ޚަބަރު

ރައީސް، އަލިފުއްޓަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމާލައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ރ. އަލިފުށްޓަށް ކުރެއްވި ދެދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.
ރައީސްގެ ދެކަނބަލުން ރ. އަލިފުށްޓަށް ކުރެއްވި މިދަތުރުފުޅަކީ، 2022 ވަނަ އަހަރުގެ ބައިނަލްއަޤުވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާއި ގުޅިގެން ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރެއްވި ދަތުރުފުޅެކެވެ.

ބައިނަލްއަޤުވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. މިގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދެއްވާ މާލީ ޢިނާޔަތަށް ގެނެވޭ ބަދަލު ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން މިދަތުރުފުޅުގެ ތެރެއިން ރައީސްގެ ދެ ކަނބަލުންވަނީ، އަލިފުށީ ސްކޫލުގައި މިސަރުކާރުން އިމާރަތްކޮށްދެއްވި މަލްޓިޕަރޕަސް ހޯލްވެސް ރަސްމީކޮށް ހުޅުއްވައިދެއްވާފައެވެ.

އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ، ރ. އަލިފުށީ ކައުންސިލާ އަދި ރ. އަތޮޅު ކައުންސިލާ ވަކިން ބައްދަލުކުރައްވައި، ތަރައްޤީގެ މަޝްރޫޢުތަކާއި ރައްޔިތުންނަށް ބޭނުންޖެހިފައިވާ ކަންކަމާއި ގުޅޭ ގޮތުން އެ ކައުންސިލްތަކާއި އެކު މަޝްވަރާކުރައްވާފައެވެ.

މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާއާ އެމަނިކުފާނުގެ އަނބިކަނބަލުން އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close