ޚަބަރު

ދީބާޖާ މައްސަލަ ކޯޓުން ބޭރުން ހައްލުކުރަނީ

އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް އެންމެފުރަތަމަ ސަރުކާރުން ޙަވާލުކުރެއްވި ކުނފުނި ދީބާޖާ އިންވެސްޓްމަންޓަށް   348 މިލިއަން ރުފިޔާ ދިނުމަށް ދައުލަތުގެ މައްޗަށް ކޮށްފައިވާ ހުކުމާއި ގުޅިގެން، މަޝްވަރާއަށް ފުރުޞަތުދީ ހުކުމް ތަންފީޒުކުރުން މަޑުޖައްސާލުމަށް ދީބާޖާއިން އެދިފައިވާ ގޮތަށް ކުރިއަށް ދިއުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ.

ދީބާޖާއާ އެކު ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުން ހެދި އެއްބަސްވުން ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދުގެ ސަރުކާރުން ވަނީ އުވާލައިފައެވެ. އަދި އެކަމުގެ ބަދަލެއްގެ ގޮތުގައި 348 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް 2014 ގައި ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

އޭޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދައުލަތުގެމައްޗަށް ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް 348 މިލިއަން ރުފިޔާ ދިނުމަށް ކޮށްފައިވާ ޙުކުމާ ގުޅިގެން، ދައުލަތުގެ ފަރާތުން ބަދަލު ދޭން ޖެހޭ މައްސަލަތަކުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދިނުމަށް އެމަނިކުފާނު އުފައްދަވާފައިވާ ސެޓްލްމަންޓް ކޮމިޓީއަށް ހުށަހަޅައިގެން މި މައްސަލާގައި ޙައްލެއް ހޯދުމަށް އެދި ދީބާޖާ އިންވެސްޓްމަންޓުން އެޓަރނީ ޖެނަރަލް އަލްއުސްތާޛު އިބްރާހީމް ރިފްޢަތަށް ހުށަހަޅާފައިވާކަމަށެވެ. ދީބާޖާ އިންވެސްޓްމަންޓުން އެގޮތަށް ހުށަހަޅާފައި ވަނީ އެ ކުންފުނީގެ އިސްވެރިންގެ ސޮޔާއެކު ފާސްކޮށްފައިވާ ޤަރާރަކުންކަމަށް އޭޖީ އޮފީހުގެ ބަޔާނުގައިވެއެވެ.

ސެޓްލްމަންޓް ކޮމިޓީއަށް ހުށަހަޅައިގެން ޙައްލެއް ހޯދުމަށް ކުރާ މަސައްކަތަށް ފުރުޞަތު ދިނުމުގެ ގޮތުން،

ސުޕްރީމް ކޯޓުގެ ޙުކުމް ތަންފީޛުކުރުމަށް ސިވިލް ކޯޓަށް އެކުންފުނިން ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުންތައް މެދުކަނޑާލުމަށް ކޯޓުގައި އެދުމަށް ދީބާޖާއިން ނިންމާފައިވާކަމަށްވެސް އޭޖީ އޮފީހުން ވިދާޅުވެއެވެ.

ދީބާޖާއިން ހުށައަޅާފައިވާ ޤަރާރުގައި އެދިފައިވާ ގޮތަށް އެ މައްސަލައިގެ އަޑުއެހުންތައް މެދުކަނޑާލަން ސިވިލް ކޯޓުގައި އެދުނު ސިޓީގެ ކޮޕީއެއް އޭޖީ އޮފީހަށް ލިބިފައިވާކަމަށާއި، ދީބާޖާ އިންވެސްޓްމަންޓުން އެދިފައިވާ ގޮތަށް އެ މައްސަލަ ސެޓްލްމަންޓް ކޮމިޓީއަށް އެޖެންޑާކޮށް، ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ކުރިއަށްދާނެކަމަށްވެސް އޭޖީ އޮފީހުން ނެރުނު ބަޔާނުގައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close