ޚަބަރު

ހެކީގެ ގޮތުގައި ވީޑިއޯ އަކާއި، އޯޑިއޯއެއް ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅައިފި

ސްޕްރީމް ކޯޓްގައި މިހާރު ކުރިއަށްދާ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ އިސްތިއުނާފް ޝަރީޢަތަށް އެމަނިކުފާނުގެ ފަރާތްޕުޅުން އައު ހެކީގެ ގޮތުގައި ކުރީގެ ނައިބުރައީސް އަޙްމަދު އަދީބުގެ ވީޑިޔޯއަކާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ކުރީގެ ނައިބުރައީސް މުޢައްވިޒު ރަޝީދުގެ އޯޑިއޯއެއް ހުށަހަޅައިފިއެވެ.

އަދީބުގެ ވީޑިޔޯއަކީ އޭނާ ޕީޕީއެމްގެ ނައިބުރައީސްގެ ހައިސިއްޔަތުން ނޫސްވެރިންނާ ބައްދަލުކުރައްވައި 2015 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައި ދެއްކެވި ވާހަކަފުޅެކެވެ. އެ ވާހަކަފުޅުގައި އަދީބު ވިދާޅުވެފައިވަނީ އޭނާގެ އަތްޕުޅުގައި ރައީސް ޔާމީނުގެ ގިނަ ޢަދަދެއްގެ ފައިސާ ހުރި ކަމަށެވެ. އަދި އޭނާއަކީ ޕީޕީއެމްގެ އަދި ރައީސް ޔާމީނުގެ ކެމްޕެއިން ފައިސާ މެނޭޖުކުރައްވާ ބޭފުޅާ ކަމަށްވެސް އަދީބު އެ ހެކި ބަހުގައި ވިދާޅުވެފައިވެއެވެ.

އަދީބު އެއިރު ދެއްކެވި ވާހަކައަށް އިތުރަށް ބާރުދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާއީލާއި އިތުރު ޝަފަހީ ހެއްކެއްވެސް ރައީސް ޔާމީނުގެ ފަރާތްޕުޅުން ހުށަހަޅާފައިވެއެވެ.

އޭގެ އިތުރަށް ރައީސް ޔާމިނުގެ ފަރާތްޕުޅުން ހެކީގެ ގޮތުގައި ހުށަހަޅުއްވާފައިވަނީ ސުޕްރީމް ކޯޓުގެ ޝަރީޢަތް ފެށުމުގެ ކުރިން ލީކުވި މުޢައްވިޒު ރަޝީދުގެ އޯޑިއޯއެވެ. އެ އޯޑިއޯގައި މުޢައްވިޒުވަނީ ހެކިބަސްދިނުމަށް އޭނާއަށް ޕްރެޝަރު ކުރިމަތިވިކަމަށް ދޭހަވާ ގޮތަށް ވާހަކަދައްކަވާފައެވެ. އޭގެ އިތުރަށް އޭނާވަނީ ރައީސް ޔާމީނުގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވި ހުކުމަކީ ރަނގަޅު ހުކުމެއް ނޫންކަމަށް ދޭހަވާ ގޮތަށްވެސް ވާހަކަދައްކަވާފައެވެ.

އަދީބުގެ ވީޑިޔޯއާ ގުޅިގެން ރައީސް ޔާމީނު ވިދާޅުވީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި ފައިސާގެ އަދަދަކީ ކޮބައިކަމާއި އެ ފައިސާއާ ހަވާލުވީ އަދީބުކަން ހައިކޯޓުގައި ފާހަގަކުރެއްވި ކަމަށެވެ. ނަމަވެސް އެކަމުގައި އެމަނިކުފާނާ އިތުރު ސުވާލެއް ކޯޓުން ކޮށްފައިނުވާ ކަމަށެވެ. ޝަފަހީ ހެކިން ހުށަހެޅުއްވީ އެމަނިކުފާނު އެ ފައިސާ އަދީބަށް ދެއްވިކަން ސާބިތުކުރެއްވުމަށް ކަމަށެވެ. އަދި އޭސީސީއާއި ފުލުހުގެ ތަހުގީގުގައިވެސް އެމަނިކުފާނުގެ ފައިސާ އަދީބުގެ އަތްޕުޅުގައި ހުރިކަމަށް ވިދާޅުވި ކަމަށެވެ.

ނަމަވެސް އެއިން އެއްވެސް އިދާރާއަކުން ރައީސް ޔާމީނުގެ ފައިސާ އަދީބަށް ލިބުނު ގޮތް ހޯދުމަށް މަސައްކަތްކޮށްފައިނުވާ ކަމަށެވެ. އަދި އަދީބު ކުރިމިނަލް ކޯޓުގައި އޭނާއަށް ކެމްޕޭން ފައިސާ ލިބޭ ކަމަށާއި ލިބެނީ މަދުމަދުން ކަމަށް ވިދާޅުވި ކަމަށާއި، ނަމަވެސް އެއިރު އޮތީ ހެކި ހުށަހެޅުމުގެ ފުރުސަތު ބަންދުވެފައި ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެމަނިކުފާނު ފާހަގަކުރައްވާފައިވަނީ ކޯޓުގައި އަދީބު ދެއްކެވި ވާހަކައަށް ރައްދުދިނުމަށް އެކަށީގެންވާ ހެކި ނުލިބޭ ކަމަށެވެ. އަދި ހުށަހެޅުއްވި ދެ ހެކިންނަކީ މަޖިލިސް މެންބަރުންނާ ބައްދަލުކުރައްވައި ރައީސް ޔާމީނުގެ 5 މިލިއަން ޑޮލަރު ހުރިކަމަށް ވިދާޅުވިކަން ސާބިތުކުރެއްވުމަށް ހުށަހެޅުއްވި ދެ ހެކި ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close