ޚަބަރު

މުޅި އިންސާނިއްޔަތު ދިފާޢު ވެގެން މެނުވީ ހަޤީގީ ދިފާއެއް އަދި މާނަވީ ސަލާމަތެއްނެތް – ރައީސް ސާލިހު

މުޅި އިންސާނިއްޔަތާ ހުރިހާ ޤައުމެއް ދިފާޢު ވެގެން މެނުވީ ހަޤީގީ ދިފާއެއް އަދި މާނަވީ ސަލާމަތެއް ކޯވިޑް19އާއި ދެކޮޅަށް ކުރެވެމުންދާ މަސައްކަތްތަކުން ނުހޯދޭނެ ކަމުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އދ.ގެ 76ވަނަ އާންމު މަޖިލިހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސާލިހު މިއަދު ވިދާޅުވީ ކޯވިޑް19ގެ ވަބާއިން ރައްކާތެރިވުމަށް އޮތް އެންމެ މުހިންމު ފިޔަވަޅަކީ ވެކްސިން ކަމަށާއި، އެހެންކަމުން، ހަމަހަމަކަމާއެކު ވެކްސިން ފޯރުކޮށްދިނުމަކީ އޮތް އެންމެ މުހިންމު ހައްލު ކަމުގައެވެ. އަދި މިފަދަ ބަލިމަޑުކަމެއް ތަކުރާރުވިޔަ ނުދިނުމަށް މުޅިދުނިޔޭގެ ލޯތައް އަމާޒުކޮށް އެތިބީ، އާންމު މަޖިލިހަށް އެއްވެ ތިބި ގައުމުތަކަށް ކަމަށާއި، މިކަމަށްޓަކާ، ވަސީލަތްތަކާ ހަކަތައާ ޢިލްމާ ހުނަރާ ހޯދުންތައް އެއްތަންކޮށް، ހިއްސާވުމަށް އެއްބަސްވާންޖެހޭ ކަމުގައެވެ.

މި ޖަލްސާގައި އިތުރަށް ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ، ކޯވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށްޓަކާ ހަމައެކަނި ބަލި ފެތުރުން މައިތިރި ކުރުމަކުން ނުނިމޭނެ ކަމަށާއި، އިޤްތިޞާދާ ފަރުދުންގެ ދިރިއުޅުން އަލުން އާރާސްތުކުރާނެ މަގެއް ހޯދުމުގެ މުހިންމުކަން އެމަނިކްފާނު ފާހަގަ ކުރެއްވިއެވެ.

އަދި ވިދާޅުވީ، ކޯވިޑް 19 އިންސާނުންނަށް އިއްވައިދިނީ އިންޒާރުގެ ރަނގަބީލެއް ކަމުގައެވެ.

އާންމު މަޖިލިހުގައި ފުރަތަމަ ފަހަރަށް ދިވެހިބަހުން ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހުވިދާޅުވީ، މުޅިދުނިޔެ ތަހައްމަލުކުރަން ޖެހުނު ކޯވިޑް-19 ގެ ބަލިމަޑުކަމަކީ ދިވެހިރާއްޖެ ދުށް އެންމެ ބޮޑު ގޮންޖެހުން ކަމުގައެވެ.

އަޅުގަނޑުމެންގެ އިޤްތިޞާދުގެ ނާރެސް ބަރޯސާވަނީ ފަތުރުވެރިކަމަށް. ކާބޯތަކެއްޗާ، ބޭހާ އަދި ބޯހިޔާވަހިކަމަށް ބޭނުންވާތަކެތި ޖެހެނީ ބޭރުން ގެންނަން. ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމާއެކު ފޫނުބެއްދޭވަރުގެ ގެއްލުންތަކެއް ތަހައްމަލްކުރަން ޖެހުނު. ފަތުވެރިކަން މުޅިން ހުއްޓުނު. ބޭރު ފައިސާ ލިބުން ދަތިވި. ވިޔަފާރިތައް ހުއްޓުމަކަށް އައި. ފުރަބަންދުގެ ސަބަބުން ރައްޔިތުންގެ އިޖްތިމާޢީ ދުޅަހެޔޮކަން އެނދުމަތިވި. ދެލޯ ނޭދި އެދޭ އަޅުގަނޑުމެންގެ ދަރީންގެ ތަޢުލީމު އަހަރުތަކަކަށް ފަހަތަށް ޖެހުނު، މިކަންކަމާ ކުރިމަތިލުމުގާ އިހަށް ވިސްނަން ޖެހުނީ، މިކަމުގާ ވިސްނަންވީ ގޮތަކީ ކޮބައިތޯ؟

