އެމެރިކާ އާއި އީރާނާ ދެމެދު ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކުރުމާ ގާތަށް

އެމެރިކާ އާއި އީރާނާ ދެމެދު ދަނީ އިހުތިރާމްގެ ފަހުމުނާމާއެއްގައި ސޮއިކުރުމާ ގާތްވަމުން ކަމަށް އެކްސިއޯސް އިން ރިޕޯޓުކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އެންމެ ބޮޑު އިސްކަމެއް ދެނީ ހޯމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުން އެއްވެސް ފީއެއް ނެގުމަކާ ނުލައި، އެ ސަރަހައްދު ވަގުތުން ހުޅުވާލުމަށެވެ.
މެދުވެރިއެއްގެ ދައުރު އަދާކުރާ ގައުމެއްގެ ޑިޕްލޮމެޓަކާއި އެމެރިކާގެ އޮފިޝަލަކާ ހަވާލާދީ އެކްސިއޯސް އިން ބުނި ގޮތުގައި، މި ފަހުމުނާމާގެ ދަށުން އީރާނުން އެއްބަސްވުމުގެ މާއްދާތަކަށް އަމަލުކުރާ މިންވަރަށް ބަލައި، އެ ގައުމަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިތަކެއް ދެވޭނެއެވެ.
މި އެއްބަސްވުމުގެ ދަށުން ލުބުނާން ހިމެނޭހެން 60 ދުވަހުގެ މުއްދަތަކަށް ހަނގުރާމަ ހުއްޓާލުމުގެ މުއްދަތު އިތުރުކުރެވޭނެއެވެ. އަދި މި މުއްދަތުގެ ތެރޭގައި ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ މަޝްވަރާތައް ކުރިއަށްދާނެއެވެ. އެއްބަސްވުމުގެ ދެލިކޮޕީގައި އީރާނުގައި ރައްކާކޮށްފައިވާ މުއްސަނދިކުރި ޔުރޭނިއަމްގެ މިންގަނޑުތަކެއް ކަނޑައެޅިފައިވީ ނަމަވެސް، ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ދެވަނަ، ފުރިހަމަ އެއްބަސްވުމެއް ބޭނުންވާނެއެވެ.
މެދުވެރިއެއްގެ ދައުރު އަދާކުރާ ގައުމެއްގެ ޑިޕްލޮމެޓަކު އެކްސިއޯސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެމެރިކާ އާއި އީރާނުން އެއްބަސްވުމުގެ އިބާރާތްތަކަށް މިހާރު އެއްބަސްވެފައިވާ ކަމަށާއި، ނަމަވެސް އެންމެ ފަހުގެ ނިންމުން ނިންމައި ސޮއިކުރުން އަދި އޮތީ ބާކީ ކަމަށެވެ.
ޚަބަރު ލިބޭ ގޮތުގައި، ބުރާސްފަތި ދުވަހުގެ ރޭގަނޑާ ހަމައަށް އީރާނުގެ މަތީ ފަންތީގެ ވެރިން މި އެއްބަސްވުމަށް ރުހުން ދީފައިވީ ނަމަވެސް، އެ ގައުމުގެ އެންމެ މަތީ ލީޑަރު މުޖްތަބާ ޚާމަނާއީ އަދި ރަސްމީކޮށް ރުހުން ދެއްވާފައެއް ނުވެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މީގެ ކުރިން ވިދާޅުވެފައިވަނީ، އީރާނުގެ އެންމެ މަތީ ފަންތީގެ ލީޑަޝިޕާ ހަމައަށް މަޝްވަރާތައް ގެންގޮސް، އެއްބަސްވުމަކަށް އާދެވިފައިވާތީ، ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ސޮއިކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
އީރާނުގެ ތެލާއި ގޭސް އިންޑަސްޓްރީގެ މައްޗަށް، ހާއްސަކޮށް ޚާރްގް އައިލެންޑްގެ މައްޗަށް ފުރިހަމަ ބާރު ހޯދުމަށްޓަކައި، އެ ގައުމަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ޓްރަމްޕް ކުރިން ދެއްވިއެވެ. ނަމަވެސް، އެއްބަސްވުމަކާ ގާތްވުމާ ގުޅިގެން މިރޭ އީރާނަށް ދޭން ރާވާފައިވާ ބޮން އެޅުމުގެ ހަމަލާތައް ކެންސަލް ކުރައްވާފައިވާ ކަމަށް އޭނާ ފަހުން ވިދާޅުވިއެވެ.
