ޗައިނާގެ ރައީސް ޝީ، ރޮކެޓާއި ބަރުހަތިޔާރު އުފައްދާ ކުންފުންޏަކަށް ހަނދާނީ ދިދައެއް ހަވާލުކޮށްފި

ޗައިނާގެ ރައީސް އަދި ސެންޓްރަލް މިލިޓަރީ ކޮމިޝަންގެ ޗެއާމަން ޝީ ޖިންޕިންގ، އަންގާރަ ދުވަހު ޗައިނާގެ ޕީޕަލްސް ލިބަރޭޝަން އާމީގެ ރޮކެޓް އާޓިލަރީ ކުންފުންޏަކަށް ހަނދާނީ ދިދައެއް ހަވާލުކޮށްފިއެވެ.
މި ކުންފުންޏަށް ވަނީ “މޮޑެލް ރޮކެޓް އާޓިލަރީ ކުންފުނި” ގެ ޝަރަފުވެރި ނަން ވެސް ރައީސް ޝީ ދެއްވާފައެވެ.
ބީޖިންގގައި ސެންޓްރަލް މިލިޓަރީ ކޮމިޝަނުން ބޭއްވި ރަސްމިއްޔާތެއްގައި ހަނދާނީ ދިދަ ހަވާލުކޮށްދެއްވީ ޝީ ޖިންޕިންގއެވެ.
މި ރަސްމިއްޔާތުގައި ޝީ ޖިންޕިންގ އަށް ސަލާމްކުރުމަށްފަހު، ކުންފުނީގެ ފަރާތުން ބައިވެރިވި މަންދޫބުން ދިދަ ބަލައިގަތެވެ. އަދި ޝީ ވަނީ އެ ފަރާތްތަކަށް މަރުޙަބާ ދަންނަވާފައެވެ.
މި ރަސްމިއްޔާތުގައި ސެންޓްރަލް މިލިޓަރީ ކޮމިޝަންގެ ނައިބު ޗެއާމަން ޒަންގ ޔޫޝިއާ ވަނީ ޝީ ޖިންޕިންގ ސޮއިކުރައްވާފައިވާ، ޝަރަފުވެރި ނަން ދިނުމުގެ އަމުރު ކިޔައިދީފައެވެ. އަދި ސެންޓްރަލް މިލިޓަރީ ކޮމިޝަންގެ އަނެއް ނައިބު ޗެއާމަން ހީ ވެއިޑޮންގ ވަނީ މި ރަސްމިއްޔާތު ހުށަހަޅުއްވާފައެވެ.
ޝީ ޖިންޕިންގ އަކީ ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަދި ޗައިނާގެ ރައީސް ވެސް މެއެވެ.


