ބޭރުދުނިޔެ

ޖަރުމަނުގެ ކުޑަކުދިން ބަލަހައްޓާ މަރުކަޒެއްގައި ބަޑިން ހަމަލާދީ 6 މީހަކު މަރާލައިފި

ޖަރުމަނުގެ އުތުރުގެ ރަށެއް ކަމަށްވާ ސްޓޭޑްގައި ހުންނަ މައިންނާއި ކުދިން ބައިތިއްބާ މަރުކަޒެއްގައި ދިން ބަޑީގެ ހަމަލާއެއްގައި ހަ މީހަކު މަރުވެއްޖެއެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި ހަމަލާ ދީފައިވަނީ ދަރިފުޅުގެ ކަސްޓަޑީއާ ގުޅޭގޮތުން އުފެދިފައިވާ މައްސަލައެއްގެ ތެރެއިންނެވެ. ހަމަލާދިން މީހާ އެ ސެންޓަރަށް ގޮސްފައިވަނީ އެޕޮއިންޓްމަންޓަކަށެވެ.
މި ހަމަލާގައި މަރުވި ހަ މީހުންނަކީވެސް އެ މަރުކަޒުގައި މަސައްކަތް ކުރަމުންދިޔަ މުވައްޒަފުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ހަތަރު އަންހެނުންނާއި ދެ ފިރިހެނުންނެވެ. މީގެ ތެރެއިން ފަސް މީހަކު މަރުވީ ހަމަލާދިން ތަނުގައެވެ. އަދި ހަވަނަ މީހާ މަރުވީ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ކަމަށް ފުލުހުން ބުނެއެވެ.
ހަމަލާދިން ކަމަށް ތުހުމަތު ކުރެވެނީ ހެނޯވަރު ސަރަހައްދަށް ނިސްބަތްވާ އުމުރުން 45 އަހަރުގެ ފިރިހެނެކެވެ. އޭނާއަކީ ޖަރުމަނަށް އުފަން، ތުރުކީ ދަރިކޮޅުގެ މީހެކެވެ. މި ހާދިސާ ހިނގި ވަގުތު އެ ސެންޓަރުގައި ތިބި އޭނާގެ ތިން މަހުގެ އަންހެން ދަރިފުޅާއި އެ ކުއްޖާގެ މަންމަ ވަނީ ސަލާމަތްކުރެވިފައެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ވަނީ ތިން މީހަކު ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ހަމަލާދިން މީހާގެ އިތުރުން، ކުއްޖާގެ މަންމައާއި އިތުރު އަންހެނަކު ހިމެނެއެވެ. ފުލުހުން ބުނި ގޮތުގައި މިހާރު އާންމުންނަށް އެއްވެސް ނުރައްކަލެއް ނެތް ނަމަވެސް، އެ ސަރަހައްދު ބަންދުކޮށްގެން ހެކި ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ޖަރުމަނުގެ ރައީސް ފްރޭންކް-ވޯލްޓަރ ސްޓައިންމަޔަރ ވަނީ މި ހާދިސާއާ ގުޅިގެން ހިތާމަ ފާޅުކުރައްވާފައެވެ. އަދި ރައްކާތެރިކަން ދޭންޖެހޭ ތަނެއްގައި މިފަދަ ބޮޑު އަނިޔާވެރިކަމެއް ހިންގުމުން އެކަމާ ހައިރާންވެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

ޖަރުމަނަކީ އާންމުގޮތެއްގައި އެމެރިކާއާ އަޅާބަލާއިރު މިފަދަ ބަޑީގެ ހަމަލާތައް މަދުން ހިނގާ ގައުމެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close