އެހެންނަމަވެސް، އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއީލް ބާގާއީ ހުކުރު ދުވަހު ވިދާޅުވީ، އެއްބަސްވުމާ މެދު އީރާނުން އަދި ވަކި ގޮތެއް ނުނިންމާ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ، އެއްބަސްވުމުގެ ބޮޑު ބައެއް ނިމިފައިވީ ނަމަވެސް، އެމެރިކާ އިން އާ ޝަރުތުތަކެއް ކުރިމަތިކޮށް، އެމީހުންގެ ނިންމުންތައް ބަދަލުކުރުމުގެ ސަބަބުން މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
އެކްސިއޯސް އިން ޑިޕްލޮމެޓަކާ ހަވާލާދީ ބުނި ގޮތުގައި، ވައިޓް ހައުސް އިން ވޭތުވެދިޔަ ދެ މަސް ދުވަހުގެ ތެރޭގައި އެތައް ފަހަރަކު އެއްބަސްވުމަކާ ގާތްވެއްޖެ ކަމަށް ހީކުރި ނަމަވެސް، ކޮންމެ ފަހަރަކު ވެސް މަޝްވަރާތައް ވަނީ ނާކާމިޔާބުވެފައެވެ.
އެމެރިކާގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި، އީރާނުން މުއްސަނދިކޮށްފައިވާ ޔުރޭނިއަމްގެ މިންވަރު ދަށްކުރުމަށްޓަކައި، އދ. ގެ އިންސްޕެކްޓަރުންގެ ބެލުމުގެ ދަށުން އީރާނުގެ އެތެރޭގައި މަސައްކަތް ކުރިއަށް ގެންދިއުމުގެ ފުރުސަތު ދިނުމަކީ މި މައްސަލައަށް އޮތް ހައްލެއް ކަމަށް ޓްރަމްޕް ގަބޫލުފުޅު ކުރައްވައެވެ.
މި ރިޕޯޓުގައިވާ ގޮތުން، އެއްބަސްވުމުގައި ސޮއިކުރުމާއެކު އީރާނަށް ވަގުތުން ފައިސާގެ އެހީތެރިކަން ބޭނުންވާ ކަމަށް އެ ގައުމުން ބުނަމުންދާއިރު، އެމެރިކާ އިން ބުނަނީ ފައިސާ ދޫކުރާނީ އެއްބަސްވުމަށް އަމަލުކުރާ މިންވަރަށް ބަލައި ބައިބަޔަށް ބަހާލައިގެން ކަމަށެވެ.
ގަތަރާއި ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން އެކުލަވާލާ މި އެއްބަސްވުމަށް ދެވިފައިވާ ނަމަކީ “އިސްލާމްއާބާދު އެގްރީމަންޓް” އެވެ.
މެދުވެރިއެއްގެ ދައުރު އަދާކުރާ ގައުމެއްގެ ޑިޕްލޮމެޓަކު ވިދާޅުވީ، އެއްބަސްވުމުގެ އެންމެ ފަހުގެ ކަންކަން ފުރިހަމަކުރުމަށާއި، ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާނެ ތާރީޚެއް ކަނޑައެޅުމަށް ދެ ފަރާތާއެކު މަސައްކަތް ކުރަމުންދާ ކަމަށެވެ.


