ސުންނާފަތިވެފައިވާ އަލް-ޝިފާ ހޮސްޕިޓަލުގެ ކުނިބުނިތަކުގެ މެދުގައި ފަލަސްތީނުގެ 230 އާ ޑޮކްޓަރުން ދަސްވެނިވެއްޖެ

ގާޒާ، ފަލަސްތީން: އިސްރާއީލުގެ ހަމަލާތަކުގައި ސުންނާފަތިވެފައިވާ ގާޒާގެ އަލް-ޝިފާ މެޑިކަލް ކޮމްޕްލެކްސްގެ ކުނިބުނިތަކުގެ މެދުގައި، ފަލަސްތީނުގެ ސިއްހީ ދާއިރާގެ ސާބިތުކަން ހާމަކޮށްދިން ވަރުގަދަ ރަސްމިއްޔާތެއްގައި 230 އާ ޑޮކްޓަރުން ދަސްވެނިވެއްޖެއެވެ.
މިދިޔަ ޖެނުއަރީ މަހުގެ 3 ވަނަ ދުވަހު ފަލަސްތީނުގެ މިނިސްޓްރީ އޮފް ހެލްތުން އިންތިޒާމުކުރި މި ރަސްމިއްޔާތުގައި، އަލް-އަޒްހަރު ޔުނިވާސިޓީ އާއި އިސްލާމިކް ޔުނިވާސިޓީ އޮފް ގާޒާގެ މެޑިކަލް ފެކަލްޓީތަކުން ކިޔެވުން ފުރިހަމަކުރި ދަރިވަރުން ވަނީ އެމީހުންގެ ފަންނީ ހުވާކޮށްފައެވެ.
އެއްޒަމާނެއްގައި ގާޒާގެ އެންމެ ބޮޑު ހޮސްޕިޓަލުގެ ގޮތުގައި އޮތް އަލް-ޝިފާ ކޮމްޕްލެކްސްގެ 90 އިންސައްތަ ހަލާކުވެފައިވީ ނަމަވެސް، ދަސްވެނިވުމުގެ ރަސްމިއްޔާތު އެތަނުގައި ބޭއްވުމުގެ ބޭނުމަކީ ފަލަސްތީނުގެ ރައްޔިތުންގެ ދިިރިހުރުމާއި ސިއްހީ ހިދުމަތް މެދުނުކެނޑި ކުރިއަށްދާނެކަން ދުނިޔެއަށް ރަމްޒުކޮށްދިނުމެވެ. މި ބެޗުގެ ދަރިވަރުން އެމީހުންގެ ބެޗަށް ދީފައިވާ ނަމަކީ “އިންސާނިއްޔަތުގެ ބެޗް” އެވެ.
މި ދަރިވަރުންގެ ތަމްރީނުގެ ފަހު އަހަރުތަކަކީ އާދައިގެ ކިޔަވައިދޭ މާލަމެއްގެ ބަދަލުގައި، ހަނގުރާމައިގެ ނުރައްކާތެރި ހާލަތްތަކުގައި، ފީލްޑް ހޮސްޕިޓަލްތަކާއި ކުއްލި ހާލަތްތަކުގެ ވޯޑުތަކުގައި އަމަލީ ގޮތުން މަސައްކަތްކޮށް ހޯދި ތަމްރީނުތަކެކެވެ.

ރަސްމިއްޔާތުގެ އެންމެ އަސަރުގަދަ އެއް މަންޒަރަކަށް ވެގެންދިޔައީ، ހަނގުރާމައިގައި ޝަހީދުވި ސިއްހީ ހިދުމަތްތެރިންނާއި ކިޔަވާ ދަރިވަރުންގެ ހަނދާނުގައި ބަހައްޓާފައި ހުރި ހުސް ގޮނޑިތަކެވެ. އެ ގޮނޑިތަކުގައި އެ ފަރާތްތަކުގެ ފޮޓޯ ބަހައްޓާފައި ހުއްޓެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި އެކަނިވެސް 1,700 އަށްވުރެ ގިނަ ސިއްހީ ހިދުމަތްތެރިން ވަނީ ޝަހީދުވެފައެވެ.
މިނިސްޓްރީ އޮފް ހެލްތުގެ އަންޑަސެކްރެޓަރީ ޔޫސުފް އަބޫ އަލް-ރީޝް ވިދާޅުވީ، މި ދަރިވަރުން ދަސްވެނިވެގެން އެ ނުކުންނަނީ ބޮން އެޅުމާއި ވޭނުގެ ތެރެއިން ކަމަށެވެ. އަދި މިއީ ފަލަސްތީނުގެ ރައްޔިތުންގެ ކެތްތެރިކަމާއި ސާބިތުކަމުގެ ހެއްކެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ރަސްމިއްޔާތުގައި ބައިވެރިވި އާއިލާތަކަށް މިއީ އުންމީދުން ފުރިގެންވާ އުފާވެރި ވަގުތުކޮޅަކަށް ވީއިރު، ގެދޮރު ގެއްލިފައިވާ ހާލުގައިވެސް ދަރިން ހޯދި މި ކާމިޔާބީއަށްޓަކައި މައިންބަފައިން ވަނީ ފަޚުރުވެރިވާކަން ހާމަކޮށްފައެވެ. ސޯޝަލް މީޑިއާގައި މި ރަސްމިއްޔާތުގެ ފޮޓޯތަކަށް ބޮޑު ސަމާލުކަމެއް ލިބިފައިވާއިރު، ގިނަ ބަޔަކު ވަނީ މިއީ “ގާޒާގެ ދިރުން” ހާމަކޮށްދޭ މަންޒަރެއްގެ ގޮތުގައި ސިފަކޮށްފައެވެ.



