ޔޫކްރެއިންއަށް ފޮނުވީ ސުލްހަ ބަލަހައްޓާ ސިފައިންނެއް ނޫން، ރަޝިއާ ގެ އެ އަމަލު ކުށްވެރިކުރަން: އދގެ ވެރިޔާ
ރަޝިޔާގެ އަސްކަރިއްޔާގެ ފައުޖުތައް އިރުމަތީ ޔޫކްރެއިންއަށް ފޮނުވުމަށް ރަޝިޔާއިން ރާވާފައިވާ ރޭވުންތައް އދގެ އިސްވެރިޔާ އެންޓޯނިއޯ ގުޓަރޭސް ކުށްވެރި ކުރައްވައިފިއެވެ.
ގުޓެރޭޒް ވިދާޅުވީ، އިރުމަތީ ޔޫކްރެއިންގައި ވަކިވެގަތުމަށް މަސައްކަތްކުރާ ދެ ސަރަހައްދު ބަލައިގަތުމަށް ރަޝިޔާއިން އެޅި ފިޔަވަޅުތަކުގެ ސަބަބުން އެގައުމުގެ ސަރަހައްދީ އިމުގެ މިނިވަންކަމާއި އިސްތިގުލާލަށް ބުރޫއަރާކަމަށާއި، ވަގުތުން ވަގުތަށް ހަނގުރާމަ ހުއްޓާލުމަށް ގޮވާލައްވާކަމަށެވެ.
ޔޫކްރައިންގެ މަސްރަހު އިންތިހާއަށް ނުތަނަވަސް ވެފައި ވާ މި ދަނޑިވަޅުގައި، ސުލްހަ ބެލެހެއްޓުމުގެ ނަމުގައި ރަޝިއާއިން އަސްކަރީ ފައުޖު ފޮނުވުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށްވެސް ގުޓެރޭޒް ވަނީ ވިދާޅުވެފައެވެ.
ގައުމެއްގެ އިޒުނަ ނެތި، އެހެން ގައުމަކުން އެ ގައުމެއްގެ ސަރަހައްދީ އިން ހުރަސްކޮށް ވަނުމަކީ، ވަކި ފަރާތަކަށް ބުރަ ނުވާ، ސުލްހަ ބަލަހައްޓާ ފައުޖެއް ނޫން ކަމަށް ގުޓެރޭޒް ވިދާޅުވިއެވެ. އަދި އެއީ އެއްވެސް ހަމައަކުން ސުލްހަ ބަލަހައްޓާ ފައުޖެއް ނޫން ކަމަށްވެސް ގުޓެރޭޒް ވަނީ ވިދާޅުވެފައެވެ.
ރަޝިއާގެ ނިންމުމާ ގުޅިގެން ދުނިޔޭގެ އެކި ހިސާބުތަކުން ދަނީ ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު ތަންފީޒު ކުރަމުންނެވެ. އެގޮތުން އިނގިރޭސިވިލާތް، ވިލާތުގެ އިއްތިހާދު އަދި އެމެރިކާއިންވެސް ވަނީ ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ.
ސުލްހަ ބެލެހެއްޓުމުގެ ނަމުގައި ރަޝިއާއިން ޔޫކްރައިންގެ އިރުމަތީ ސަރަހައްދުތަކަށް އަސްކަރީ ފައުޖުތައް ފޮނުވުމަކީ އެއްވެސް ހާލެއްގައި ތާކުން ތާކު ޖެހޭ ކަމެއް ނޫން ކަމަށް އެމެރިކާއިންވެސް ވަނީ ބުނެފައެވެ. ޔޫކްރައިންގެ އިރުމަތީ ސަރަހައްދުތަކަށް ރަޝިއާގެ އަސްކަރީ ފައުޖު ފޮނުވުމަކީ، ކަނޑައެޅިގެން، ބައިނަލްއަގުވާމީ ގާނޫނާ ހިލާފު އަމަލެއް ކަމަށް އެމެރިކާގެ އަދުގެ ރައީސް ޖޯ ބައިޑަން ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ ރަޝިއާގެ ރައީސް، ވްލޭޑްމިއާ ޕޫޓިންގެ ނިންމެވުމަށް ތައުރީފު ކުރައްވާފައެވެ.




