ޕާކިސްތާނުގެ މިސްކިތަކަށް ބޮމުގެ ހަމަލާއެއްދީ 30 މީހުން މަރާލައިފި
ޕާކިސްތާނުގެ ހުޅަނގު އުތުރުގެ ސިޓީއެއް ކަމަށްވާ ޕެޝާވަރުގައި ހުންނަ ޝިއާ މިސްކިތެއްގެ ތެރޭގައި ހުކުރު ދުވަހު ބާރުގަދަ ބޮމެއް ގޮއްވާލައި 30 އަށް ވުރެ ގިނަ މީހުން މަރާލައި އެތައް ބަޔަކު ޒަހަމްކޮށްލައިފި އެވެ.
ފުލުހުންގެ އޮފިޝަލެއް ކަމަށްވާ ވަހީދު ޚާން ވިދާޅުވީ، ބޮން ގޮއްވާލާފައިވަނީ، ހުކުރު ނަމާދަށް ޕެޝާވަރުގެ މުސްކުޅި ސިޓީއެއް ކަމަށްވާ ކުޗާ ރިސަލްދާރު މިސްކިތުގައި މީހުންތައް ޖަމާވެފައި ވަނިކޮށެވެ.
ޕެޝާވަރު ފުލުހުންގެ ވެރިޔާ މުހަންމަދު އީޖާޒް ޚާން ވިދާޅުވީ، ހަމަނުޖެހުންތައް ފެށުނީ، ހަތިޔާރު އެޅި ދެ މީހަކު މިސްކިތުގެ ބޭރުގައި ތިބި ފުލުހުންނާ ދިމާއަށް ބަޑީގެ ހަމަލާތައް ދޭން ފެށުމުން ކަމަށެވެ. ބަޑީގެ ހަމަލާގައި އެކަކު މަރުވެ، ފުލުހުންގެ އިތުރު އޮފިޝަލަކު ވަނީ ޒަހަމްވެފަ އެވެ. ހަމަލާދިން މީހާ ވަނީ މިސްކިތުގެ ތެރޭގައި ބޮމެއް ގޮއްވާލާފައެވެ.
ބޮން ގޮއްވާލި ވަގުތު މަދުވެގެން 150 މީހުން ނަމާދުކުރާން މިސްކިތުގެ ތެރޭގައި ތިބި ކަމަށް މަންޒަރު ދުށްމީހުންނާ ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.
މި ބޮމުގެ ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައި ނުވާއިރު، އައިސިސް އާއި ޕާކިސްތާނުގެ ތާލިބާން ޖަމާއަތުން ވެސް ވަނީ އަވަށްޓެރި އަފްޣާނިސްތާނާ ބޯޑަރު ކައިރީގައި އޮންނަ މި ސަރަހައްދުގައި މިފަދަ ހަމަލާތަކެއް ދީފައެވެ.

