މޫސުން ގޯސްވުމުގެ ސަބަބުން މުޅި ރާއްޖެެއަށް ވައިޓް އެލާޓް ނެރެފި
މޫސުން ގޯސްވުމުގެ ސަބަބުން މުޅި ރާއްޖެއަށް ވައިޓް އެލާޓެއް ނެރެފިއެެވެ.
މި ވަގުތުގައި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ. އަދި ބޯކޮށް ވާރޭވެހި ގުގުރުންވެސް އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ވިދާޅުވީ، މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފައިވަނީ މެންދުރު 02:00 އިން ފެށިގެން ރޭގަނޑު 08:00 އާ ހަމައަށް ކަމަށެވެ.
މޫސުން ގޯސްވެ ކަނޑުގަދަވުމާއި ގުޅިގެން ހިތާމަވެރި ގިނަ ހާދިސާތަކެއް ހިނގަމުން ދިއުމާ ގުޅިގެން ކަނޑުދަތުރުގެ ސަލާމަތާ ބެހޭ ގަވައިދު އިޞްލާޙުކޮށް އިއްޔެ ވަނީ ގެޒެޓް ކޮށްފައެވެ.
އެ ގަވައިދުގައި ބުނާ ގޮތުގަން ރީނދޫ، އޮރެންޖް، އަދި ރަތް އެލާޓް ނެރެފައިވާ ވަގުތުތަކުގައި ދިގުމިނުގައި (30.5 ފޫޓު)އަށްވުރެ ކުޑަ އުޅަނދުފަހަރު ދުއްވުމަކީ މަނާކަމަކެވެ. ފަސިންޖަރުން ނެތިވެސް އެއަށްވުރެ ކުދި އުޅަނދު ފަހަރު ދުއްވުން އެ ހާލަތްތަކުގައި ވަނީ މަނާކޮށްފައެވެ. ގަވާއިދާ ޚިލާފުވާ ފުރަތަމަ ފަހަރު އަދަބަކީ 15،000 ރުފިޔާއިން ޖޫރިމަނާ ކުރުމާއި އެކު ތިން މަސް ދުވަހަށް ލައިސަންސް ހިފެހެއްޓުމެވެ. ތަކުރާރުވާނަމަ ޖޫރިމަނާއަކާއި އެކު އެއް އަހަރަށް ވެސް ލައިސަންސް ހިފެހެއްޓިދާނެއެވެ.


