ބޭރުދުނިޔެ

ވިންޓާ ތޫފާނުގައި އެމެރިކާގައި މަރުވި މީހުންގެ އަދަދު އިތުރުވެއްޖެ

ކްރިސްމަސް ހަފްތާ ބަންދުގައި އެމެރިކާގެ ދެބައިކުޅަ އެއްބައި އަށް ވުރެ ބޮޑު ސަރަހައްދުތަކަށް އެރި ވިންޓާ ތޫފާނުގައި މަދުވެގެން 49 މީހުން މަރުވެފައިވާ ކަމަށް އެސޯސިއޭޓެޑް ޕްރެސްގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ. މީގެ ތެރެއިން 27 މީހުން މަރުވެފައިވަނީ ހުޅަނގު ނިއުޔޯކުގައެވެ.

ދެކުނުން ހޫނު، ތެތް ވައި އާއި އުތުރުން އަންނަ ފިނި ހިކި ވައި ޖެހުމުން އުފެދުނު މި ތޫފާން އެމެރިކާގެ އިރުމަތީ އައްސޭރިފަށުގައި ކެނެޑާ ކައިރީގައި އޮންނަ ގްރޭޓް ލޭކްސް އިން ފެށިގެން އެމެރިކާ އާއި މެކްސިކޯ ބޯޑަރުގައި އޮންނަ ރިއޯ ގްރާންޑޭއާ ހަމައަށް އަރާފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ.

އެސޯސިއޭޓެޑް ޕްރެސް އިން ހޯމަ ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި މިތޫފާނުގައި ގާތްގަނޑަކަށް 49 މީހުން މަރުވެފައިވާއިރު އޭގެ ތެރެއިން 27 މީހުން މަރުވެފައިވަނީ ނިއުޔޯކުގެ ބަފަލޯ ސަރަހައްދުގަ އެވެ. ހުކުރު ދުވަހު ބަފަލޯއަށް ހަތަރު ފޫޓު (1.25 މީޓަރު) ސްނޯ ފައިބައިފައިވާއިރު، އެ ސަރަހައްދުގައި މަރުވި ގިނަ މީހުން ތިބީ ކާރުގައި ނުވަތަ ގޭގައި ތާށިވެފައި، ނުވަތަ ސްނޯގެ ތެރޭގައި މަރުވެފަ އެވެ.

މި ތޫފާނުގެ ސަބަބުން ހޮނިހިރު ދުވަހު ކަރަންޓް ކެނޑުމުގެ ސަބަބުން އެމެރިކާގެ ގާތްގަނޑަކަށް 1.7 މިލިއަން ގެތަކާއި ވިޔަފާރިތަކަށް އަސަރުކޮށްފައިވާއިރު، އެތައް ހާސް ފްލައިޓްތަކެއް ވަނީ ކެންސަލްކޮށްފަ އެވެ. ފްލައިޓް ޓްރެކިން ވެބްސައިޓް ފްލައިޓްއެވޭއާ އިން ބުނާ ގޮތުގައި ހޯމަ ދުވަހު 3،000 ފްލައިޓް ކެންސަލްކޮށް 4،900 އަށް ވުރެ ގިނަ ފްލައިޓް ވަނީ ލަސްވެފަ އެވެ.

މޫސުމާ ބެހޭ މާހިރުން “ޖީލެއްގައި އެއްފަހަރު” ހިނގާ ކަމެއްގެ ގޮތުގައި ސިފަކުރާ މި ތޫފާނުގެ ސަބަބުން އެމެރިކާގެ ގުދުރަތީ ގޭސް އުފެއްދުން ވެސް ހޮނިހިރު ދުވަހު %10 ދަށްވެފައިވާއިރު، މިއީ ފާއިތުވި ދިހަ އަހަރުގެ ތެރޭގައި އެއް ދުވަހުގެ އެންމެ ބޮޑު ދަށްވުމެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close