ޚަބަރު

އެއްވެސް އިސްލާހަކަށް ބެލުމެއްނެތި ސަރުކާރުން ބޭނުންވި ގޮތަށް ޓެކްސް ބޮޑުކުރަން ފާސްކޮށްފި

އެއްވެސް އިސްލާޙަކަށް ބެލުމެއްނެތި، ސަރުކާރުން ހުށަހެޅި ގޮތަށް އަންނަ އަހަރުން ފެށިގެން ޓެކްސް ބޮޑު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މުޅި ކޮމިޓީން މިއަދު ނިންމައިފި އެވެ.
މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުން ފަރާތުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ހުށަހެޅީ ޖީއެސްޓީ އަށް ޕަސެންޓަށް އަދި ޓީޖީއެސްޓީ 16 ޕަސެންޓަށް ބޮޑު ކުރުމަށެވެ.

އެ ބިލަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވީ ޖީއެސްޓީ އާއި ޓީޖީއެސްޓީ މިހާރު ވެސް ގާނޫނުގައި އޮތް ގޮތަށް ހަ ޕަސެންޓާއި 12 ޕަސެންޓުގައި ބެހެއްޓުމަށެވެ.
ނަމަވެސް އެމްޑީޕީގެ 56 މެމްބަރުން އެކަމާ ދެކޮޅަށް ވޯޓު ދިނުމާ އެކު އެ އިސްލާހުތައް ފާހެއް ނުވި އެވެ.

އޭގެ ފަހުން، އެމްޑީޕީގެ ކުރީގެ ޕީޖީ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެންބަރު އާލީ އާޒިމް ވެސް ތިން ހުށަހެޅުމެއް ހުށަހެޅުއްވި އެވެ. އޭނާ ހުށަހެޅުއްވީ:
ޖީއެސްޓީ %14އަށް ބޮޑު ކުރަން – ފާސްކުރުމަށް ވޯޓު ދެއްވީ 15 މެންބަރުން؛ ދެކޮޅަށް 46 އަދި ވަކި ކޮޅަކަށް އެއް މެންބަރަކު ވޯޓެއް ނުދެއްވާ
ޓީޖީއެސްޓީ މިހާރު ނަގާ %12 ރޭޓުގައި ދަމަހައްޓަން – ފާސްކުރުމަށް ވޯޓު ދެއްވީ 19 މެންބަރުން؛ ދެކޮޅަށް 44 އަދި ވަކި ކޮޅަކަށް އެއް މެންބަރަކު ވަކި ކޮޅަކަށް ވޯޓެއް ނުދެއްވާ
އަންނަ އޭޕްރީލް މަހުން ފެށިގެން ޓެކްސް ބޮޑު ކުރަން – ފާސްކުރުމަށް ވޯޓު ދެއްވީ 15 މެންބަރުން؛ ދެކޮޅަށް 45 އަދި އެއް މެންބަރަކު ވަކި ކޮޅަކަށް ވޯޓެއް ނުދެއްވާ
އެ ވޯޓުތަކުގައި ވަކި ކޮޅަކަށް ވޯޓު ނުދެއްވަނީ، މާފަންނު މެދު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)
އެ ހުށަހެޅުންތައް ބޭރުކޮށްލުމަށް ފަހު، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބިލު އޮތް ގޮތަށް ވޯޓަށް އެހުމުން، އެ ބިލު ކޮމިޓީން ފާސްކޮށްފައި ވަނީ 50 މެންބަރުންގެ ވޯޓާ އެކުު އެވެ. ބިލާ ދެކޮޅަށް 19 މެންބަރަކު ވޯޓު ދެއްވި އިރު، އެމްޑީޕީއަށް ނިސްބަތްވާ އިބްރާހިމް ރަޝީދު ވަކި ކޮޅަކަށް ވޯޓެެއް ނުދެއްވަ އެވެ.
ޓެކްސް ބޮޑުކުރާ ބިލު އޮތް ގޮތަށް ފާސްކުރަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ވަނީ ތްރީލައިން ވިޕެއް ނެރެފަ އެވެ.
އެހެންކަމުން މުޅި މަޖިލީހުގެ ކޮމިޓީން ބިލު ފާސް ވެއްޖެ ކަމަށް ރިޔާސަތުން އެންގެވި އެވެ. އަދި މާދަމާ ރިޕޯޓް ފޮނުވުމަށް ފަހު ތަޅުމަށް ފޮނުވުމަށް އެޖެންޑާ ކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ސަރުކާރު ހުށަހެޅި ގޮތަށް ޓީޖީއެސްޓީ 12 އިންސައްތައިން 16 އިންސައްތަ އަށް ބޮޑު ކުރަން އަދި ޖީއެސްޓީ 6 އިންސައްތައިން 8 އިންސައްތަ އަށް ބޮޑު ކުރަން ފާސްވުމާ ގުޅިގެން އަންނަ އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން ބޮޑު ޓެކްސް ނަގަން ފަށާނެ އެވެ.

ޓީޖީއެސްޓީ އާއި ޖީއެސްޓީ ބޮޑުކޮށްގެން އަންނަ އަހަރު ދައުލަތަށް 3.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވެ އެވެ.
ޓެކްސް ބޮޑުނުކޮށް ހަރަދުކުޑަކުރަން ސަރުކާރުން ފިޔަވަޅުތަކެއް ނާޅައިފި ނަމަ، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ޑެފިސިޓް 14 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކޮށްފަ އެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ، އަންނަ އަހަރަށް ލަފާކޮށް 42.68 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅުއްވާފަ އެވެ.
އަންނަ އަހަރަށް ހުށަހެޅި ބަޖެޓްގައި:

42.68 ބިލިއަން ރުފިޔާ ހަރަދުވާނެ
އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 32 ބިލިއަން ރުފިޔާ
އަންނަ އަހަރުގެ ބަޖެޓް ޑެފިސިޓް ހުންނާނީ 8.4 ބިލިއަން ރުފިޔާގައި ކަމަށް ވަނީ ލަފާކޮށްފައި
މިއީ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީގެ ނިސްބަތުން %8.1ގެ ޑެފިސިޓެއް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close