ޖާސޫސްކުރި ކަމަށްބުނެ އެމެރިކާގައި ދިރިއުޅޭ ޗައިނާގެ ރައްޔިތަކަށް ދައުވާކޮށްފި

އެމެރިކާގައި ދިރިއުޅޭ ޗައިނާގެ ރައްޔިތެއް ކަމަށްވާ 67 އަހަރުގެ ޔުއަންޖުން ޓޭންގ އަކީ ޗައިނާގެ އިންޓެލިޖެންސް ސަރވިސްގެ އޭޖެންޓެއް ކަމަށް ބުނެ އެމެރިކާގެ ޕްރޮސެކިއުޓަރުން ޖިނާއީ ދައުވާތަކެއް ކޮށްފިއެވެ. އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް (ޑީއޯޖޭ) އިން ނެރުނު ބަޔާނެއްގައި މިކަން ވަނީ ހާމަކޮށްފައެވެ.
ބުދަ ދުވަހު ނިއުޔޯކް ސިޓީގައި ހައްޔަރުކުރެވުނު ޓޭންގ އަކީ މިހާރު އެމެރިކާގެ ރައްޔިތެކެވެ. އޭނާއާ މެދު ކުރެވޭ ތުހުމަތަކީ އެމެރިކާގައި ދިރިއުޅޭ ޗައިނާގެ ޑިމޮކްރަސީ އެކްޓިވިސްޓުންނާއި ޑިސިޑެންޓުންގެ މައްޗަށް ޖާސޫސް ކުރުމެވެ. މީގެ އިތުރުން އެފްބީއައި އަށް ދޮގު މައުލޫމާތު ދިނުމުގެ ތުހުމަތުވެސް އޭނާއާ މެދު ކުރެވެއެވެ.
ޑީއޯޖޭގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި 2018 އިން 2023 އަށް ޓޭންގ ވަނީ ޗައިނާގެ މިނިސްޓްރީ އޮފް ސްޓޭޓް ސެކިއުރިޓީ (އެމްއެސްއެސް) ގެ އަމުރުތަކާ އެއްގޮތަށް ޗައިނާގެ އޭޖެންޓެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ. އޭނާ އާއި އެމްއެސްއެސްގެ އިންޓެލިޖެންސް އޮފިސަރަކާ ދެމެދު އީމެއިލް، އެންކްރިޕްޓެޑް ޗެޓް އަދި އެހެނިހެން މުވާސަލާތީ ވަސީލަތްތައް މެދުވެރިކޮށް ގަވާއިދުން މުއާމަލާތްކުރަމުން ދިޔަކަމަށްވެސް ތުހުމަތުކުރެވެއެވެ.
އަދި އޭނާ ވަނީ ޗައިނާ ސަރުކާރުގެ މަސްލަހަތުތަކާ އިދިކޮޅު ފަރާތްތަކާއި ގްރޫޕްތަކާ ބެހޭ މައުލޫމާތު، ޚާއްސަކޮށް އެމެރިކާގައި ދިރިއުޅޭ ޗައިނާގެ ފާޅުގައި ހަރަކާތްތެރިވާ ޑިމޮކްރަސީ އެކްޓިވިސްޓުންނާއި ޑިސިޑެންޓުންނާ ބެހޭ މައުލޫމާތު، އެމްއެސްއެސްގެ އިންޓެލިޖެންސް އޮފިސަރަކަށް ގަވާއިދުން ރިޕޯޓުކުރަމުން ގެންގޮސްފައެވެ.
ޑީއޯޖޭގެ ތުހުމަތުތަކުގެ ތެރޭގައި ޓޭންގ މަދުވެގެން ތިން ފަހަރު އެމްއެސްއެސްގެ އިންޓެލިޖެންސް އޮފިސަރުންނާ ބައްދަލުކުރުމަށް ދަތުރުކުރިކަމަށާއި، ޗައިނާގެ ގިނަ ޑިސިޑެންޓުންނާއި ޑިމޮކްރަސީ އެކްޓިވިސްޓުން ބޭނުންކުރާ އެންކްރިޕްޓެޑް މެސެޖިންގ އެޕްލިކޭޝަނެއްގެ ގްރޫޕް ޗެޓަކަށް އެމްއެސްއެސް އަށް ވަދެގަތުމަށް އެހީތެރިވެދިންކަމަށް ބުނެފައިވެއެވެ.
ބީބީސީގެ އެމެރިކާގެ ނިއުސް ޕާޓްނަރ ސީބީއެސް އިން ބުނާ ގޮތުގައި ޓޭންގ ޗައިނާގެ އިންޓެލިޖެންސް އޭޖެންސީއަށް މަސައްކަތްކުރަން އެއްބަސްވީ ޗައިނާގައި ދިރިއުޅޭ އޭނާގެ އާއިލާ ބައްދަލުކުރުމަށް ފުރުސަތު ލިބުމަށްޓަކައެވެ.
ކޯޓު ލިޔެކިޔުންތަކުގައިވާ ގޮތުން ޓޭންގ ވަނީ ޗައިނާ ސަރުކާރާ އިދިކޮޅުވުމުގެ ސަބަބުން ޖަލަށްލެވިފައެވެ. ސީބީއެސް އިން ބުނާ ގޮތުގައި 1989 ވަނަ އަހަރު ޓިއަންއަންމެން ސްކުއެއަރގައި ބޭއްވުނު މުޒާހަރާތަކުގައި އޭނާ ވަނީ ޗައިނާގެ ކޮމިއުނިސްޓް ޕާޓީއާ ދެކޮޅަށް އިހުތިޖާޖުކޮށްފައެވެ.
ޑީއޯޖޭ އިން ބުނެފައިވާ ގޮތުގައި 2002 ވަނަ އަހަރާ ހިސާބުން ޓޭންގ ވަނީ ޓައިވާނަށް ފިލައި، ފަހުން އެމެރިކާގައި ސިޔާސީ ހިމާޔަތް ހޯދާފައެވެ.



