މުޒާހަރާ އިން ހައްޔަރު ކުރި މީހުން ދޫކޮށްލަން ގޮވާލައި ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި
“ނޭވާހޮޅިއަށް” މިނަމުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ހުކުރު ދުވަހު ބޭއްވި އެއްވުމުގެ ތެރެއިން ހައްޔަރު ކުރި މީހުން ދޫކޮށްލުމަށް ގޮވާލާ ހުށަހެޅި ކުއްލި މައްސަލަ މަޖިލީހަށް ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ.
މި ކުއްލި މައްސަލަ މަޖިލީހަށް ހުށަހަޅުއްވީ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމެވެ. މައްސަލަ ބަލައިގަންނަން ފެންނަކަމަށް މަޖިލީހުގައި ވޯޓު ދެއްވީ ތިން މެމްބަރުންނެވެ. އަދި މި ކުއްލި މައްސަލަ ބަލައިގަތުމާ ދެކޮޅަށް 26 މެމްބަރުން ވޯޓު ދެއްވިއެވެ.
ޝިޔާމްގެ މައްސަލާގައި ބުނެފައިވަނީ އިންޑިޔާގެ މިލިޓަރީ ސިފައިން ދިވެހިރާއްޖޭގައި ތިބުމާ ދެކޮޅަށް މިމަހުގެ 25 ވަނަ ދުވަހު މާލޭގައި ބޭއްވުނު އިޙްތިޖާޖުގެ ތެރެއިން ދިވެހި ސަރުކާރާ އިންޑިޔާގެ އަމުރަށް 17 މީހަކު ހައްޔަރުކޮށް، ދޫނިދޫ ޖަލުގައި ބަންދުކޮށް އަނިޔާ ކޮށްފައިވާކަމަށެވެ.
އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ރައްޔިތުން އިންތިޚާބުކޮށްފައިވާ ފަރާތްތަކާއި އިންޑިޔާ މިލިޓަރީ ސިފައިން ތިބުމާ ދެކޮޅަށް އަޑުއުފުލި އެތައް ދިވެހި ރައްޔިތުން ހިމެނޭ ކަމަށެވެ.
އަދި ހައްޔަރުކުރޮ މީހުންގެ ތެރެއިން 9 މީހުން އަދިވެސް ބަންދުކޮށްފައިވާ ކަމަަށާއި އެއްވެ އުޅުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ޤާނޫނު އަސާސީގެ 27 ވަނަ މާއްދާއާއި 32 ވަނަ މާއްދާއިން ރައްޔިތުންނަށް ލިބިދީފައިވާ އަސާސީ ޙައްޤުތަކަށްވާއިރު އެ ޙައްޤުތައް ހަނިކޮށް، ނިގުޅައިގަނެފައިވާކަމަށް އެ މައްސަލައިގައި ބުނެފައިވެއެވެ.

