ރައީސްގެ އަރިހަށް ޔޫއޭއީގެ އެންވަޔަރަމަންޓް މިނިސްޓަރ އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ޔުނައިޓެޑް އެރެބް އެމިރެޓްސްގެ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް އެންޑް އެންވަޔަރަންމަންޓް، މަަރްޔަމް ބިންތް މުޙައްމަދު ސަޢީދު ހަރެބް އަލްމެހްރި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޔޫ.އޭ.އީގެ މިނިސްޓަރ ރާއްޖެ ވަޑައިގަތުމުން މަރުޙަބާ ވިދާޅުވެ، އެ ޤައުމުގެ އިސް ވެރިންނަށް ހެޔޮ އެދުންތައް ފޮނުއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖެއާއި ޔޫ.އޭ.އީއާ ދެމެދުގައި އޮންނަ ގާތް އަޙުވަންތަކަމުގެ ގުޅުން ބިނާވެފައިވަނީ އިސްލާމްދީނުގެ އަސާސްތަކާއި، ސަޤާފަތާއި، ދެޤައުމުން ޤަބޫލުކުރާ ކަންތައްތަކުގެ މައްޗަށްކަމަށެވެ.
ޔޫ.އޭ.އީގެ މިނިސްޓަރގެ ވާހަކަފުޅުގައި އެކަމަނާ ވަނީ މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް ކުޑަކުރުމުގެ ގޮތުން ދިވެހި ސަރުކާރުން ކުރަމުންދާ ބައެއް މައްސަކަތްތައް ފާހަގަކުރައްވާ ތަޢުރީފްކުރައްވާފައެވެ. މިގޮތުން ރާއްޖެއިން 2030 ވަނަ އަހަރާ ހަމަޔަށް ދާން ވާއިރަށް ނެޓް ޒީރޯއަށް ވާސިލުވުމަށް ކުރާ މަސައްކަތްތައް އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.
