ޚަބަރު

24 ގަޑިއިރުތެރޭގައި މާލެއިން 3 ވަނަ މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

މާލެއިން އަނެއްކާ ވެސް އިތުރު މީހަކު ކޮވިޑް-19 އަށް ފައްސިވެ ވޭތުވެދިޔަ ސައުއްވީސް ގަޑިއިރު ތެރޭގައި ޖުމުލަ 3 މީހުން މާލެތެރެއިން ކޮވިޑަށް ފައްސިވެއްޖެއެވެ.

އެކަންވަނީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިހާރު ކަށަވަރުކޮށްދީފައެވެ. މިކަން ހާމަކޮށް އެޗްޕީއޭއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، މާލެ އިން ކޮވިޑް-19 އަށް ފައްސިވި ތިންވަނަ މީހާއަކީ މާލެ އިން އެންމެ ފުރަތަމަ މި ބައްޔަށް ފައްސިވި މީހާ އާއި ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ މީހެއް ކަމަށެވެ.

މާލެއިން އެންމެ ފުރަތަމަ ކޮވިޑް-19 ޖެހިފައިވާ މީހަކު ފެނުނީ އިއްޔެ ހެނދުނު އެވެ. ދެވަނައަށް މި ބައްޔަށް މާލެ އިން ފައްސި ވެފައިވަނީ އޭނާގެ އުމުރުން ދެ އަހަރުގެ ތުއްތު ދަރިފުޅެވެ.

އެނގިފައިވާ ގޮތުގައި މާލެ އިން ކޮވިޑް-19 އަށް ފައްސިވި ތިންވަނަ މީހާ އަކީވެސް، މި ބައްޔަށް އެންމެ ފުރަތަމަ މާލެއިން ފައްސިވި މީހާ އާއި އާއިލީ ގޮތުން ގުޅުން އޮންނަ މީހެކެވެ.

މާލެ އިން ކޮވިޑް-19 އަށް އެންމެ ފުރަތަމަ އިއްޔެ އަންހެނަކު ފައްސި ވުމާއި ގުޅިގެން އިދާރާތަކުން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކޮށް، އޭނާ އާއި ބައްދަލުވެފައިވާ ފަރާތްތަކުގެ ޓެސްޓުތައް ހަދަމުންދާއިރު، އޭނާގެ ފިރިމީހާގެ ޓެސްޓާއި، އޭނާ އާއި ސީދާ ބައްދަލުވި އިތުރު 9 މީހެއްގެ ޓެސްޓްތަކުގެ ނަތީޖާ ވަނީ ނައްސި ވެފައެވެ. “ވަގުތު” އަށް އެނގިފައިވާ ގޮތުން އަންހެން މީހާގެ ބޮޑު ދަރިފުޅުގެ ނަތީޖާވެސް ވަނީ ނައްސިވެފައެވެ.

މާލެއިން އިއްޔެ ހެނދުނު ކޮވިޑް-19 އަށް ފައްސިވި މީހާއަކީ ފާއިތުވެދިޔަ ދުވަސްތަކުގައި ރާއްޖެއިން ބޭރަށް ދަތުރުކޮށްފައިވާ މީހަކަށް ނުވާއިރު، މުޖުތަމަޢުގެ ތެރޭގައި ފުރަތަމަ ފަހަރަށް ވައިރަސް ފެތުރެން ފަށާފައިވާކަން ވަނީ ޔަޤީންކުރެވިފައެވެ.

ކޮވިޑް-19 ޖެހިފައި ހުރި މީހަކު މާލެ އިން ފެނުމުން މާލޭގެ އެލާޓް ލެވަލް އިއްޔެ ވަނީ ރަތައް ޖައްސާފައެވެ. ރަތް އެލާޓް ނެރެނީ އެއްވެސް ގައުމަކަށް ދަތުރުކޮށްފައި ނެތް މީހުންގެ މެދުގައި ބަލި ފެތުރެން ފެށުމުންނެވެ.

އިތުރުމީހުންގެ ސާމްޕަލްތައް ނަގައިފައިވާއިރު އަދި ބައެއް މީހުންގެ ނަތީޖާވަނީ ނުލިބިއެވެ. އެމީހުންގެ ނަތީޖާތައް ކުރިއަށް އޮތް ސައުއްވީސް ގަޑިއިރުގެ ތެރޭގައި ލިބޭނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close