ބޭރުދުނިޔެ 1984 ވަނަ އަހަރު ހިންގި މަރުގެ މައްސަލައެއްގައި ފިލައިގެން އުޅުނު މީހަކު 42 އަހަރު ފަހުން އަތުލައިގެންފި

1984 ވަނަ އަހަރު ހިންގި މަރުގެ މައްސަލައެއްގައި ފިލައިގެން އުޅުނު މީހަކު 42 އަހަރު ފަހުން އަތުލައިގެންފި

1984 ވަނަ އަހަރު ހިންގި މަރުގެ މައްސަލައެއްގައި ފިލައިގެން އުޅުނު މީހަކު 42 އަހަރު ފަހުން އަތުލައިގެންފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ދިއްލީ ފުލުހުންގެ ކްރައިމް ބްރާންޗުން އެންމެ ގިނަ ދުވަސްވީ ފިލައިގެން އުޅުނު ކުށްވެރިން ހޯދުމުގެ އޮޕަރޭޝަންތަކުގެ ތެރެއިން، މީގެ 42 އަހަރު ކުރިން ހިންގި ގަސްތުގައި މީހަކު މެރުމުގެ މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި އަތުލައިގަނެފައިވަނީ އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ހަރްދޯއީ ޑިސްޓްރިކްޓަށް ނިސްބަތްވާ އުމުރުން 65 އަހަރުގެ ނައްތޫ ނުވަތަ ނައްތޫލާލް އެވެ. އޭނާ ފުލުހުންނަށް ފިލައިގެން އުޅެން ފެށީ އުމުރުން އެންމެ 23 އަހަރުގައި، 1984 ވަނަ އަހަރު ޖަނަކްޕޫރީ ޕޮލިސް ސްޓޭޝަނުގައި އޭނާއާ ދެކޮޅަށް މަރުގެ މައްސަލަ ރަޖިސްޓްރީކުރި ހިސާބުންނެވެ.

މި ހާދިސާ ހިނގާފައިވަނީ 1984 ވަނަ އަހަރުގެ މެއި 22 ވަނަ ދުވަހުގެރޭ، ވެސްޓް ދިއްލީގެ ވިކާސްޕޫރީ ޑިސްޓްރިކްޓް ޕާކް ތެރޭގައެވެ. އެ ތަނުން ފެނުނީ ސީތާޕޫރަށް ނިސްބަތްވާ އަޝޯކް ކުމާރު ނަމަކަށް ކިޔާ މީހަކަށް ތަކުރާރުކޮށް ވަޅިން ހަމަލާދީ މަރާލާފައި އޮއްވައެވެ.

ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި މި ޖަރީމާއަކީ އަމިއްލަ ޒާތީ ދެބަސްވުމެއްގެ ތެރެއިން ހިންގި ކަމެކެވެ. މަރުވި އަޝޯކް ކުމާރާއި މި މައްސަލައިގައި ބައިވެރިވި ބަބޫތީ ޕްރަސާދަކީ އެއް އަވަށެއްގެ ދެމީހުންނަށް ވާއިރު، އަޝޯކް ވަނީ ބަބޫތީގެ އަނބިމީހާއަށް ގޯނާކޮށް ފުރައްސާރަކުރަން އުޅެފައެވެ. މިކަމުގެ ބަދަލުހިފުމެއްގެ ގޮތުން ބަބޫތީ އާއި އޭނާގެ ރަހުމަތްތެރިޔާ ނައްތޫ ޕާކުގައި ތިބެ ރާބުއިމަށްފަހު އަޝޯކް މަރާލަން ރޭވީއެވެ.

އެ ހާދިސާއަށްފަހު ބަބޫތީ ހައްޔަރުކޮށް، އޭނާ ދިން މައުލޫމާތުގެ އެހީގައި ހަމަލާދިން ވަޅި ހޯދުނު ނަމަވެސް، ނައްތޫ ވަނީ އޭރު ފިލައި ރައްކާތެރިކަން ހޯދާފައެވެ.

ފުލުހުންނަށް ފިލައިގެން އުޅުމަށްޓަކައި ނައްތޫ ވަނީ އުއްތަރު ޕްރަދޭޝްގެ އެކި ސަރަހައްދުތަކުގެ ތަރުކާރީ ހޯލްސޭލް މާރުކޭޓުތަކުގައި މަސައްކަތްކޮށް، އާންމު ލޮލުގައި އަޅައިނުގަންނާނެހެން ވަރަށް މަޑުމައިތިރި ދިރިއުޅުމެއް ވޭތުކޮށްފައެވެ. އޭނާ ކައިވެންޏެއް ނުކޮށް އެކަނި އުޅުމަކީ ވެސް ގިނަ އަހަރުތަކެއް ވަންދެން ފުލުހުންގެ ތަހުގީގަށް އޭނާގެ މައުލޫމާތު ވަންހަނާވެފައި އޮތް ސަބަބެކެވެ.

ފުލުހުންގެ ޓީމުތަކުން ސީތާޕޫރާއި ހަރްދޯއީގެ ޕާލީ ސަރަހައްދުގައި މަސްތަކެއް ވަންދެން ސިއްރިޔާތުގައި ހިންގި އޮޕަރޭޝަނަކަށްފަހު، މި އޮގަސްޓް މަހުގެ 17 ވަނަ ދުވަހު ނައްތޫ އަވަށަށް އައިސް އުޅޭކަމުގެ ޖާސޫސީ މައުލޫމާތު ލިބުނެވެ. އަދި އޭގެ އަނެއް ދުވަހު، 18 އޮގަސްޓުގައި އޭނާ އަވަށުން ފަރުކާބާދަށް ދަތުރުކުރަމުން ދަނިކޮށް ފުލުހުން ވަނީ އޭނާ އަތުލައިގަނެފައެވެ.

ކްރައިމް ބްރާންޗުން ހާމަކުރި ގޮތުގައި 2005 ވަނަ އަހަރު ފަރުކާބާދުގެ ކޮޓްވާލީ ޕޮލިސް ސްޓޭޝަނުގައި ވެސް ނައްތޫއާ ދެކޮޅަށް މީހަކު ރަހީނުކުރުމުގެ މައްސަލައެއް ރަޖިސްޓްރީކޮށްފައިވެއެވެ. އަދި 1984 ވަނަ އަހަރުގެ މަރުގެ މައްސަލައާ ގުޅިގެން ފުލުހުން މިހާރު ދަނީ އޭނާއާ އިތުރަށް ސުވާލުކޮށް ތަހުގީގު ހިންގަމުންނެވެ.

ޓެގް

އިންޑިއާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.