ބޭރުދުނިޔެ އިންޑޮނީޝިއާއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ، ސުނާމީގެ އިންޒާރު ނެރެފި

އިންޑޮނީޝިއާއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ، ސުނާމީގެ އިންޒާރު ނެރެފި

އިންޑޮނީޝިއާއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ، ސުނާމީގެ އިންޒާރު ނެރެފި

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

އިންޑޮނީޝިއާގެ އިރުމަތީގައި އޮންނަ ފްލޯރެސް ޖަޒީރާގެ އައްސޭރިފަށަށް 7.7 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް ހޮނިހިރު ދުވަހުގެ ފަތިހުގެ ވަގުތެއްގައި އަތުވެއްޖެއެވެ. އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އާއި އިންޑޮނީޝިއާގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި، މި ބިންހެލުމާ ގުޅިގެން ސުނާމީގެ އިންޒާރު ނެރެ، އެތައް ސަތޭކަ ބަޔަކު ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ.

ޔޫއެސްޖީއެސް އިން ބުނި ގޮތުގައި މި ބިންހެލުމުގެ މަރުކަޒު ހުރީ އެންޑޭގެ ހުޅަނގުއުތުރުން ގާތްގަނޑަކަށް 68 ކިލޯމީޓަރު ދުރުގައި، އެ ޖަޒީރާގެ އުތުރު އައްސޭރިފަށުގެ ތިލަ ހިސާބެއްގައެވެ. ފުރަތަމަ ބިންހެލުމަށްފަހު އެ ސަރަހައްދަށް ވަނީ ބާރުގަދަ އާފްޓަރޝޮކްތަކެއް އައިސްފައެވެ. މީގެ ތެރޭގައި 6.1 މެގްނިޓިއުޑްގެ ބިންހެލުމެއްވެސް ހިމެނެއެވެ.

ހޮސްޕިޓަލެއްގެ ކަސްޓަމަރ ސާވިސްގައި މަސައްކަތްކުރާ އުމުރުން 31 އަހަރުގެ ލޫކަސް ލޮޓާ ނޫސްވެރިންނަށް މައުލޫމާތު ދެމުން ބުނީ ކުއްލިއަކަށް ގުޑަން ފެށުމާއެކު އޭނާ ވަރަށް ބޮޑަށް ހާސްވި ކަމަށެވެ. އަދި ބިންހެލުމުގެ ބާރުގަދަކަމުން ހޮސްޕިޓަލުގައި ތިބި ބަލިމީހުންވެސް ނުކުމެގެން ދިޔަ ކަމަށާއި، ބައެއް ފާރުތަކުގައި ރެނދުލާފައިވާތަން އޭނާއަށް ފެނުނު ކަމަށް ލޫކަސް ބުންޏެވެ.

އިންޑޮނީޝިއާގެ މީޓިއޮރޮލޮޖީ، ކްލައިމެޓޮލޮޖީ އެންޑް ޖިއޯފިޒިކްސް އޭޖެންސީ (ބީއެމްކޭޖީ) އިން ވަނީ މި ބިންހެލުމުގެ ސަބަބުން ސުނާމީއެއް އުފެދުމުގެ ފުރުސަތު އޮތްކަމުގެ އިންޒާރު ދީފައެވެ. އެ އޭޖެންސީގެ ބިންހެލުމާއި ސުނާމީއާ ބެހޭ ޑިރެކްޓަރު ވިޖަޔަންތޯ ވިދާޅުވީ، ސުނާމީ މޮޑެލިންގ ނަތީޖާތަކުން ދައްކާ ގޮތުގައި އިރުމަތީ ނޫސާ ތެންގާރާ، ދެކުނު ސުލަވެސީ އަދި ހުޅަނގު ނޫސާ ތެންގާރާ ޕްރޮވިންސްތަކަށް ސުނާމީއެއް އެރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި 0.5 މީޓަރާއި 3 މީޓަރާ ދެމެދުގެ އުސްމިނެއްގެ ރާޅު އަރާފާނެ ކަމުގެ އިންޒާރު ވަނީ ނެރެފައެވެ.

