ޚަބަރު

ހިޔާގައި ތިބި ކުދިންނަށް އަނިޔާ ނުކުރާ ކަމަށް ފުލުހުން ބުނެފި

ހިޔާގައި ތިބި ކުދިންނަށް އަނިޔާ ނުކުރާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 2017 ވަނަ އަހަރު ތުލުސްދޫގައި ހިންގި ކޭންޕްގައި ފުލުހުންގެ ފަރާތުން ކުދިންތަކަކަށް އަނިޔާވި މައްސަލައެއްގައި 8 ފުލުހެއްގެ މައްޗަށް ޖިނާއީ ދައުވާ ކުރަން ފޮނުވާފައިވާކަން އެޗްއާރުސީއެމުން މިއަހަރުގެ އޮކްޓޯބަރު މަހުގެ ފަސް ވަނަ ދުވަހު އަންގާފައިވާ ކަމަށެވެ.

އެ ދަތުރުގެ ބައިވެރިން ކޮންޓްރޯލް ކުރުމަށް އެ ކުދިންގެ އަތުގައި ބިޑިއަޅުވާފައިވުމާއި ބާރަށް ހަޅޭލަވާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ ރަހުމުކުޑަ ލާއިންސާނީ އަމަލު ހިންގުމުގެ ކުށުގެ ދައުވާ 13 ފުލުހެއްގެ މައްޗަށް ކޮށްފައިވާ ކަމުގެ މައުލޫމާތު މިއަހަރުގެ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހު ޕީޖީ އޮފީހުން އަންގާފައިވާ ކަމަށެވެ. އަދި ތިން ފުލުހެއްގެ މައްޗަށް ދައުވާ ނުކުރަން ނިންމާ އެކަން ވެސް އަންގާފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ، އެ ކޭމްޕްގައި ކުޑަކުދިންގެ ހައްގަށާއި ކަރާމަތަށް އުނިކަން އަތުވެދާނެފަދަ އެއްވެސް ކަމެއް ހިނގާފައިވާ ކަމުގެ ރިޕޯޓެއް ދައުލަތުގެ އެއްވެސް މުއައްސަސާއަކުން މީގެ ކުރިން ފުލުހުންގެ ހިދުމަތަށް ހުށަހަޅާފައި ނުވާ ކަމަށާއި އެކޭމްޕަކީ އެކުދިންނަށް ބޭނުންތެރި ފައިދާ މިހާރު ވެސް އެކުދިންނަށް ކުރަމުންދާ ކޭމްޕެއްކަން ވެސް ފާހަގަ ކުރާ ކަމަށެވެ.

“އެދަތުރުގައި ބައިވެރިވި ބައެއް ކުދިން ނުކިޔަމަންތެރިކަން ދެއްކުމުން އެކުދިން ކޮންޓްރޯލް ކުރުމަށާއި އެކުދިންނާއި އެހެނިހެން ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފުލުހުން އަމަލު ކޮށްފައިވަނީ ފުލުހުންގެ ގާނޫނާއި ގަވައިދުތަކުގެ ތެރެއިންކަން މިހާތަނަށް މި ހިދުމަތަށް ލިބިފައިވާ މައުލޫމާތުން ގަބޫލު ކުރެވެއެވެ” ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން މި ދަތުރުގައި ބައިވެރިވި ފުލުހުންގެ މައްޗަށް އެންޓި ޓޯޗަރ ގާނޫނުގެ 13/2013 ދަށުން ދައއުވާ ކުރަން ނިންމާފައިވާ ނިންމުމަކީ އެ މުއައްސަސާއިން ކަންބޮޑުވާ ކަމެއް ކަމަށާއި މައްސަލައާއި ގުޅޭ ގޮތުގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ތަހުގީގުން ހޯދިފައިވާ ހޯދުންތަކާއި މައްސަލައާއި ގުޅޭ އިތުރު މައުލޫމާތު އެ މުއައްސަސާއަށް ހިއްސާ ކޮށްދިނުމަށް ފުލުހުން ވަނީ އެދިފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close