މިދިޔަ ހަފުތާގައި މެކްސިކޯގައި ވަގަށް ނެގި އެމެރިކާގެ ދެ ރައްޔިތަކު މަރުވެފައި އޮއްވާ ފެނިއްޖެ
އޭޕީ ނިއުސް — މެކްސިކޯގެ އުތުރުގެ ބޯޑަރު ސިޓީއެއް ކަމަށްވާ މަޓަމޮރޯސްއިން މިދިޔަ ހަފުތާގައި ވަގަށް ނެގި އެމެރިކާގެ ދެ ރައްޔިތަކު މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށާއި އިތުރު ދެ މީހަކު ދިރިތިބި ކަމަށް ޓަމައުލިޕާސްގެ ގަވަރުނަރު އަމެރިކޯ ވިޔަރެއާލް ވިދާޅުވެއްޖެ ކަމަށް އޮންލައިން ރިޕޯޓްތައް ބުނެފިއެވެ. ސައުތު ކެރޮލައިނާއިން މަޓަމޮރޯސްއަށް ބޭސްފަރުވާ އަށް ދިޔަ މި މީހުން ކިޑްނެޕްކޮށް ވަގަން ނަގާފައިވަނީ ހުކުރު ދުވަހު މެކްސިކޯއަށް އެތެރެވިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ވާދަވެރި ކާޓެލް ގްރޫޕްތަކުގެ މެދުގައި ހިންގި ހަމަނުޖެހުން ތަކެއްގެ ތެރެއިން ކަމަށްވެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި ހަތިޔާރު އެޅި ބަޔަކު ޕިކަޕަކަށް އެމެރިކާ މީހުން އަރުވަ އެވެ. ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް އެފްބީއައި އިން މެކްސިކޯގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން މިދިޔަ އާދީއްތަ ދުވަހުން ފެށިގެން އަންނަނީ ކުރަމުންނެވެ.
އަންގާރަ ދުވަހު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މެކްސިކޯގެ ރައީސް އަންދްރޭސް މެނުއަލް ލޮޕޭޒް އޮބްރާޑޯ ވަނީ އެދެމީހުން މަރުވިކަން ކަށަވަރުކޮށްދެއްވައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެފައެވެ. އަދި މެކްސިކޯ ސަރުކާރުން އެމެރިކާގެ އޮފިޝަލުންނާ ގުޅިގެން އެކަމުގައި ޒިންމާވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް މަސައްކަތް ކުރަމުން ގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
“އެ ހަތަރު މީހުންގެ ތެރެއިން ދެ މީހަކު މަރުވެ، އެކަކު ޒަހަމްވެ، އަނެއް މީހާ ދިރިހުރި، މިވަގުތު އެމްބިއުލާންސްތަކާއި ދެން ތިބި ސެކިއުރިޓީ ން ދަނީ އެ މީހުންގެ އެހީތެރިކަން ދޭން،” ވިޔަރެއާލް ވިދާޅުވި އެވެ.
މި ހާދިސާގައި މަރުވި މީހުންގެ ވަނަވަރު އަދި ހާމަކޮށްފައި ނުވާއިރު، ވަގަށް ނަގައި މަރާލި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައިވާ ކަމެއް އަދި ސާފެއް ނުވެ އެވެ. މެކްސިކޯގެ ބައެއް ސަރަހައްދުތަކުގައި، ހާއްސަކޮށް އެމެރިކާގެ ބޯޑަރު ކައިރީގައި ވާ ސަރަހައްދުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ނާމާންކަން މި ހާދިސާއިން ހާމަވެގެން ދެއެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން މެކްސިކޯއަށް ޒިޔާރަތްކުރަން ރާވަމުންދާ އެމެރިކާ މީހުންނަށް ޓްރެވަލް އެޑްވައިޒަރީއެއް ނެރެ، ބައެއް ސަރަޙައްދުތަކުގައި ހަރުކަށި ކުށްތަކާއި ވަގަށް ނެގުމުގެ ނުރައްކާ އޮތްކަމުގެ އިންޒާރު ވަނީ ދީފައެވެ. އެ އެޖެންސީން އިލްތިމާސްކުރަނީ ދަތުރުކުރާ ފަރާތްތަކުން ސަމާލުކަން އިތުރުކުރުމަށާއި ވަށައިގެންވާ ކަންކަމަށް ކޮންމެ ވަގުތަކުވެސް ހޭލުންތެރިވުމަށެވެ.

