ޚަބަރު

އައްޑޫން އެމްޕީޑީޕީއަށް މީގެ ކުރިން އޮތް ތާއީދު މިހާރަކުނެތް: ރައީސް ޔާމީން

ވެރިކަން ކުރާ އެމްޑީޕީ އަތުން އައްޑޫ ސިޓީ ބީވެއްޖެ ކަމަށާއިއައްޑޫން އެމްޕީޑީޕީއަށް މީގެ ކުރިން އޮތް ތާއީދު މިހާރަކުނެތް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ޔާމީން މިހެން ވިދާޅުވީ, މިއަދު އެމަނިކުފާނު އައްޑޫ ސިޓީއަށް ފެއްޓެވި ދަތުރުފުޅުގައި އައްޑޫ ސިޓީ ފޭދުގައި ޕީޕީއެމްގެ ސަޕޯޓަރުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ޔާމީން ވިދާޅުވީ، އެމަނިކުފާނު އައްޑޫއަށް ދަތުރުފުޅު ކުރައްވަން ހަމަޖެހުމާއި އެކީ އެމްޑީޕީން އެސިޓީގެ ސްކޫލްތަކަށް ގޮނޑިތައް ނުދިނުމަށް އަންގައި ދަތުރުފަތުރު ކުރުމުގައި ދަތި ކުރުމުގެ ފިޔަވަޅު އެޅުމަށް އަންގާފައިވާ ކަމަށް ވިދާޅުވަމުންނެވެ.

މިސަރުކާރުން މިފަދަ ދަތި ކުރުމުގެ ފިޔަވަޅެއް އެޅި ނަމަވެސް، އައްޑޫސިޓީން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ނިކުތް ރައްޔިތުންގެ އަދަދު އެމްޑީޕީއަށް ފެންނާނެ ކަމަށާއި އެހެން ކަމުން އެމްޑީޕީގެ އަތުން އެސިޓީ ދޫވެގެން ގޮސްފައިވާކަން އެމްޑީޕީގެ ބޭފުޅުންނަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

“އައްޑޫސިޓީގެ ލޮބުވެތި ރައްޔިތުން އަޅުގަނޑާއި އަޅުގަނޑުގެ ޓީމަށް ތި ވިދާޅުވި މަރުހަބާއިން ހަމަ ޝައްކެއް ވެސް ނެތް ގޮތުގައި އެބޭފުޅުންނަށް ހަމަ ބޮޑު ތަނުން އެނގިވަޑައިގަންނަވާނެ ކަންނޭނގެ އައްޑޫސިޓީ އެބޭފުޅުންގެ އަތުން ބީވެގެން ހިނގައްޖެކަން” ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން ޔާމީން ވިދާޅުވީ، އައްޑޫގެ ރައްޔިތުން މިއަދު އެމަނިކުފާނަށް މެހުމާންދާރީކީ ގޮތާއި އެމްޑީޕީގެ ރައީސް ވަޑައިގަތުމުން މެހުމާންދާރީ ކިޔާގޮތް ވެސް އެމްޑީޕީގެ މެމްބަރުންނަށް ފެނިފައިވާނެ ކަމަށެވެ.

އައްޑޫއަކީ މާލެ ފިޔަވައި އެމްޑީޕީއަށް ތާއިދު އޮތް އެންމެ ބޮޑު ސިޓީކަން ފާހަގަ ކުރެވެއެވެ. ނަމަވެސް މިއަދު ޔާމީން އެސިޓީއަށް ވަޑައިގަތުމުން ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެމަނިކުފާނަށް މަރުހަބާ ކިޔުމަށް އެއާޕޯޓަށް ގޮސްފައެވެ. އެއާޕޯޓުގެ ވީއައިޕީ ޓާމިނަލުން ފެށިގެން ގަމުގައި ހުންނަ ސައުތްލޭންޑް ރެސްޓޯރެންޓާއި ހަމައަށް ސަޕޯޓަރުން ވަނީ ސަފު ހަދައިފައެވެ.

ޔާމީން ވަނީ އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އެއްވެ ތިބި ޕީޕީއެމްގެ ސަޕޯޓަރުންނާއި ސަލާމް ކުރަން ބައި ގަޑިއިރެއްހާއިރު ހޭދަކުރައްވާފައެވެ. މިއީ މި ފަހުގެ ތާރީހެއްގައި އައްޑޫން ސިޔާސީ ބޭފުޅަކަށް ކީ އެންމެ ހޫނު އެއް މަރުހަބާއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close