ޚަބަރު

ފުލުހުން ސުވާލުކުރީ ފައިސާއާއި ގުޅޭ ދެ މައްސަލައެއްގައި – ރައީސްޔާމީން

ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކުރީ ފައިސާއާ ގުޅޭ ދެ މައްސަލައެއްގައި ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން މިއަދު މެންދުރު ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވީ ފުލުހުންގެ އިދާރާއަށް ހާޒިރު ކުރުމަށްފަހު ފުލުހުން ސުވާލު ކުރީ ދެ ކަމެއްގައި ކަމަށެވެ. އޭގެތެރެއިން އެއް ކަމަކީ އެމަނިކުފާނުގެ އެކައުންޓަށް ވަތް ފައިސާތަކަކާއި ބެހޭ މައްސަލައެއް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އެ ފައިސާތަކަކީ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ކަންކަމަށް ޚަރަދު ކުރުމަށްޓަކައި އެކައުންޓަށް ވަތް ފައިސާއެއް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ރައީސް ޔާމީން ވިދާޅުވީ އަނެއް މައްސަލައަކީ އެމްއެމްޕީއާރުސީގެ ޗެކެއްގެ މައްސަލަ ކަމަށެވެ.

ރައީސް ޔާމީން ފުލުހަށް ހާޒިރުވާން މިއަދު 2:00 އަށް އެންގުމުން އެމްޑީޕީގެ އެކްޓިވިސްޓުންނާއި، ޕީޕީއެމްގެ އެކްޓިވިސްޓުންވަނީ މަގުމައްޗަށް ނުކުމެފައެވެ. އެ ދެބައިމީހުންވެސް އެއްވީ އާޓިފިޝަލް ބީޗު ސަރަހައްދުގައި ހުންނަ ދެ ޕާޓީގެ ހަރުގެ ކައިރި އަށެވެ. ޕީޕީއެމްގެ އެކްޓިވިސްޓުން އެއްވީ ހަމަ އެ ސަރަހައްދުގައި ހުންނަ އެ ޕާޓީގެ އޮފީސް ދޮރުމައްޗަށެވެ.

ރައީސް ޔާމީން ފުލުހަށް ހާޒިރުކުރީ އެމަނިކުފާނު ގާނޫނާ ޚިލާފަށް މާލީ މުއާމަލާތްތަކެއް ހިންގެވި ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް މާލީ ބައެއް އިދާރާތަކުން ހުށަހެޅުމުން ފުލުހުން އެ މައްސަލަ ބަލަމުންދާތީ އެވެ. ވެރިކަން ނިމުނުއިރު ފަހުން ޖިނާއީ ތުހުމަތެއްގައި އެމަނިކުފާނު ފުލުހަށް ހާޒިރުކުރާ މިއީ ފުރަތަމަ ފަހަރެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close