ބޭރުދުނިޔެ

އުރުދުންގައި ހިނގި ނުރައްކާތެރި ގޮވުމެއްގެ މައްސަލަ ތަހުގީގު ކުރުމަށް ބޮޑުވަޒީރު ވައުދުވެއްޖެ

ރަތް ކަނޑުގެ ބަނދަރުގައި ހިނގި ނުރައްކާތެރި ގޮވުމެއްގެ މައްސަލަ ތަހުގީގު ކުރައްވާނެކަމަށް އުރުދުންގެ ބޮޑުވަޒީރު ވައުދުވެއްޖެ އެވެ.

އުރުދުންގެ ބޮޑުވަޒީރު އަންގާރަ ދުވަހު ވިދާޅުވީ މީގެ ކުރިން ދުވަހު ރަތް ކަނޑުގެ ބަނދަރު އަޤާބާގައި 13 މީހުން މަރުވި ގޮވުމުގެ މައްސަލަ ތަހުގީގު ފެށުމަށް ކަމާބެހޭ ފަރާތްތަކަށް އަންގާފައިވާ ކަމަށެވެ.

ހޯމަ ދުވަހު ބޯޓަކަށް ކްލޮރިން ޓޭންކް އަރުވަމުން ދިޔަ ކްރޭނެއްގެ ތެރެއިން އެއް ޓޭންކް ވެއްޓި ވިހަ ގޭސްވަނީ ލީކްވެފަ އެވެ. މަރުވި މީހުންނާ އެކު 250 އެއްހާ މީހުން ނަށް މިހާދިސާގައި އެކިވަރުގެ އަނިޔާ ވެފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެ އެވެ.

ބޮޑުވަޒީރު ބިޝާލް އަލް ޚަސައްނަހް އަންގާރަ ދުވަހު އެތަނަށް ޒިޔާރަތް ކުރައްވައި ސިވިލް ޑިފެންސް އާއި ތިމާވެށީގެ އިދާރާތަކާ ހަވާލާދީ ވިދާޅުވީ އެ ސަރަހައްދުގައި ގޭސް ހުރި މިންވަރު އާންމު ހާލަތަށް އައިސްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ބަނދަރުގައި ގިނަ ހަރަކާތްތައް އަލުން ފަށާ ޢާއްމު ހާލަތަކަށް އިސްފައިވާ ކަމަށެވެ.

އަލްޚަސައްނަހް ވިދާޅުވީ މަރުވި މީހުންގެ ތެރޭގައި “އެހެން ގައުމުތަކަށް ނިސްބަތްވާ މީހުން ހިމެނޭ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ނުދެއްވައެވެ. އޭނާ ވިދާޅުވީ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްފައި ތިބި ގިނަ ބަޔަކު ދަނީ ޑިސްޗާޖް ކުރަމުން ކަމަށެވެ.

ދައުލަތުގެ ޓީވީން ދެއްކި ވީޑިއޯއިން ފެންނަ ގޮތުގައި ޓޭންކް ގޮވި ވަގުތު، ގޭހުގެ ވިހަ ވިލާގަނޑުން ސަލާމަތްވުމަށް ބަނދަރުގައި މަސައްކަތްކުރާ މީހުން ދުވެފައި ދާތަން ފެނެ އެވެ. 200 އެއްހާ މީހުން ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފަ އެވެ.

އުރުދުން ދައުލަތުގެ ޓީވީން ބުނީ 13 މީހަކު މަރުވެފައިވާ ކަމަށެވެ. ރަސްމީ އެހެން އައުޓްލެޓެއް ކަމަށްވާ އަލްމަމްލަކާ ޓީވީން ބުނީ އަދިވެސް 199 މީހަކަށް ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުންދާ ކަމަށެވެ. ޕަބްލިކް ސެކިއުރިޓީ ޑިރެކްޓަރޭޓުން ބުނީ ޖުމްލަ 251 މީހަކަށް އަނިޔާވެފައިވާ ކަމަށެވެ.

ޢަޤާބާ އޮންނަނީ ރަތް ކަނޑުގެ އުތުރު ކޮޅުގައި، އިސްރާއީލުގެ ސިޓީއެއް ކަމަށްވާ އީލާތު އާއި ޖެހިގެން ކަމަށާއި، އެއީ ބޯޑަރު ހުރަސްކޮށް އޮންނަ ރަތް ކަނޑުގެ އުތުރު ކޮޅުގައެވެ. މި ދެ މަންޒިލަކީ ވެސް މަޝްހޫރު ގޮނޑުދޮށާއި ޑައިވިން މަންޒިލްތަކެކެވެ.

އީލާތުގެ އިމަޖެންސީ ސާވިސަސް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ސިޓީގެ އެއްގަމު ހިސާބުތަކަށް  އެއްވެސް އަސަރެއް ނުކުރާ ކަމަށާއި ނަމަވެސް އެކަންކަން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close