ތުރުކީވިލާތާއި ބްރެޒިލާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ބައިނަލްއަޤްވާމީ މައިދާނުގައި އެކުގައި މަސައްކަތްކުރުމާ ގުޅޭގޮތުން ދެ ޤައުމުގެ އެންމެ އިސް ވެރިން މަޝްވަރާކުރައްވައިފިއެވެ.
ހޯމަ ދުވަހު ބޭއްވި މި ފޯނު މަޝްވަރާގައި، ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އެރްދޮޣާން އާއި ބްރެޒިލްގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ދަ ސިލްވާ ވަނީ ދެ ޤައުމުގެ ގުޅުމުގެ އިތުރުން ސަރަޙައްދީ އަދި ދުނިޔޭގެ މުހިންމު ކަންކަމަށް އަލިއަޅުއްވާލައްވާފައެވެ.
ތުރުކީގެ ރިޔާސީ ކޮމިއުނިކޭޝަންސް ޑިރެކްޓަރޭޓުން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، މީގެ 20 އަހަރު ކުރިން ބިންގާ އެޅުނު ދެ ޤައުމުގެ އެކުވެރިކަން މެދުނުކެނޑި ބަދަހިވަމުން އަންނާތީ އެކަމާ މެދު ރައީސް އެރްދޮޣާން އުފާފާޅުކުރެއްވިއެވެ.
ޚާއްޞަކޮށް ވިޔަފާރީގެ މުޢާމަލާތްތަކާއި، އިންވެސްޓްމަންޓް އަދި ދިފާޢީ ޞިނާޢަތް ފަދަ މުހިންމު ދާއިރާތަކުން ގުޅުން ފުޅާކުރުމަކީ ދެ ޤައުމުގެ އިޤްތިޞާދަށްވެސް ނުހަނު ފައިދާހުރި ކަމެއްގެ ގޮތުގައި އެރްދޮޣާން ސިފަކުރެއްވިއެވެ.
ދުނިޔޭގެ ވިޔަފާރީގައި ޙިމާޔަތްތެރިކަމުގެ ހަރުކަށި އުސޫލުތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި، ދެ ޤައުމުގެ ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށްދޭނެ އެކުވެރި އިޤްތިޞާދީ މޮޑެލެއް ބިނާކުރުމުގެ ޤާބިލުކަން ތުރުކީއާއި ބްރެޒިލްގައި އެބައޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ މައްސަލަތަކުގައި ދެ ޤައުމުންވެސް ޞުލްޙަވެރި ޙައްލުތަކަށް އިސްކަންދީގެން ގެންގުޅޭ ސިޔާސަތުތަކަކީ ދުނިޔޭގެ އަމަންއަމާންކަން ދެމެހެއްޓުމަށް ލިބޭ ވަރަށް މުހިންމު ބާރެއް ކަމަށްވެސް އެރްދޮޣާން ފާހަގަކުރެއްވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...