އީރާނު ހަނގުރާމައިގެ ‘ދަންތުރައެއްގައި’ ޓްރަމްޕް ބެދިއްޖެ: އެމެރިކާގެ ކުރީގެ މުޝީރެއް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިހާރު ވަނީ އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ “އެސްކަލޭޝަން ޓްރެޕް” ނުވަތަ ހަމަނުޖެހުން އިތުރުވަމުންދާ ދަންތުރައެއްގައި ބެދިފައި ކަމަށާއި، އީރާނުގެ ބިމަށް އެމެރިކާ ސިފައިން ފައިބާ ހިސާބުން މި ދަންތުރަ އިތުރަށް ވަރުގަދަވާނެ ކަމަށް ވައިޓް ހައުސްގެ ކުރީގެ މުޝީރަކު ބުނެފިއެވެ.
ޔުނިވަރސިޓީ އޮފް ޝިކާގޯގެ ޕްރޮފެސަރ އަދި އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ ތަޖުރިބާކާރު ރޮބަޓް ޕޭޕް، އެންޑީޓީވީއަށް ދިން އިންޓަވިއުއެއްގައި ބުނީ، މި ހަނގުރާމަ ދިގުލައިގެން ގޮސް އީރާނަކީ ދުނިޔޭގެ ތެލުގެ ބާރު ކޮންޓްރޯލްކުރާ “އޮއިލް ހެޖަމަން” އަކަށް ވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ. މިއީ އެމެރިކާއިން ފާއިތުވި 50 އަހަރު ތެރޭގައި ހުއްޓުވަން މަސައްކަތްކުރި ކަމެކެވެ.
ޕޭޕް ބުނި ގޮތުގައި ޓްރަމްޕް މިހާރު ފެންނަނީ އެކި ގޮތްގޮތަށް ވާހަކަ ބަދަލުކޮށް، ހަމަލާ ދިނުން ލަސްކުރަމުންދާ ތަނެވެ. ނަމަވެސް މިއީ އެމެރިކާގެ މެރިން ސިފައިން އެ ސަރަހައްދަށް ދަންދެން ވަގުތު ހޯދުމަށް ކުރާ ކަމެކެވެ. “އަހަރެން ބަލަން ބޭނުމީ ލީޑަރުން ދައްކާ ވާހަކައަކަށް ނޫން، އެމީހުންގެ އަމަލަށް. މެރިން ސިފައިން ގޮވައިގެންދާ ބޯޓުފަހަރު އަދިވެސް އަނބުރައެއް ނުލާ،” ޕޭޕް ބުންޏެވެ.
“އެސްކަލޭޝަން ޓްރެޕް” އަކީ ކޮބައިކަން ކިޔައިދެމުން ޕޭޕް ބުނީ، ބޮން އަޅައިގެންނާއި ލީޑަރުން މަރާލައިގެން ކާމިޔާބީ ލިބޭ ކަމަށް ހީވިޔަސް، އަސްލު ބޭނުންވާ ސިޔާސީ ނަތީޖާ (މިސާލަކަށް އީރާނުގެ ވެރިކަން ބަދަލުވުން) ހާސިލް ނުވުމެވެ. މީގެ ސަބަބުން އެމެރިކާ ފަދަ ބާރުގަދަ ގައުމުތަކުން އިތުރަށް ބާރު ބޭނުންކޮށްގެން ހަނގުރާމަ ފުޅާކުރަން މަޖުބޫރުވެ، އިތުރު ނާކާމިޔާބީއާ ކުރިމަތިލާން ޖެހެނީއެވެ.
ޕޭޕް އިތުރަށް ބުނި ގޮތުގައި މި ހާލަތު ކޮންޓްރޯލް ކުރަން އޮތް ހަމައެކަނި ގޮތަކީ އިސްރާއީލް އަސްކަރީ ގޮތުން ކޮންޓްރޯލް ކުރުމެވެ. ނަތަންޔާހޫ ހަމަލާ ނުދޭނެ ކަމަށް ބުނާ ބުނުމަށް އިތުބާރު ނުކުރެވޭނެ ކަމަށާއި، އެމީހުން ވަނީ އީރާނުގެ މަޝްވަރާވެރިޔާވެސް މަރާލާފައި ކަމަށް އޭނާ ފާހަގަކުރިއެވެ. އެހެންކަމުން، މި ހަނގުރާމަ ހުއްޓުވޭނީ ޓްރަމްޕް އިސްވެ އިސްރާއީލްގެ އަމަލުތައް ހުއްޓުވައިގެން ކަމަށް އޭނާ ބުންޏެވެ.
އެމެރިކާ އާއި އީރާނުގެ މަސްރަހު ގޯސްވާން ފެށީ 2015 ވަނަ އަހަރު ގާއިމުކުރި ނިއުކްލިއަރ އެއްބަސްވުމުން 2018 ވަނަ އަހަރު ޓްރަމްޕް ވަކިވި ހިސާބުންނެވެ. އޭގެ ފަހުން އީރާނުގެ އިގްތިސާދު ހަލާކުކޮށްލުމަށް އެމެރިކާއިން ވަނީ ވަރުގަދަ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައެވެ.
މި ފަހަރުގެ ނުތަނަވަސްކަން އިތުރަށް ބޮޑުވެގެން ދިޔައީ އީރާނުގެ އެންމެ އިސް ލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއީ އަވަހާރަކޮށްލުމާއި، އީރާނުގެ ނިއުކްލިއަރ ސައިންސްވެރިންނަށް އަމާޒުކޮށް އިސްރާއީލުން ދެމުންދާ ހަމަލާތަކާ ގުޅިގެންނެވެ.
އީރާނުން ތެޔޮ އެކްސްޕޯޓް ކުރާ ހޯރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައިވާއިރު، ނަތަންޔާހޫ އާއި އިސްރާއީލުގެ ވެރިން ގެންދަނީ އީރާނުގެ ނިއުކްލިއަރ މަރުކަޒުތަކަށް ހަމަލާދިނުމަށް އެމެރިކާއަށް ބާރުއަޅަމުންނެވެ. މީގެ ސަބަބުން މެދުއިރުމަތީގައި ހިނގަމުން މިދާ ބޮޑު ހަނގުރާމަ މިއަށްވުރެވެސް ފުޅާވެދާނެ ކަމުގެ ބިރު ވަނީ އިންތިހާއަށް ބޮޑުވެފައެވެ.



