ޤައުމީ ފެންވަރުގައި ސާނަވީ އިމްތިޙާނުގެ މާއްދާއެއްގެ ގޮތުގައި ކީރިތި ޤުރުއާން ހިމެނުމަށް ނިންމެވި ނިންމެވުމާއެކު، އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި އެ އިމްތިހާނުގެ ޕައިލެޓް ޓެސްޓު 10 ސްކޫލެއްގައި ބޭއްވުމަށް ތައުލީމީ ވުޒާރާއިން ނިންމާފިއެވެ.
މި އިމްތިހާނު ބޭއްވުމަށް ހަމަޖެހިފައިވަނީ ދެވަނަ ޓާމުގެ ބޮޑު ޓެސްޓަށްފަހުގައެވެ.
މިއީ 2027 ވަނަ އަހަރު ރަސްމީކޮށް ގުރުއާން މާއްދާގެ އެސްއެސްސީ އިމްތިހާނު ފެށުމުގެ ކުރިން، ދަރިވަރުންގެ ފެންވަރު ވަޒަންކޮށް ދެނެގަތުމުގެ ގޮތުން ކުރިއަށްގެންދާ ޓެސްޓެކެވެ. މިކަމާ ގުޅޭ ޚާއްޞަ މެމޯއެއް ތަޢުލީމީ ވުޒާރާއިން މިހާރު ވަނީ ހޮވާލެވުނު ސްކޫލްތަކަށް ފޮނުއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ އިރުޝާދުގެ ދަށުން ގެންނަވާ މި ބަދަލުގެ މައިގަނޑު މަޤްޞަދަކީ ދަރިވަރުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް އޮންނަ ލޯބި އިތުރުކޮށް، އެ ޢިލްމު އުނގެނުމަށް ޝައުޤުވެރިކަން އުފެއްދުމެވެ. ސާނަވީ އިމްތިހާނުގެ މާއްދާއެއްގެ ގޮތުގައި ޤުރުއާން ހިމެނުމަށް ނިންމެވިކަން ތައުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވަނީ ދިރާސީ އައު އަހަރުގެ ހިތާބުގައި އިއުލާނު ކުރައްވާފައެވެ.
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން ދޫކުރާ ޤައުމީ ފެންވަރުގެ ސަނަދެއް ލިބިގެންދާ މި އިމްތިޙާނަކީ، ރާއްޖޭގެ ގަދަ 10 އިން ދަރިވަރުންނަށް ފުރުސަތު ދިނުމުގައިވެސް ބަލާނެ އިމްތިހާނެއްގެ ގޮތުގައި ވަނީ ހަމަޖައްސާފައެވެ.
ޕައިލެޓް ޓެސްޓުގެ ފުރަތަމަ މަރުޙަލާއަށްފަހު، 2027 ވަނަ އަހަރުގެ ސާނަވީ އިމްތިޙާނުގައި ރަސްމީކޮށް ޤުރުއާން މާއްދާ ހިމަނައި، ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ދަރިވަރުންނަށްވެސް މި އިމްތިޙާނު ދިނުމަށް ވަނީ ރޭވިފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...