ސައޫދީ ކެބިނެޓުން ހަމަލާތައް ކުށްވެރިކޮށް، ދިފާއުގައި ފިޔަވަޅު އެޅުމުގެ ހައްގު އޮތްކަން ކަށަވަރުކޮށްދީފި

ސައޫދީ އަރަބިއްޔާއަށާއި، ގަލްފުގެ ގައުމުތަކުގެ އިތުރުން ސަރަހައްދީ އެހެން ގައުމުތަކަށް އަމާޒުކޮށް އީރާނުން ދެމުންދާ ހަމަލާތައް ސައޫދީ ކެބިނެޓުން އަންގާރަ ދުވަހު ވަރުގަދައަށް ކުށްވެރިކޮށްފިއެވެ. ކެބިނެޓުން ފާހަގަކުރި ގޮތުގައި މި ހަމަލާތަކަކީ ސަރަހައްދީ ސަލާމަތަށް އޮތް ނުރައްކަލެއްގެ އިތުރުން، ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެކެވެ.
ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ރިޔާސަތު ބެލެހެއްޓެވި މި ބައްދަލުވުމުގައި، ސައޫދީ އަރަބިއްޔާގެ ސަލާމަތާއި، އިސްތިގުލާލާއި، ރަސްކަމުގެ ސަރަހައްދީ އިން ރައްކާތެރިކުރުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅުމުގެ ފުރިހަމަ ހައްގު އެ ގައުމަށް ލިބިގެންވާކަން އަލުން ކަށަވަރުކޮށްދީފައިވެއެވެ.
މީގެއިތުރުން، ސައޫދީގެ އެކި ސަރަހައްދުތަކާއި ވަސީލަތްތަކަށް އަމާޒުކޮށް ފޮނުވާލި މިސައިލްތަކާއި ޑްރޯންތައް ހުއްޓުވައި ނައްތާލުމުގައި ސައޫދީ ވައިގެ ދިފާއީ ބާރުތަކުން ދައްކަމުންދާ ހުށިޔާރުކަމާއި ހުނަރުވެރިކަމަށް ވަޒީރުންގެ މަޖިލީހުން ތައުރީފުކުރެއްވިއެވެ.
ސަރަހައްދީ މަސްރަހަށް އަންނަމުންދާ ބަދަލުތަކާއި، އެކަމުގެ ސަބަބުން ސަރަހައްދީ އަދި ބައިނަލްއަގުވާމީ ހަމަޖެހުމަށް ކުރާނެ އަސަރުތަކާ ގުޅޭގޮތުން ދުނިޔޭގެ އެކި ގައުމުތަކުގެ ވެރިންނާއެކު ފޯނުން ކުރެއްވި މަޝްވަރާތަކުގެ ތަފްސީލު ވަލީއަހުދު ކެބިނެޓާ ހިއްސާކުރެއްވިއެވެ.
ސައޫދީ ޕްރެސް އެޖެންސީއަށް ދެއްވި ބަޔާނެއްގައި މީޑިއާ މިނިސްޓަރު ސަލްމާން ބިން ޔޫސުފް އަލް-ދޯސަރީ ވިދާޅުވީ، ސަރަހައްދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ގަލްފާއި އަރަބި ގައުމުތަކާ ގުޅިގެން ކުރަމުންދާ މަސައްކަތްތަކާ ބެހޭގޮތުންވެސް ކެބިނެޓުން މަޝްވަރާކުރި ކަމަށެވެ.
އީރާނުގެ ހަމަލާތައް ކުށްވެރިކޮށް، ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީ.ސީ.ސީ) އާއި ޔޫރަޕިއަން ޔޫނިއަން އަދި އަރަބި ލީގުން ނެރުނު ބަޔާންތަކަށް ސައޫދީ ކެބިނެޓުން ވަނީ މަރުހަބާ ކިޔާފައެވެ.
ހަމައެއާއެކު، އަންނަ މާރިޗު މަހުގެ 11 ވަނަ ދުވަހު ފާހަގަކުރާ ސައޫދީގެ “ދިދަ ދުވަހާ” ގުޅޭގޮތުން ވާހަކަދައްކަވަމުން، އެއީ އެ ގައުމުގެ ތާރީޚާއި، ގައުމީ ވަންތަކަމާއި އަދި ގައުމު ބިނާވެފައިވާ އަސާސްތަކުގެ މަތިވެރި ރަމްޒެއްކަން ކެބިނެޓުން ފާހަގަކުރިއެވެ.


