ޕްރައިމަރީގައި ބަލިވިޔަސް އިންތިޚާބުގައި ވާދަކުރެވޭނެ – ސްޕްރީމްކޯޓް
ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީން ނާކާމިޔާބުވާ ކެންޑިޑޭޓުންނަށް ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބުގައި ވާދަ ނުކުރެވޭ ގޮތަށް ޕާޓީތަކުގެ ގާނޫނުގައި އޮންނަ މާއްދާ ގާނޫނުއަސާސީއާ ހިލާފު ކަމަށާއި ޕްރައިމަރީން ބަލިވާ މީހުންނަށް ވެސް އިންތިހާބުތަކުގައި ވާދަކުރެވެން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ދެންމެ ހުކުމް ކޮށްފި އެވެ.
ނާރެސްއަށް މަޢޫލޫމާތު ލިބޭގޮތުގައި މިގޮތަށް ހުކުމް ކުރީ އެމްޑީޕީގެ ޕްރައިމަރީގައި ކާށިދޫ ދާއިރާގެ ޓިކެޓް ލިބިވަޑައިނުގެން ނާކާމިޔާބީއާ ކުރިމަތިވި ވިޔަފާރިވެރިޔާ އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސްޕެޝަލް އެންވޯއީ އަބްދުﷲ ޖާބިރާއި ވަކީލް އަބްދުލްމާނިއު ހުސައިންގެ އިތުރުން ސ. ހިތަދޫ ގުލްހަޒާރުގޭ އަހުމަދު މުހައްމަދުގެ ފަރާތުން ހުށަހެޅި މި މައްސަލައިގަ އެވެ.
ޕްރައިމަރީން ބަލިވި މީހުންގެ ތެރެއިން، ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވާދަކުރަން ބޭނުންވާ މީހުންނަށް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު، އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ މެންދުރު ފަހު 4:00 އާ ހަމަށް ދިނުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ވަނީ އަމުރުކޮށްފަ އެވެ.
ދެންމެ ކުރި ޙުކުމުގައި ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި ނުވަތަ އަމިއްލަ ހައިސިއްޔަތުން ވެސް ވާދަކުރުމުގެ ފުރުސަތު ދިނުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރުކޮށްފައިވެ އެވެ.


