ބޭރުދުނިޔެ

ޣައްޒާ އާރާސްތުކުރުމުގެ ޕްލޭން އެކުލަވާލުމަށް މިސްރާއި އެމެރިކާއިން އެއްބަސްވެއްޖެ

ޣައްޒާ އަލުން އާރާސްތުކުރުމުގެ ޕްލޭނެއް އެކުލަވާލުމަށް މިސްރާއި އެމެރިކާއިން އެއްބަސްވެއްޖެއެވެ. މި އެއްބަސްވުމަށް ވާސިލުވެފައިވަނީ ޤަތަރުގައި ބޭއްވުނު އަރަބި ޤައުމުތަކުގެ ބޭރު ކަންތައްތަކާ ބެހޭ ވަޒީރުންނާއި އެމެރިކާގެ ޚާއްޞަ މަންދޫބުގެ ބައްދަލުވުމެއްގެ ތެރެއިންނެވެ.
މިސްރުގެ ބޭރު ކަންތައްތަކާ ބެހޭ ވަޒީރު ބަދުރު އަބްދުލްއަތީ އާއި މެދު އިރުމަތީގެ ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޮފް އާ ދެމެދު ބޭއްވުނު ބައްދަލުވުމެއްގައި މި އެއްބަސްވުމަށް ވާސިލުވެފައިވާކަމަށް މިސްރުގެ ބޭރު ކަންތައްތަކާ ބެހޭ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. މި ބައްދަލުވުމުގައި އެމެރިކާގެ ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ މެދު އިރުމަތި އަދި އުތުރު އެފްރިކާގެ ސީނިއަރ ޑިރެކްޓަރ އެރިކް ޓްރޭގަރވެސް ބައިވެރިވެފައިވެއެވެ.

މި ބައްދަލުވުމުގައި އަބްދުލްއަތީ ވަނީ 4 މާރޗް 2025 ގައި ގާހިރާގައި ބޭއްވުނު އަރަބި ޤައުމުތަކުގެ ކުއްލި ސަމިޓެއްގައި ފާސްކުރެވުނު ޣައްޒާ އަލުން އާރާސްތުކުރުމުގެ އަރަބި ޕްލޭނުގެ މަރުހަލާތަކާއި ތަފްސީލުތައް ހިއްސާކޮށްފައެވެ. މި ޕްލޭނަކީ ޣައްޒާގެ ފަލަސްތީނު ރައްޔިތުން އެހެން ތަނަކަށް ބަދަލުނުކޮށް އެ ސަރަހައްދު އަލުން އާރާސްތުކުރުމަށް އެކުލަވާލެވިފައިވާ ޕްލޭނެކެވެ.

ދެފަރާތުން އެއްބަސްވެފައިވަނީ މި ޕްލޭނާ ގުޅޭގޮތުން މަޝްވަރާކުރުމާއި ވިލަރެސްކުރުން ކުރިއަށް ގެންދިއުމަށާއި، މެދު އިރުމަތީގެ ސަރަހައްދުގައި ސުލުހަ ޤާއިމުކުރުމުގެ ފުޅާ މަސައްކަތުގެ ތެރެއިން މުއާމަލާތްތައް ދެމެހެއްޓުމަށެވެ. އެމެރިކާގެ މަންދޫބު ވަނީ މި ސަރަހައްދުގައި ސުލްހަ އާއި އަމާންކަން ކުރިއެރުވުމަށް މިސްރުން ކުރަމުންދާ މަސައްކަތްތަކަށް ތަޢުރީފުކޮށްފައެވެ.

އަރަބި ސަމިޓަކާއި އިސްލާމީ އެއްބާރުލުމުގެ ޖަމްޢިއްޔާގެ ބައްދަލުވުމެއްގައި ވެސް ވަނީ ޣައްޒާ އަލުން އާރާސްތުކުރުމުގެ ފުރިހަމަ އަރަބި ޕްލޭނެއް ފާސްކޮށްފައެވެ. މި ޕްލޭން ފުރިހަމަކުރުމަށް 5 އަހަރު ނަގާނެކަމަށް ލަފާކުރެވޭ އިރު، އޭގެ އަގު 53 ބިލިއަން ޑޮލަރު ހުންނާނެކަމަށް އަންދާޒާކުރެވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close