ރަތްކަނޑުގައި ތިބި އިޓަލީވިލާތުގެ ސިފައިން ހޫޘީންނަށް ހަމަލާދީފި

ރަތް ކަނޑުގައި ހަރަކާތްތެރިވަމުންދާ އިޓަލީވިލާތުގެ ސިފައިން ހޫތީންގެ ދެ ޑުރޯނަކަށް ހަމަލާދީ ވައްޓާލައިފިއެވެ.
އިޓަލީގެ އަސްކަރިއްޔާ އިން ބުނެފައި ވަނީ ޔޫރަޕިއަން ޔޫނިއަންގެ ފަރާތުން ރަތް ކަނޑުގައި ކުރިއަށް ގެންދާ އަސްކަރީ ހަރަކާތުގައި ބައިވެެރިވާ އިޓަލީވިލާތުގެ މަނަވަރަކުން ހޫތީންގެ ދެ ޑުރޯނަށް ހަމަލާދީ އެ ދެ ޑުރޯން ވައްޓާލާފައިވާނެ ކަމަށެވެ.
އިޓަލީގެ ސިފައިންނާއި ހަވާލާދީ އެ ގައުމުގެ ދިފާއީ ވުޒާރާއިން ބުނެފައިވަނީ މި ހަމަލާ ދިނީ އެ ގައުގެ ކަނޑުގެ އަސްކަރިއްޔާގެ މަނަވަރު ” ޗޯއޯ ޑިލިއޯ” އިން ކަމަށެވެ. އަދި ރަތް ކަނޑުގެ ސުލްހަ ބެލެހެއްޓުމަށް އެވަގުތު އެ ކަނޑުގައި ފޯރިމަރަމުން ދިޔަ އެ އުޅަނދު އެ ޑުރޯން ތައް ވައްޓާލީ އަމިއްލަ ދިފާއުގައި ކަމަށް ވެސް އިޓަލީގެ އަސްކަރިއްޔާ އިން ވަނީ މައުލޫމާތު ދީފައެވެ.
މި މަހުގެ ކުރީ ކޮޅުވެސް ހަމަ އެ އުޅަނދުން ވަނީ ހޫތީންގެ ޑުރޯނަކަށް ހަމަލާދިނުމަށް ފަހު ވައްޓާލާފައެވެ.
ޔޫރަޕިއަން ޔޫނިއަން އިން ރަތް ކަނޑުގައި ފޯރިމަރަން ފެށީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެއީ ހޫތީން ދެމުންދާ ޑުރޯން އަދި މިސައިލް ހަމަލާތަކުން ރަތް ކަނޑުގައި ދަތުރުކުރަމުންދާ ވިޔަފާރި ކާގޯ އުޅަނދުތައް ރައްކާތެރި ކުރުމަށާއި ބައިނަލްއަގުވާމީ ވިޔަފާރީގެ މަގުތައް ހިމާޔަތް ކުރުމަށެވެ.
ޙޫޘީން ބުނެފައިވަނީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމު ހުއްޓުމަކަށް ނާންނަނީސް ރަތްކަނޑުގައި ހޫޘީން ދެމުން ގެންދާ ހަމަލާތައް ހުއްޓައި ނުލާނެކަމަށެވެ.

