ބޭރުދުނިޔެ

އީރާނުން އދ.ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމަކަށް ގޮވާލައިފި

އދ. ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމަކަށް އީރާނުން ގޮވާލައިފިއެވެ.

އދ.ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމަކަށް އީރާނުން ގޮވާލައިފައިވަނީ ޙިޒުބުﷲގެ ލީޑަރު ސައްޔިދު ހަސަން ނަސްރުﷲ އަވަހާރަކޮށްލައި މުޅި މެދުއިރުމަތީގެ ސަރަޙައްދުގައި އުދުވާނީ ހަމަލާތަކެއް އިސްރާއީލުން ކުރިއަށް ގެންދާ ދަނޑިވަޅެއްގައެވެ.

އީރާނުގެ އދ. އަށް ކަނޑައަޅާފައި ހުންނަ ސަފީރު އަމީރު ސަޢީދު އިރަވާނީ ވަނީ ސަލާމަތީ މަޖިލީހުގެ 15 މެންބަރުންނަށް ސިޓީއެއް ފޮނުވާފައެވެ. މި ސިޓީގައި އޭނާ ވިދާޅުވެފައިވަނީ އިސްލާމީ ޖުމްހޫރިއްޔާ އީރާނުން ޑިޕްލޮމެޓިކް އިމްތިޔާޒުތަކުގެ އަސާސީ އުސޫލުތަކާ ޚިލާފަށް އީރާނުގެ ޑިޕްލޮމެޓިކް އިމާރާތްތަކާއި މަންދޫބުންނަށް އެއްވެސް ހަމަލާއެއް ދިނުމާ ދެކޮޅު ކަމަށާއި، އަދި މިފަދަ އުދުވާނީ ޢަމަލެއް ތަކުރާރުވުން އީރާނުން ބަރުދާސްތު ނުކުރާނެކަން ތަކުރާރުކޮށް ބުނާ ކަމަށެވެ.

އީރާނުގެ ސަފީރު އިތުރަށް ވިދާޅުވެފައިވަނީ ބައިނަލްއަޤްވާމީ ޤާނޫނުގެ ދަށުން އެ ޤައުމަށް ލިބިދޭ ޙައްޤުތަކުގެ ދަށުން، ޤައުމުގެ މުހިންމު ޤައުމީ އަދި ސަލާމަތީ މަޞްލަޙަތުތައް ދިފާޢުކުރުމަށް އީރާނުން ޖެހިލުމެއްނެތި ކޮންމެ ފިޔަވަޅެއްވެސް އަޅާނެ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އދ. ގެ ސަލާމަތީ މަޖިލީހުން ބައްދަލުވުމެއް ބާއްވާނެކަމާމެދު އަދި އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް ސަރަޙައްދުގެ ހަމަނުޖެހުން އިތުރަށް ގޯސްވެދާނެކަމުގެ ބިރު އޮތްކަން ފާހަގަކުރެވެއެވެ.
މެދުއިރުމަތީގެ ސަރަޙައްދުގައި މިވަގުތު ހަމަނުޖެހުން އިންތިހާއަށް އިތުރުވެފައިވެއެވެ. އޮކްޓޯބަރު 7 ން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކާއެކު، ލުބުނާނުގެ ހިޒްބުﷲއިން އިސްރާއީލާ ދެކޮޅަށް ހިންގާ ހަމަލާތައް އިތުރުވެފައިވެއެވެ. މީގެ އިތުރުން، އިސްރާއީލުގެ މައްޗަށް އީރާނުގެ ނުފޫޒު އޮންނަ ޔަމަނުގެ ހޫތީންވެސް ވަނީ ކަނޑުމަގުން ދަތުރުކުރާ މަދަނީ އުޅަނދުތަކަށް ހަމަލާދޭން ފަށާފައެވެ.

މި ހާލަތުގައި ހިޒްބުﷲގެ ލީޑަރު ނަސްރުﷲ ޝަހީދުވުމަކީ ސަރަޙައްދުގެ ހަމަނުޖެހުން އިތުރަށް ގޯސްވެދާނެ ކަމެއްގެ ގޮތުގައި ބައިނަލްއަޤްވާމީ މުޖުތަމަޢުއިން ދެކެއެވެ. ޚާއްޞަކޮށް އީރާނާއި އިސްރާއީލާ ދެމެދު ސީދާ ހަނގުރާމައެއް ފެށުމުގެ ބިރު އިތުރުވެފައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close