ހީނާ، އިމްރާނަށް : އިންޑިއާ އައުޓް ހަރަކާތް ކުރިއަށްދާނެ
ހޯމް މިނިސްޓަރ އިމްރާން މިއަދު މަޖިލީހުގައި ހެއްދެވީ ބޮޑު ދޮގެއް ކަމަށާއި، ހުކުރު ދުވަހު “އިންޑިއާ އައުޓް” ހަރަކާތް ބާރަށް ކުރިއަށް ދާނެ ކަމުގައި އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އިދިކޮޅު ކޯލިޝަނުން ހިންގާ “އިންޑިއާ އައުޓް” ހަރާކަތް ހުއްޓުވުމަށް ފުލުހުން ކުރައްވަމުންދާ މަސައްކަތް އޮޅުންފިލުވުމަށް މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވީ މިމައްސަލާގައި މިހާރުވެސް މަޖިލީހުގެ 241 ކޮމެޓީއާއެކު މަސައްކަތް ކުރަމުންދާކަމަށެވެ.
އިދިކޮޅު ފަރާތްތަކުން ހިންގާ “އިންޑިއާ އައުޓް” ހަރަކާތާއި ގުޅިގެން ޤާނޫނުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅު މިހާރުވެސް ފުލުހުން އަޅަމުން ގެންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އަންނަ ހުކުރު ދުވަހުވެސް އެފަދަ ހަރަކާތެއް ހިންގާކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން އެހަރަކާތް ހިންގާ ފަރާތްތަކާއި ބައްދަލުކޮށް ޤާނޫނާއި ޚިލާފް އެއްވެސް ހަރަކާތެއް ހިންގުމަށް ފުލުހުން ޖާގަ ނުދޭނެކަމަށް ދަންނަވާފައިވާނެކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.
އިމްރާންގެ ވާހަތައް ދޮގުކޮށް، އިދިކޮޅު ކޯލިޝަންގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ، ހުކުރު ދުވަހު ބާއްވާ ހަރަކާތާއި ގުޅޭގޮތުން މިހާތަނަށް އެއްވެސް އިދާރާއަކައި، މަޝްވަރާކޮށްފައި ނުވާކަމަށެވެ. ނަމަވެސް މިހަރަކާތް އޮތީ 25 ވަނަ ދުވަހު ކުރިއަށް ގެންދާ ގޮތަށް ކަމަށާއި، މިހަރަކާތް ހުއްޓާލުމުގެ އެއްވެސް ވިސްނުމެއް ނެތްކަމަށެވެ.
މަޖިލިސްގައި ހޯމް މިނިސްޓަރ ހެއްދެވީ ކަނޑައެޅިގެން އިތުރުފުޅެއް. 25 ވަނަ ދުވަހުގެ އިވެންޓާއި ގުޅިގެން އެއްވެސް ބައްދަލުވުމެއް އަދި އެއްވެސް ކޮމިއުނިކޭޝަނަށް ހިނގާފަ އެއްނުވޭ. “އިންޑިއާ އައުޓް” ބާރަށް ކުރިއަށް ދާނެ.
– ޕީޕީއެމްގެ ތަރުޖަމާން ހީނާ ވިދާޅުވިއެވެ.

