ބޭރުދުނިޔެ

އުތުރު ކޮރެއާ ސިފައިން ޔުކްރެއިން ހަނގުރާމައިގައި ބައިވެރިވި: ޕޫޓިން

އުތުރު ކޮރެއާ ސިފައިން ޔުކްރެއިން ހަނގުރާމައިގައި ބައިވެރިވި ކަމަށް ޕޫޓިން ފުރަތަމަ ފަހަރަށް އެއްބަސްވެ ވަޑައިގެންފިއެވެ.


ރަޝިޔާގެ ރައީސް ވުލަޑިމިއަރ ޕޫޓިން ބުދަ ދުވަހު ވިދާޅުވީ، އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންގެ އިސްނެންގެވުމަކަށް އެ ޤައުމުގެ “ހިތްވަރުގަދަ” ސިފައިން ޔުކްރެއިން ހަނގުރާމައިގައި ބައިވެރިވެފައިވާ ކަމަށެވެ.

ޕޫޓިން މި ކަން ހާމަ ކުރެއްވީ ޗައިނާގެ “ނަސްރުގެ ދުވަހުގެ” އަސްކަރީ ޕެރޭޑަށްފަހު، ބެއިޖިންގެ ޑިއާޔޫޓާއީ ސްޓޭޓް ގެސްޓްހައުސްގައި ކިމް އާއެކު ބޭއްވި ދެފަރާތުގެ މަޝްވަރާތަކުގައެވެ. މިއީ ޔުކްރެއިން ހަނގުރާމައިގައި ކިމްގެ އިސްނެންގެވުމަކަށް އުތުރު ކޮރެއާގެ ސިފައިން ބައިވެރިވާކަން ރަޝިޔާގެ ރައީސް ފާޅުގައި ފާހަގަކުރެއްވި ފުރަތަމަ ފަހަރެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކިމް ވިދާޅުވީ، އޭނާ މައިގަނޑު ގޮތެއްގައި ސަމާލުކަން ދެއްވަން ބޭނުންފުޅުވަނީ މޮސްކޯއާއެކު އޮންނަ “ގުޅުންތައް ތަރައްގީކުރުމުގެ ފުރުސަތުތަކަށް” ކަމަށެވެ. “މިއަދު އަޅުގަނޑުމެންގެ ގުޅުންތަކާ، އެކުގައި މަސައްކަތް ކުރުމާ އަދި ކުރިމަގުގެ ފުރުސަތުތަކާ ބެހޭގޮތުން ވާހަކަ ދެއްކުމުގެ ފުރުސަތު ލިބުމުން އަޅުގަނޑު ވަރަށް އުފާވޭ،” ރަޝިޔާގެ ދައުލަތުގެ މީޑިއާ، އާރްއައިއޭ ނޮވޮސްޓީއާ ހަވާލާދީ ކިމް ވިދާޅުވިއެވެ.
ޕޫޓިން ވިދާޅުވީ، ރަޝިޔާ އާއި އުތުރު ކޮރެއާ ދެމެދުގައިވާ ގުޅުމަކީ “ޚާއްސަ އިތުބާރާއި އެކުވެރިކަމުގެ، އަދި އެއްބައިކަމުގެ” ގުޅުމެއް ކަމަށެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި، ޔުކްރެއިން ސިފައިންނާ ދެކޮޅަށް ރަޝިޔާގެ ކާރސްކް ސަރަހައްދުގައި ހިނގި ހަމަލާ ބަދަލުކުރުން ތަކުގައި އުތުރު ކޮރެއާގެ ޚާއްސަ ފޯސްތަކުން ވަނީ ބައިވެރިވެފައެވެ.

“ކިމްގެ އިސްނެގުމަކަށް، އަޅުގަނޑުމެންގެ އާ އެއްބަސްވުމާ އެއްގޮތްވާ ގޮތުގެ މަތިން، ކާރސްކް ސަރަހައްދު މިނިވަން ކުރުމުގައި ތިބާގެ ޚާއްސަ ފޯސްތައް ބައިވެރިވިކަން އެންމެންނަށްވެސް އެނގޭ،” ޕޫޓިން ވިދާޅުވިއެވެ. އަދި އުތުރު ކޮރެއާގެ ސިފައިން “ހިތްވަރުގަދަކަމާއި ބަޠަލުންގެ ގޮތުގައި” ހަނގުރާމަ ކުރިކަމަށް ވިދާޅުވެ ތައުރީފު ކުރެއްވިއެވެ.

ރަޝިޔާގެ ރައީސް ޕޫޓިން ވަނީ އުތުރު ކޮރެއާގެ “ހުރިހާ ރައްޔިތުންނަށް” އޭނާގެ ހޫނު ޝުކުރު އަދާކޮށްދެއްވުމަށް ކިމްގެ އަރިހުން އެދިވަޑައިގެންފައެވެ.

ބައްދަލުވުމަށްފަހު ޕޫޓިން ވަނީ ކުރިމަގުގައި ރަޝިޔާއަށް ޒިޔާރަތް ކުރުމަށް ކިމްއަށް ދައުވަތު ދެއްވާފައެވެ. “އަޅުގަނޑުމެން ތިބާގެ އިންތިޒާރުގައި ތިބޭނަން. ވަޑައިގަންނަވާ،” ޕޫޓިން ވިދާޅުވިއެވެ.

ދެގަޑިއިރަށް ވުރެ ދިގުދެމިގެންދިޔަ، މި ބައްދަލުވުމަކީ ދެ ލީޑަރުންގެ ހަތަރުވަނަ ބައްދަލުވުމެވެ. މީގެ ކުރިން، ދެބޭފުޅުންގެ ފުރަތަމަ ބައްދަލުވުން 2019 ވަނަ އަހަރު ވްލަޑިވޮސްޓޮކްގައި ބާއްވާފައިވެއެވެ. އޭގެފަހުން 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ކިމް ރަޝިޔާއަށް ދެވަނަ ދަތުރުފުޅެއް ކުރެއްވިއިރު، ޕޫޓިން ވަނީ މިދިޔަ އަހަރު ޖޫން މަހު ޕިޔޮންޔާންއަށް ޒިޔާރަތް ކުރައްވާފައެވެ.

އެ ދަތުރުފުޅުގައި، ތިންވަނަ ފަރާތެއްގެ ހަމަލާއެއް އަތުވެއްޖެނަމަ، އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޝަރުޠުކުރާ “ޝާމިލް ސްޓްރެޓެޖިކް ގުޅުމެއް” ޤާއިމުކުރުމުގެ އެއްބަސްވުމެއްގައި ދެ ލީޑަރުން ސޮއިކުރެއްވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close