުވަހު ރިއޯ ޑި ޖެނީރޯގެ އުތުރުގައި އޮންނަ މިނާސް ގެރާއިސް ސްޓޭޓުގެ ކުޑަ ސިޓީއެއް ކަމަށްވާ މެންޑޮންކާގެ އުފަން ރަށް ގޯނިއާ އާއި ކެރަޓިންގާއާ ދެމެދުގައިވާ ސަރަޙަދަކަށެވެ.

މިނާސް ގެރާއިސް ސްޓޭޓުގެ މަދަނީ ފުލުހުންވެސް ވަނީ މެންޑޮންކާ މަރުވިކަން ކަށަވަރުކޮށްދީފައެވެ.

ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި މަތިންދާބޯޓު އޮތީ ހަމައެކަނި ވޯޓާފޯލްއެއްގެ އަޑީގައި ތާށިވެފައެވެ. މެންޑޮންކާ މިއަދު މެންދުރު ފަހު ވީޑިއޯއެއް ޕޯސްޓްކޮށްފައި ވަނީ އޭނާ މަތިންދާބޯޓާ ދިމާއަށް ހިނގާފައި ދާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެކެވެ. އެ ވީޑިއޯގައި އޭނާހުރީ ގިޓާ ކޭސް ހިފައިގެންނެވެ.  

ލަވައިގެ ދުނިޔޭގައި މެންޑޮންކާ މަޝްހޫރުވެފައި ވަނީ އޭނާގެ ލަވަތަކުގައި ފެމިނިސްޓް މައްސަލަތައް ހައްލުކޮށް، ބައިވެރިޔާ ކޮންޓްރޯލް ކުރާ ފިރިހެނުން ކުށްވެރިކޮށް، އަންހެނުން ބާރުވެރި ކުރުމަށް ގޮވާލުން ފަދަ ކަންކަމުގެ ގޮތުގަ އެވެ.

ހުކުރު ދުވަހުގެ ހަވީރު ބްރެޒިލްގެ ހުރިހާ ދިމާލަކުން ވެސް މި ޚަބަރު ފެތުރުމާއެކު ސޯޝަލް މީޑިއާގައި ސަޕޯޓަރުންނާއި ސިޔާސީ ފަރާތްތަކާއި ލަވަކިޔުންތެރިންނާއި ފުޓުބޯޅަ ކުޅުންތެރިން ވެސް ވަނީ ހިތާމަފާޅުކޮށްފައެވެ.

މެންޑޮންކާގެ އިންސްޓަގްރާމް އެކައުންޓުގައި 38 މިލިއަން ފޮލޯވަރުން އެބަތިއްބެވެ.

“އަހަރެންނަށް ގަބޫލުކުރަން އުނދަގޫ، އަހަރެން ޤަބޫލެއް ނުކުރަން، މެންޑޮންކާގެ ރަހުމަތްތެރިއެއް ކަމަށްވާ ބްރެޒިލްގެ މަޝްހޫރު ފުޓުބޯޅަ ތަރި ނޭމަރ، މި ޚަބަރު ފެތުރުމާއެކު ޓްވިޓާގައި ބުންޏެވެ.

ބްރެޒިލްގެ ސަރުކާރުންވެސް ވަނީ ތައުޒިޔާ ކިޔާފައެވެ.

ބްރެޒިލްގެ ރައީސް ޖައިރް ބޮލްސޮނާރޯ ވެސް ވަނީ މޮންޑޮންކާ މަރުވުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ހިތާމަ ފާޅުކުރައްވާފައެވެ.

އަދި މުޅި ގައުމަށް އެ ހަބަރުން ލިބެނީ ޝޮކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މެންޑޮންކާގެ އަލްބަމް “އެމް ޓޮޑޮސް އޮސް ކެންޓޯސް” ވަނީ 2019 ވަނަ އަހަރު ލެޓިން ގްރެމީ އިން އެންމެ މޮޅު ސެރްޓަނޭޖޯ އަލްބަމްގެ އެވޯޑު ހޯދާފަ އެވެ.

އެންމެފަހުން އޭނާ ނެރުނު އަލްބަމް “ޕަޓްރޯސް” ވަނީ ހަމަ އެ އެވޯޑަށް މިފަހަރުވެސް ނޮމިނޭޓްވެފައެވެ.

މެންޑޮންކާ މަރުވިއިރު އަންނަމަހު 2 އަހަރުފުރޭނެ ކުއްޖަކު އެބަހުއްޓެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close