ބިންހެލުން އައި ސަރަހައްދާ ގާތްގަނޑަކަށް 2،400 ކިލޯމީޓަރު ދުރުގައި އޮންނަ ފްލޯރެސް ޖަޒީރާގެ މައުމެރޭ އަވަށުގެ މީހުން ރައްކާތެރި އުސް ހިސާބުތަކަށް ދިޔަތަން މަންޒަރު ދުށް މީހުންނަށް ފެނިފައިވެއެވެ. އަދި އެ ސަރަހައްދުގެ މޫދުގެ ލޮނުގަނޑު ހިކެމުންދާތަން ފެނުނު ކަމަށާއި، މިއީ ސުނާމީއެއް އައުމުގެ ކުރިން އާންމުކޮށް ފެންނަ ކަމެއްކަން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، އިންޑޮނީޝިއާގެ ޓީވީތަކުން ދެއްކި މަންޒަރުތަކުން، ކައިރީގައި އޮންނަ ނަގޭކެއޯ ރީޖަންސީގެ އެތައް ސަތޭކަ ބަޔަކު އެ ސަރަހައްދު ދޫކޮށްދާތަނާއި އިމާރާތްތަކަށް ގެއްލުންވެފައިވާ މަންޒަރު ފެނިފައިވެއެވެ. އޮފިޝަލުންނާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި މިހާތަނަށް އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުންވިކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ. ނަމަވެސް 19 ސެންޓިމީޓަރާއި 30 ސެންޓިމީޓަރާ ދެމެދުގެ ސުނާމީ ރާޅުތަކެއް އަރާފައިވާކަން ވަނީ ރެކޯޑުކުރެވިފައެވެ.

އިންޑޮނީޝިއާ އާއި އެ ގައުމުގެ އަވަށްޓެރި ގައުމުތަކަކީ ޕެސިފިކް ކަނޑުގެ “ރިންގް އޮފް ފަޔަރ” ގައި އޮންނަ ގައުމުތަކަކަށް ވުމުން، ގިނަގިނައިން ބިންހެލުންތައް އާދެއެވެ. އިންޑޮނީޝިއާގެ ތާރީޚުގައި އައިސްފައިވާ އެންމެ ނުރައްކާތެރި ބިންހެލުންތަކުގެ ތެރޭގައި 2004 ވަނަ އަހަރު ސުމަޓްރާގެ އައްސޭރިފަށަށް އައި 9.1 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުން ހިމެނެއެވެ. އެ ބިންހެލުމާ ގުޅިގެން އުފެދުނު ސުނާމީގައި މުޅި ސަރަހައްދުން 220،000 މީހުން މަރުވިއިރު، އޭގެ ތެރެއިން 170،000 މީހުންނަކީ އިންޑޮނީޝިއާ މީހުންނެވެ.

ހަމައެހެންމެ 2018 ވަނަ އަހަރު ލޮމްބޮކް ޖަޒީރާއަށް އައި ބާރުގަދަ ބިންހެލުމަކާއި އޭގެ ފަހުން އައި އާފްޓަރޝޮކްތަކުގައި 550 އަށްވުރެ ގިނަ މީހުން މަރުވިއެވެ. އަދި ހަމަ އެ އަހަރު ސުލަވެސީ ޖަޒީރާގެ ޕާލޫއަށް އައި 7.5 މެގްނިޓިއުޑްގެ ބިންހެލުމަކާއި އޭާ ގުޅިގެން އެރި ސުނާމީގައި 4،300 އަށްވުރެ ގިނަ މީހުން މަރުވެ ނުވަތަ ގެއްލިފައިވެއެވެ.

ޓެގް

އިންޑޮނޭޝިޔާ ބިންހެލުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.