ޚަބަރު

ކުޑަކުދިންގެ ހިޔާގެ 21 މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފި

ޖެންޑާ މިނިސްޓްރީގެ ވިލި މާލޭ ކުޑަކުދިންގެ ހިޔާގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ސިވިލްސާވިސްގެ 21 މުވައްޒަފަކު ވަޒީފާއިން ވަކި ކޮށްފިއެވެ.

އެ މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރ ރިޒްނާ ޒަރީރު ބައެއް އޮންލައިން ނޫސް ތަކަށް ވިދާޅުވީ، ވަޒީފާއިން ވަކި ކޮށްފައި ވަނީ ވިލި މާލޭ ކުޑަކުދިންގެ ހިޔާގައި މަސައްކަތްކުރާ މުވައްޒަފުން ތަކެއް ކަމަށެވެ. އަދި ވިދާޅުވީ، އެ މުވައްޒަފުން މަދުކުރަން ނިންމީ ހިޔާގައި ތިބި ކުދިން އަތޮޅު ތެރޭގައި ގާއިމުކޮށްފައިވާ އަމާން ވެއްޓަށް ބަދަލު ކުރުމުން، ހިޔާގައި ކުދިން ބަލަހައްޓަން ގިނަ މުވައްޒިފުން ބޭނުން ނުވާތީ ކަމަށެވެ.

ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި އަމާން ވެށީ ނަމުގައި ކުޑަކުދިން ބަލަހައްޓާ ތަނެއްވަނީ ޤާއިމްކޮށްފައެވެ. އަދި އެ ތަންތަނަށް ކުދިން މިހާރުވަނީ ބަދަލުކޮށްފައެވެ.

ރިޒްނާ އިތުރަށް ވިދާޅުވީ، މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި މިނިސްޓްރީން ހިޔާގައި ތިބި މުވައްޒިފުންނާ ބައްދަލުކޮށް ކުރިޔަށް ދާނެ ގޮތަކާމެދު މަޝްވަރާ ކުރެވުނު ކަމަށެވެ. މިގޮތުން ހިޔާގައި ތިބި 71 މުވައްޒިފުންގެ ތެރެއިން 43 މުވައްޒިފުން މިނިސްޓްރީގެ އެކިއެކި ދާއިރާތަކުގައި މަސައްކަތް ކުރަމުން އަންނަ ކަމަށާއި 7 މުވައްޒިފަކުވަނީ އަމިއްލައަށް ވަކިވެފައި ވާ ކަމަށް އޭނާ ވިދާޅުވިއެވެ.

“މިނިސްޓްރީގެ އެކިއެކި ދިމަދިމާލުގައި ހުރި ވަޒީފާތަކުގައި މަސައްކަތް ކުރަން ބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލެވިފައިވަނީ. ހުޅުވާލިއިރުގައި ތިން މުވައްޒިފަކު ޝައުޤުވެރިކަން ފާޅު ކުރި އަތޮޅު ތެރޭގެ ރަށްތަކުގައި މަސައްކަތް ކުރަން” ރިޒްނާ ވިދާޅުވީ އެ ވަގުތު ކޮވިޑް-19 ހާލަތު ހުރި ގޮތުން އެ ފަރާތްތަކަށް ބަދަލު ނުކުރެވި ދިޔަކަމަށެވެ.

ރިޒްނާ ވިދާޅުވީ، ވަޒީފާއިން ވަކި ކުރަން ނިންމި 21 މުވައްޒިފުންނަކީ ސިވިލް ސާވިސްއިން ބަލަން ޖެހޭ ބެލުންތައް ބެލުމަށް ސިވިލްސާވިސް އިން ވަޒީފާއިން ވަކި ކުރަން ޖެހޭ ކަމަށް ނިންމި ބޭފުޅުން ކމަށެވެ.

ވަޒީފާއިން ވަކިކުރި މުވައްޒިފަކު “ދެން” އަށް މައުލޫމާތު ދެމުން ބުނެފައިވަނީ ވަޒީފާއިން ވަކި ކުރުމުގެ ކުރިން، އިތުރު މުއަައްސަސަތަކާ ވާހަކަ ދައްކައިގެން އެ މުވައްޒިފުންނަށް ވަޒީފާ ހަމަޖައްސައިދޭނެ ކަމަށް ބުނެފައިވާ ކަމަށާއި އެހެންނަމަވެސް އެކަން މިނިސްޓްރީން ނުކޮށްދިން ކަމަށެވެ.

“ކުރިން އޮތް ގޮތަކީ އެެހެން މުއައްސަސާތަކާ ވާހަކަ ދައްކައިގެން ވަޒީފާ ހަމަޖައްސަދޭނެ ކަމަށް، އެކަމަކު ޖެންޑާއިން އެކަން ހަމަޖައްސައެއް ނުދިން” މައުލޫމާތު ދެމުން އޭނާ ބުންޏެވެ.

މިކަމާ ގުޅިގެން ސުވާލު ކުރުމުން ރިޒްނާ ވިދާޅުވީ، ވަޒީފާއިން ވަކިކުރުމާއި ގުޅޭ ގޮތުން ގޮތް ނިންމީ މިނިސްޓްރީން ނޫން ކަމަށާއި އެއީ ސިވިލް ސާވިސްގެ ނިންމުމެއް ކަމަށެވެ. އަދި މިނިސްޓްރީ އެ މުވައްޒިފުންނާ ބައްދަލުކޮށް، ވަޒީފާއިން ވަކިވާނެ ކަމަށާއި ސަބަބުތައް ޑިސެންބަރުން ފެށިގެން ސާފުކޮށްދެމުން އައި ކަމަށް ރިޒްނާ ވިދާޅުވިއެެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close