ކޮވިޑަށް ޕޮޒިޓިވް ވެފައި ތިބި މީހުން ވޯޓް ލާން ދިއުމުގެ ހުއްދަދީފި
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވޯޓުލާން ދިއުމުގެ ހުއްދަ، ކޮވިޑަށްޕޮޒިޓިވް ވެގެން ކަރަންޓީނު ކޮށްފައިވާ ފަރާތްތަކަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދީފިއެވެ.
އެޗްޕީއޭ އިން ދެންމެ ކުރި އިއުލާނެއްގައި ވިދާޅުވީ އެކަހެރި ކޮށްފައި ތިބި މީހުން ވޯޓް ލާން ދާއިރު ހަކަމަކަށް ސަމާލުކަން ދޭން ޖެހޭނެ ކަމަށެވެ. އެއީ އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައިފައިވާ ގޮތެއްގެ މަތީން ވޯޓުލާ މަރުކަޒުތަކަށް ދިއުމަށާއި ހުރިހާ ވަގުތެއްގައި މާސްކު އަޅައިގެން ތިބުމާއި، ތިން ފޫޓުގެ ގައިދުރުމިން ބެހެއްޓުމުގެ އިތުރުން ސެނިޓައިޒަރ ބޭނުންކޮށްގެން އަތް ސާފުކުރުމާއި ޕަަބްލިކް ޓްރާންސްޕޯޓް (ބަސް، ފެރީ، ޓެކްސީ ފަދަ ތަކެތި) ބޭނުން ނުކުރުމާއި ވޯޓް ލާން ދިޔުމާއި އެނބުރި ގެޔަށް އައުމާ ދެމެދު މީހުންނާ ބައްދަލު ނުކުރުން އަދި ވޯޓުލުމަށްފަހު، ކަރަންޓީނު ގައި ނުވަތަ އެކަހެރިކުރެވިފައި ހުރި ތަނަށް ވަގުތުން އެނބުރި ދިއުމެވެ.
އިލެކްޝަންސް ކޮމިޝަނުން ކުރިން ނިންމާފައި ވަނީ ކޮވިޑް-19 އާއި ގުޅިގެން ކަރަންޓީނު ކޮށްފައިވާ ނުވަތަ އެކަހެރި ކޮށްފައިވާ ފަރާތްތައް ވޯޓް ލާން ދާނީ އަމިއްލައަށް ކަމަށެވެ. އެފަރާތްތައް ވޯޓް ލުމަށް ހަމަޖެހިފައި ވަނީ އެހެން މީހުން ވޯޓްލައި ނިމުމުން ހަވީރު 17:00 އިން އިރުއޮއްސި 18:00 އަށެވެ.
