އިސްރާއީލުން ޣައްޒާގައި 12 މީހުން ޝަހީދުކޮށްލައިފި

މިދިޔަ އަހަރު ގާއިމުކުރި ސުލްހައިގެ އެއްބަސްވުމާ އިސްރާއީލުން ތަކުރާރުކޮށް ޚިލާފުވަމުންދާ ދަނޑިވަޅެއްގައި، ޣައްޒާގެ އެކި ސަރަހައްދުތަކަށް ދިން ހަމަލާތަކެއްގައި ފާއިތުވި 24 ގަޑިއިރު ތެރޭގައި ފަލަސްތީނުގެ މަދުވެގެން 12 މީހުން ޝަހީދުކޮށްލައިފިއެވެ.
ޚާން ޔޫނިސްގައި ހުކުރު ދުވަހު ފުލުހުންގެ ވެހިކަލަކަށް އަމާޒުކޮށް އިސްރާއީލުން ދިން ހަމަލާއެއްގައި އަށް މީހުން ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި މަގުމަތީގައި ތިބި އާންމުންގެ ތިން މީހަކު ހިމެނެއެވެ. މީގެ އިތުރުން ޣައްޒާ ސިޓީގައި ދިން ހަމަލާއެއްގައި ދެ ފުލުހަކު ޝަހީދުވެފައިވާ އިރު، އުތުރު ޣައްޒާގެ ބައިތު ލާހިޔާގައި ގެއަކަށް ބޮން އެޅުމުގެ ސަބަބުން ދެ މީހަކު ވަނީ ޝަހީދުވެފައެވެ.
ޣައްޒާގެ އިންޓީރިއާ މިނިސްޓްރީން ބުނި ގޮތުގައި ޚާން ޔޫނިސްގައި ފުލުހުންނަށް ހަމަލާދިނީ އެ ސަރަހައްދުގައި ހިނގި ހަމަނުޖެހުމެއް ހުއްޓުވަން ފުލުހުން މަސައްކަތް ކުރަމުން ދަނިކޮށެވެ.
ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން ހިމާޔަތް ލިބިގެންވާ މަދަނީ ފުލުހުންނަށް އަމާޒުކޮށް އިސްރާއީލުން ދެމުންދާ ހަމަލާތައް ހުއްޓުވުމަށް އެ މިނިސްޓްރީން ވަނީ ދުނިޔޭގެ ގައުމުތަކަށް ގޮވާލާފައެވެ. އިސްރާއީލުން ގަސްދުގައި ފުލުހުންނަށް ހަމަލާދެނީ އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ބަލިކަށިކޮށް، ވައްކަމާއި ފޭރުމަށް މަގުފަހިކޮށް، އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުރަސް އެޅުމުގެ ބޭނުމުގައެވެ.
އެމެރިކާގެ ރައީސް ޓްރަމްޕް މެދުވެރިވެގެން މިދިޔަ އޮކްޓޯބަރު މަހު ގާއިމުކުރި ސުލްހައިގެ އެއްބަސްވުމަށް ފަހު ހަމަލާތަކުގެ ބާރު ކުޑަވި ނަމަވެސް، އިސްރާއީލުން އެ އެއްބަސްވުމާ ޚިލާފަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 984 މީހުން ޝަހީދުވެ 2،235 މީހުން ވަނީ ޒަޚަމްވެފައެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ކުރިއަށްގެންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައިގައި މިހާތަނަށް ޝަހީދުވި މީހުންގެ ޖުމްލަ އަދަދު ވަނީ 72،500 އަށް ވުރެ މައްޗަށް އަރާފައެވެ. އަދި 172،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.
ނަތަންޔާހޫގެ ހަރުކަށި ސަރުކާރުން ޣައްޒާއަށް ބޮން އެޅުން ހުއްޓާނުލާ އިރު، ލުބުނާނާ އެކު ވެފައިވާ ސުލްހައިގެ އެއްބަސްވުމާ ޚިލާފަށް އެ ގައުމަށް ވެސް ދަނީ ހަމަލާދެމުންނެވެ.
ހަމާސް ޖަމާއަތުން ބުނެފައިވަނީ ނަތަންޔާހޫގެ ސަރުކާރުން ހިންގަމުންދާ މި އަމަލުތަކަކީ ފާސިސްޓް އަމަލުތަކެއް ކަމަށާއި، މިއީ ސުލްހައިގެ އެއްބަސްވުމުގެ މެދުވެރިންނާއި ޖާމިނުވި ފަރާތްތައް ނާކާމިޔާބުވެފައިވާ ކަމުގެ ހެއްކެއް ކަމަށެވެ.
ސުލްހައިގެ އެއްބަސްވުމަށް ހަ މަސް ވެފައިވާއިރު، ޓްރަމްޕް އެކުލަވާލި 12 ނުކުތާގެ ޕްލޭން ތަންފީޒު ކުރުމުގައި އޭނާއަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. އިސްރާއީލުން އަދިވެސް ޣައްޒާގެ ބޮޑު ބައެއް ހިފައިގެން ތިބި އިރު، އެ ސަރަހައްދު އާރާސްތުކުރުމުގެ އެއްވެސް މަސައްކަތެއް އަދި ފެށިފައެއް ނުވެއެވެ.





