ބޭރުދުނިޔެ

އިސްރާއީލް މެޑިކަލް އެސޯސިއޭޝަން ސަސްޕެންޑްކުރުމަށް ބައިނަލްއަޤުވާމީ ކެމްޕޭނެއް ފަށައިފި

ދުނިޔޭގެ ބައެއް ޤައުމުތަކުގެ ޑޮކްޓަރުންނާއި ސިއްޙީ ޖަމްޢިއްޔާތައް ގުޅިގެން، ވޯލްޑް މެޑިކަލް އޮގަނައިޒޭޝަނުން އިސްރާއީލް މެޑިކަލް އެސޯސިއޭޝަން ސަސްޕެންޑްކުރުމަށް ގޮވާލާ ބައިނަލްއަޤުވާމީ ކެމްޕޭނެއް ފަށާފައިވާ ކަމަށް މަޝްހޫރު މެޑިކަލް ޖާނަލް “ދަ ލެންސެޓް” އިން ރިޕޯޓްކޮށްފިއެވެ.

މި ކެމްޕޭނަށް “ޕީޕަލްސް ހެލްތު މޫވްމަންޓް”، “ޑޮކްޓާސް ފޯ ޣައްޒާ” އަދި “ޖުވިޝް ވޮއިސް ފޯ ޕީސް” ގެ ހެލްތު ކައުންސިލް ފަދަ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ސިއްޙީ ޖަމްޢިއްޔާތަކުގެ ބޮޑު ތާއީދެއް ވަނީ ލިބިފައެވެ.

މި ކެމްޕޭން އިންތިޒާމުކުރާ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި އިސްރާއީލް މެޑިކަލް އެސޯސިއޭޝަނުން ވަނީ އެ ޖަމްޢިއްޔާގެ އަޚްލާޤީ އަދި ފަންނީ ޒިންމާތަކުން ބަރީއަވެފައެވެ. އެގޮތުން ޣައްޒާގައި ހުންނަ ހޮސްޕިޓަލްތަކަށާއި، ސިއްޙީ މަރުކަޒުތަކަށާއި، އެމްބިއުލާންސްތަކަށް އިސްރާއީލް ސިފައިން ދެމުންދާ ހަމަލާތަކާ ދެކޮޅަށް އަދި ފަލަސްޠީނުގެ ސިއްޙީ މުވައްޒަފުން މެރުމާއި ހައްޔަރުކުރުމާ ގުޅިގެން ވެސް އެ ޖަމްޢިއްޔާއިން އެއްވެސް އެއްޗެއް ނުބުނެ ހިމޭނުން އޮތް ކަމަށް އެފަރާތްތަކުން ބުނެއެވެ.

މިހާތަނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ސިއްޙީ ދާއިރާގައި ހަރަކާތްތެރިވާ 1,150 އަށްވުރެ ގިނަ ފަރުދުންނާއި ޖަމްޢިއްޔާތަކުން ވަނީ މި ޕެޓިޝަނުގައި ސޮއިކޮށްފައެވެ. މި ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ ކުރިއަށް އޮތް އޮކްޓޫބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް މެޑިކަލް އެސެމްބްލީގެ އެޖެންޑާގައި އިސްރާއީލް މެޑިކަލް އެސޯސިއޭޝަން ވަކިކުރުމުގެ ނުވަތަ ސަސްޕެންޑްކުރުމުގެ މައްސަލަ ހިމެނުމެވެ.

ޣައްޒާގެ ހަނގުރާމައާ ގުޅިގެން އިސްރާއީލުގެ ސިއްޙީ އަދި އެކަޑެމިކް މުއައްސަސާތައް ބައިނަލްއަޤުވާމީ ދުނިޔޭގައި އެކަހެރިވަމުންދާކަން މި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން ބްރިޓިޝް މެޑިކަލް އެސޯސިއޭޝަނުން 2025 ޖޫން މަހު އިސްރާއީލާ އެކު އޮތް ގުޅުންތައް ކަނޑާލާފައިވާއިރު، ސައުތު އެފްރިކަން މެޑިކަލް އެސޯސިއޭޝަނުން ވެސް ވަނީ އެ އަހަރުގެ އޮކްޓޫބަރު މަހު ގުޅުންތައް ކަނޑާލައި، ވޯލްޑް މެޑިކަލް އޮގަނައިޒޭޝަނުން އިސްރާއީލް ވަކިކުރުމަށް ގޮވާލާފައެވެ.

2023 އޮކްޓޫބަރު މަހުން ފެށިގެން އިސްރާއީލުން ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލޭއޮހޮރުވުންތަކުގައި ޣައްޒާގެ ސިއްޙީ ނިޒާމު ވަނީ ނިޒާމީ ގޮތެއްގައި ސުންނާފަތިކޮށްލާފައެވެ. ޣައްޒާގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، ހަނގުރާމަ ހުއްޓާލުމުގެ ވާހަކަތައް ދެކެވުނު ނަމަވެސް، މިދިޔަ އޮކްޓޫބަރު މަހުން ފެށިގެން މިހާތަނަށް ބޭސްފަރުވާއަށް ޣައްޒާއިން ބޭރަށްދާންޖެހޭ 16,500 އަށްވުރެ ގިނަ ފަލަސްޠީނު ރައްޔިތުން ފުރުން އިސްރާއީލުން ވަނީ ހަމަލާތަކުގެ ސަބަބުން ހުރަސްއަޅާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close