– ރާއްޖެއަށް ކޯވިޑް19ގެ ސަބަބުން ކުރިމަތިވެދިޔަ ބޮޑެތި ގޮންޖެހުންތަކަށް އަލި އަޅުއްވާލައްމުން ރައީސް ސާލިހު ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ، ކޯވިޑް19ގެ ނުރައްކަލުން ސަލަމާތްވުމަށް ރާއޖޭގެ ބޯޑަރުތައް ބަންދުކުރީ ހިތާ ޒަމީރު ރުހިގެންނެއް ނޫން ކަމަށާއި، ބަޔަކު އެކަމަށް އެދޭތީއެއްވެސް ނޫން ކަމުގައެވެ.

އެކަމަކު އެ އުނދަގޫ ނިންމުން ނިންމަން އެވަގުތު މަޖުބޫރު ވެވަޑައިގެންނެވިކަމަށް ވިދާޅުވަމުން ރައީސް ސާލިހު ވިދާޅުވީ، މިބަލިމަޑުކަމާ ކުރިމަތިލުމަށް ދިވެހިރާއްޖެއިން ފަށަންޖެހުނީ ސުމަކުން ކަމުގައެވެ. މިގޮތުން އޭރު އަދި ވެކްސިން އޮތީ ހަމައެކަނި ދެކޭ ހުވަފެނެއްގެ ގޮތުގައި ކަމަށް ވިދާޅުވަމުން ވިދާޅުވީ މިބަލިމަޑުކަމުގެ ތެރޭން މިހިސާބަށް އާދެވެންދެން ދިވެހިރާއްޖެއަށް ކަށަވަރުކުރަން ޖެހުނު ވަކި ކަންތައްތަކެއް ހުރި ކަމުގައެވެ. އެއީ ކަމާބެހޭ ޞިއްހީ މާހިރުންގެ ލަފައާއި އިރުޝާދުގެ މަތީގާ ދެމިތިބުންމާއި، މުވައްޒަފުންނާ މުއައްސަސާތަކާ ވޮލަންޓިއަރުންގެ ސަފުތައް ރުކުރުވާލުންމާއި، ކާޑާ، ބޭހާ، ތެލާ، އެނޫންވެސް ޒަރޫރީ ތަކެތީގެ ސްޓޮކް ގުދަން ކުރުން ކަމުގައެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން އެދުވަހު ޤައުމުލީ ފުންނޭވާއަށް މިވަގުތު ވަނީ ހަމަޖެހުމެއް ލިބިފައި ކަމުގައި ވިދާޅުވަމުން ރައީސް ސާލިހު ވިދާޅުވީ، ރާއްޖޭގައި ވެކްސިން ޖެހޭ ޢުމުރުފުރާގެ 95 އިންސައްތަ އަށްވުރެ ގިނަ ކިޔަވާ ކުދިންގެ ވެކްސިން ފުރިހަމަ ވެފައިވާ ކަމުގައެވެ. އަދި ރާއްޖޭގާ ދިރިއުޅޭ އާބާދީގެ 85 އިންސައްތަ އަށްވުރެ ގިނަ މީހުން ވެކްސިން ފުރިހަމަކޮށް މިހާރު ސްކޫލްތައްވެސް ފެށިފައިވާ ކަމުގައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close