އަރަފާތު ދުވަހުގެ ޚުޠުބާ 35 ބަހަކަށް ތަރުޖަމާކުރަނީ

މިއަހަރުގެ އަރަފާތު ދުވަހުގެ ޚުޠުބާ 35 ބަހަކަށް ތަރުޖަމާކޮށް، ޑިޖިޓަލް ޕްލެޓްފޯމްތަކާއި ކަމާގުޅޭ މީޑިއާ ޗެނަލްތައް މެދުވެރިކޮށް ދުރަށް ދެއްކުމަށް ހަމަޖެހިފައިވާ ކަމަށް، މަސްޖިދުލް ޙަރާމް އަދި މަސްޖިދުއް ނަބަވީގެ ދީނީ ކަންތައްތަކާ ބެހޭ ރިޔާސަތުން އިޢުލާންކޮށްފިއެވެ.
ސައުދީ ޕްރެސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މުސްލިމުންނަށް ޚުޠުބާގެ މެސެޖު ފޯރުކޮށްދިނުމާއި، އިސްލާމްދީނުގެ މެދުމިނުގެ އުޞޫލުތައް ފެތުރުމެވެ.
ދީނީ ކަންތައްތަކާ ބެހޭ ރިޔާސަތުގެ އިސްވެރިޔާ، ފަޟީލަތުއްޝައިޚް ޢަބްދުއްރަޙްމާން އަލް-ސުދައިސް ވިދާޅުވި ގޮތުގައި، މި އިސްނެގުމަކީ އިސްލާމްދީނާއި މުސްލިމުންގެ ޚިދުމަތުގައި ސައުދީ ޢަރަބިއްޔާއިން ދެމިއޮތް މިންވަރު ހާމަކޮށްދޭ ކަމެކެވެ. އަދި މިއީ ޙައްޖުވެރިންގެ ކަންކަމަށް އެ ޤައުމުގެ ވެރިން ބަހައްޓަވާ ޚާއްޞަ އަޅާލުން ރަމްޒުކޮށްދޭ މަސައްކަތެއްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ޒަމާނީ ޓެކްނޮލޮޖީ އާއި ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން، ޙައްޖު މޫސުމުގެ މަންފާ ބައިނަލްއަޤްވާމީ ފެންވަރެއްގައި އިތުރުކުރުމަށް މިކަމުގެ ސަބަބުން މަގުފަހިވެގެންދާނެ ކަމަށްވެސް ޝައިޚް ސުދައިސް ވިދާޅުވިއެވެ.
ޝައިޚް ސުދައިސް އިތުރަށް ވިދާޅުވީ، އަރަފާތު ޚުޠުބާ ތަރުޖަމާކުރުމުގެ މަޝްރޫޢަކީ ގިނަ އަހަރުތަކެއްގެ ތަޖުރިބާގެ މައްޗަށް ބިނާކޮށް ކުރިއަށްގެންދާ، އެ ރިޔާސަތުގެ މުހިންމު މަސައްކަތެއް ކަމަށެވެ. އަދި މިއީ ދުނިޔޭގެ އެކި ބަސްބަހުން ދީނީ މަޢުލޫމާތު މުއްސަނދިކުރުމަށް ލިބޭ ބޮޑު ބާރެއް ކަމަށްވެސް ވިދާޅުވިއެވެ.
އޭނާ ތަފްޞީލުކޮށްދެއްވި ގޮތުގައި، މި މަސައްކަތުގެ ސަބަބުން ޢަރަބި ބަސް ނޭނގޭ މުސްލިމުންނަށްވެސް ޚުޠުބާގައި ހިމެނޭ ރޫޙާނީ އަދި އިންސާނީ މެސެޖުތަކުން ފުރިހަމަ މަންފާ ހޯދުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
ޚުޠުބާގެ މެސެޖު އެންމެ ފުރިހަމަ ފަންނީ ފެންވަރުގައި ދުނިޔޭގެ އެންމެހައި މުސްލިމުންނަށް ފޯރުކޮށްދިނުމަށްޓަކައި، އެ ރިޔާސަތުގެ ޓެކްނިކަލް އަދި މީޑިއާ ވަސީލަތްތަކާއި ޚާއްޞަ ފަންނީ ޓީމުތައް ތައްޔާރީ ޙާލަތަށް ގެނެސްފައިވާ ކަމަށްވެސް ޝައިޚް ސުދައިސް ވިދާޅުވިއެވެ.

