ރައްޔިތުންގެ މުޒާހަރާތަކާހެދި ޓެކްސް ބޮޑުނުކުރަން ކެންޔާ ސަރުކާރުން ނިންމައިފި

ކެންޔާގެ ވެރިރަށް ނައިރޯބީގައި މިދިޔަ ހަފްތާއިން ފެށިގެން ކުރަމުންދާ މުޒާހަރާތަކާއި ގުޅިގެން، ހިނގަމުންދާ ހަމަނުޖެހުންތައް ބޮޑުވެގެން، ކެންޔާ ސަރުކާރުން ޓެކްސް ބޮޑު ނުކުރަން ނިންމައިފިއެވެ.
ޓެކްސް ބޮޑުކުރުން ހިމެނޭ މާލީ ބިލު އަނބުރާ ގެންދަވާނެ ކަމަށް ކެންޔާގެ ރައީސް ވިލިއަމް ރޫޓޯ ވިދާޅުވެފައިވާއިރު، ކެންޔާގެ ސަރުކާރާ ދެކޮޅަށް އެ ގައުމުގެ ރައްޔިތުން ގެންދަނީ ވަރުގަދަ މުޒާހަރާތަކެއް ކުރަމުންނެވެ.
ގައުމާ މުޚާތަބުކުރައްވައި ރޫޓޯ ވިދާޅުވީ، ކެންޔާގެ ރައްޔިތުން އެ ބިލު އެއްވެސް ގޮތަކަށް ބޭނުންނުވާކަން ސާފުވެއްޖެ ކަމަށެވެ. އަދި، އެ ބިލު ގާނޫނަކަށް ބަދަލުކުރުމަށް ބިލު ތަސްދީގުނުކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ކެންޔާގެ ސަރުކާރާ ދެކޮޅަށް އެ ގައުމުގެ ރައްޔިތުން މުޒާހަރާކުރަން ފަށާފައިވަނީ މާލީ އިސްލާހުތަކެއް ހުށަހަޅާފައިވާ ބިލެއްގެ މަސައްކަތް ގާނޫނު ހަދާ މަޖިލީހުގައި ފެށުމާ ގުޅިގެންނެވެ. އެ ބިލުގައި، އާންމުންގެ އަތުން ނަގާ ބައެއް ޓެކުސްތައް އިތުރަށް ބޮޑު ކުރަން ހުށަހަޅާފައިވެއެވެ.
ކެންޔާގެ ގާނޫނު ހަދާ މަޖިލީހުން ވަނީ މައްސަލަ ހޫނުވެފައިވާ އެ ބިލުގެ ތިންވަނަ ކިޔުން އިއްވާފައެވެ. އަދި، ބިލު ފާސްކޮށް، ތަސްދީގުކުރުމަށް ރައީސް ރޫޓޯއަށް ފޮނުވަން މަޖިލީހުގެ މެންބަރުން ތިއްބެވީ ތައްޔާރަށެވެ. އެ ކަމާ މެދު ބަހުސް ކުރިއަށްދިޔަ ވަގުތު ގާނޫނު ހަދާ މަޖިލީހުގެ އިމާރާތް ކައިރިއަށް އެތައް ހާސް ބަޔަކު އެއްވެ، މުޒާހަރާކުރަން ފެށުމާ ގުޅިގެން، ފުލުހުން ވަނީ މަޖިލީހުގެ މެންބަރުން ރައްކާތެރިކަމާ އެކު އެހެން ސަރަހައްދަކަށް ގެންގޮސްފައެވެ.
އަންގާރަ ދުވަހުގެ މުޒާހަރާތަކުގައި 22 މީހުން މަރުވެފައިވާ ކަމަށް ކެންޔާ ނޭޝަނަލް ކޮމިޝަން އޮން ހިއުމަން ރައިޓްސް (ކޭއެންއެޗްއާރުސީ)އިން ވަނީ ހާމަކޮށްފައެވެ.
މުޒާހަރާގެ ބައިވެރިންނަށް އަނިޔާ ލިބުމާއި މުޒާހަރާއަށް ފުލުހުން ހުރަސް އެޅުމާ ގުޅިގެން އެ މީހުން ވަނީ މަޖިލިސް އިދާރާގައި އަލިފާން ވެސް ރޯކޮށްލާފައެވެ.
އެ މުޒާހަރާ ރޫޅާލުމަށް އެ ގައުމުގެ އަސްކަރިއްޔާއިން ވެސް ވަނީ ހަރަކާތްތެރިވެފައެވެ. ވެރިރަށް ނައިރޯބީގެ އިތުރުން ކެންޔާގެ އެހެން ޑިސްޓްރިކްޓުތަކުގައި ވެސް މުޒާހަރާތައް ދަނީ ކުރަމުންނެވެ. މި މުޒާހަރާތަކުގައި މަރުވާ މީހުންގެ އަދަދު ވެސް ދަނީ އިތުރުވަމުންނެވެ.




