ޚަބަރު

ޤައުމުގެ ހާލަތު އޮތީ ކުރީގެ ރައީސުންނަށް ދޭ ބޮޑަތި އިނާޔަތްތައް ދެވޭ ހާލަތެއްގައެއް ނޫން: ރައީސް މުއިއްޒު

ރާއްޖޭގެ މާލީ ހާލަތު އޮތީ ކުރީގެ ރައީސުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރިން ކުރައްވައިފައިވާ ބޭފުޅުންނަށް ބޮޑެތި އިނާޔަތްތަކެއް ދެވޭ ފަދަ ހާލަތެއްގައި ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، “ރައްޔިތުންނާ އެކު” ސިލްސިލާ ޕޮޑްކާސްޓްގެ 9 ވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މުއިއްޒު ވިދާޅުވީ، އިނާޔަތްތައް ލިބެންވާނީ އެ ގައުމެއްގެ ނިސްބަތުން ދެވެން އޮތް މިންވަރަކުން ކަމަށާއި، މިހާރު ލިބެމުންދާ ބައެއް އިނާޔަތްތައް އުނިކޮށް އިސްލާހުތަކެއް ގެންނަންޖެހޭ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ކުރީގެ ރައީސުންނަށާއި މަޖިލިސް މެންބަރުންނަށް ލިބޭ ބައެއް އިނާޔަތްތައް ކުޑަކުރަންޖެހެ އެވެ.

“ކުރިއަށް އޮތް މަޖިލީހުގެ ދައުރު ހުޅުވޭއިރު، އަޅުގަނޑުމެން ހުށަހަޅާ ބަދަލުތަކުގެ ތެރޭގައި، ކުރީގެ ރައީސްކަން ކުރައްވާފައި ތިއްބެވި ބޭފުޅުންނާއި މަޖިލިސް މެންބަރުކަން ކޮށްފައި ތިއްބެވި، މިހާރު މަޖިލީހުގައި ނޫޅުއްވާ ބޭފުޅުންނަށް ލިބޭ އިނާޔަތްތަކަށް އިސްލާހުތަކެއް ގެނެސް، ބައެއް އިނާޔަތްތައް އުނިކުރަން ހުށަހަޅާނަން،” ރައީސް މުއިއްޒު ވިދާޅުވިއެވެ.

ހަމަ އެއާ އެކު، ދައުލަތުގެ ވަޒީފާއަކުން ރިޓަޔާވުމުން ޕެންޝަން އިނާޔަތް ލިބެމުންދާ ފަރާތެއް އަލުން ދައުލަތުގެ ވަޒީފާއަކަށް އައުމުން، ވަޒީފާގައި ހުންނަ މުއްދަތުގައި އެ އިނާޔަތް މެދުކަނޑާލަންޖެހޭ ގޮތަށް ބަދަލު ގެންނާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެ ބަދަލުގެ ދަށުން އިނާޔަތްތައް ލިބޭނީ ފަހުން އަދާކުރަން ފެށި ވަޒީފާއިން ވަކިވުމުންނެވެ.

މަޖިލިސް ޗުއްޓީއަށްފަހު ހުޅުވުމުން މި އިސްލާހުތައް ހުށަހަޅައި، ބަދަލުތައް ގެންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close