ބޭރުދުނިޔެ

ކުވައިތުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ހަމަލާދީފި

ކުވައިތުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކެއް ކަމަށްވާ ކޭމްޕް އަލް-އަދީރީ އާއި ޢަލީ އަލް-ސާލިމް އެއަރ ބޭސްއަށް ހަމަލާދީފައިވާ ކަމަށް އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް އިން ބުރާސްފަތި ދުވަހު ބުނެފިއެވެ. އީރާނުން މި ހަމަލާތައް ދީފައިވަނީ އެ ގައުމުން ކުވައިތަށް ހަމަލާދޭން ފެށިތާ ދުވަސްތަކެއް ފަހުން، ދުޝްމަނުންގެ ނުރައްކާތެރި ޑްރޯންތަކެއް ހުއްޓުވަމުންދާ ކަމަށް ކުވައިތުގެ އަސްކަރިއްޔާއިން އިޢުލާންކޮށްފައި ވަނިކޮށެވެ.

ކުވައިތު ސިފައިން ރޭގަނޑުގެ ވަގުތެއްގައި ‘އެކްސް’ މެދުވެރިކޮށް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ގައުމުގެ ވައިގެ ދިފާއީ ނިޒާމުން ދަނީ ދުޝްމަނުންގެ ޑްރޯންތަކުގެ ނުރައްކަލަށް ރައްދު ދެމުން ކަމަށެވެ. އަދި އިވޭ ގޮވުންތަކަކީ ދިފާއީ ނިޒާމުން ދުޝްމަނުންގެ އަމާޒުތައް ހުއްޓުވުމުގެ ސަބަބުން އިވޭ އަޑުތަކެއް ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރުފުޅަށް އީރާނަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ އާ ބުރެއް ބުރާސްފަތި ދުވަހުގެ ފަތިހު ނިންމާލާފައިވާ ކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ވަނީ ހާމަކޮށްފައެވެ. މިއީ ޖެހިޖެހިގެން އެމެރިކާއިން އީރާނަށް ހަމަލާދިން 12 ވަނަ ރެއެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ސޯޝަލް މީޑިއާގައި ހާމަކޮށްފައިވާ ގޮތުގައި، އެމެރިކާ ސިފައިން ވަނީ އީރާނުގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފައެވެ. މީގެ ތެރޭގައި ކަނޑުގެ އަސްކަރީ ވަސީލަތްތަކާއި، މިސައިލާއި ޑްރޯން ރައްކާކުރާ ގުދަންތަކާއި، އައްސޭރިފަށް ބަލަހައްޓާ މަރުކަޒުތަކުގެ އިތުރުން ވައިގެ ދިފާއީ ނިޒާމުތައް ހިމެނެއެވެ. މި ހަމަލާތަކުގެ ސަބަބުން އާންމު އުޅަނދުފަހަރާއި ވިޔަފާރި އުޅަނދުތަކަށް ހަމަލާދިނުމަށް އީރާނަށް އޮތް ގާބިލުކަން އިތުރަށް ބަލިކަށިވެގެންދާނެ ކަމަށް އެމެރިކާއިން ބުނެއެވެ.

އެމެރިކާ ސިފައިން އީރާނުގެ އެއްގަމުގައި ހުރި އެތައް އަސްކަރީ މަރުކަޒަކަށް ހަމަލާދެމުންދާއިރު، ކަނޑުގެ މަގުންވެސް ވަނީ އީރާނު ހިސާރުކުރުމުގެ މަސައްކަތް އަލުން ފަށާފައެވެ. މިގޮތުން އީރާނާ ގުޅުންހުރި ވިޔަފާރިކުރާ ނުވަ އުޅަނދެއްގެ މިސްރާބު ބަދަލުކޮށް، އެއް އުޅަނދު ވަނީ އީރާނުގެ ބަނދަރުތަކަށް ނުވަދެވޭ ގޮތަށް ހުއްޓުވާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close