ސަޢުދީ ޢަރަބިއްޔާގެ މުޤައްދަސް ރަށް، މައްކާއަށް އަމާޒުކޮށް ޔަމަނުގެ ޙޫޘީން ފޮނުވާލި ޑްރޯނެއް ސަޢުދީގެ ވައިގެ ދިފާޢީ ބާރުތަކުން އަންގާރަ ދުވަހު ވައްޓާލައިފިއެވެ. އީރާނުގެ ތާއީދު އޮންނަ ޙޫޘީންނާ ދެކޮޅަށް ހަނގުރާމަކުރާ ކޯލިޝަނުގެ ތަރުޖަމާނު ތުރުކީ އަލް-މާލިކީ ބުދަ ދުވަހު ހާމަކުރި ގޮތުގައި މި ޑްރޯން އިންޓަސެޕްޓްކޮށްފައިވަނީ މައްކާގެ މަނާ ވައިގެ ސަރަޙައްދަށް ވަނުމުގެ ކުރިން މައްކާގެ ދެކުނުންނެވެ.
މުސްލިމުންގެ އެންމެ މުޤައްދަސް ދެ ޙަރަމްފުޅާއި އެތަންތަނަށް ޒިޔާރަތްކުރާ ޙައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަކީ ކޯލިޝަނުން ދޫނުދޭނެ “ރަތް ރޮނގެއް” ކަމަށް މާލިކީ ބުންޏެވެ. އަދި ޙޫޘީންގެ މިފަދަ ނުރައްކާތެރި ޢަމަލުތައް ހުއްޓުވުމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއްވެސް ފަސްޖެހުމެއްނެތި އަޅާނެކަމުގެ އިންޒާރު އޭނާ ދިނެވެ.
މައްކާއަކީ އިސްލާމްދީނުގެ ފަސް ރުކުނުގެ ތެރެއިން ޙައްޖުގެ އަޅުކަން އަދާކުރުމަށް ކޮންމެ އަހަރަކު ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިލިއަން ބަޔަކު ޖަމާވާ، އިސްލާމީ އުންމަތުގެ އެންމެ މުޤައްދަސް ބިމެވެ.
މިއީ ޙޫޘީން މައްކާއަށް ޙަމަލާދޭން މަސައްކަތްކުރި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން 2017 ވަނަ އަހަރުގެ ޖުލައި މަހުވެސް ބެލިސްޓިކް މިސައިލެއް ބޭނުންކޮށްގެން މައްކާއަށް ޙަމަލާދޭން އުޅުނުކަމަށް ކޯލިޝަނުން ވަނީ ބުނެފައެވެ.
މި ޙަމަލާއާ ގުޅިގެން އަންގާރަ ދުވަހު ސަޢުދީގެ އެކި ސަރަޙައްދުތަކުގައި، އޭގެ ތެރޭގައި މައްކާވެސް ހިމެނޭހެން، ސަލާމަތީ އެލަރޓްތައް ވަނީ ނެރެފައެވެ. ސަޢުދީން މި ފިޔަވަޅުތައް އަޅާފައިމިވަނީ، މެދުއިރުމަތީގެ ހަނގުރާމައިގެ ތެރެއަށް އެ ޤައުމު އިތުރަށް ވަދެގެންދާ ގޮތަށް، ވޭތުވެދިޔަ ހަފްތާއެއްހާ ދުވަހު އީރާނާ ގުޅިފައިވާ ހަނގުރާމަވެރިންގެ ފަރާތުން ޙަމަލާތަކެއް އަމާޒުވަމުންދާ ދަނޑިވަޅެއްގައެވެ.
މިކަމާ ގުޅިގެން ޙޫޘީންގެ އަސްކަރީ މަސްދަރަކުން ވަނީ، މައްކާއަށް ނުވަތަ އެނޫންވެސް މުޤައްދަސް ތަނަކަށް އެ ޖަމާޢަތުގެ ފަރާތުން އެއްވެސް ނުރައްކަލެއް ކުރިމަތިނުކުރާނެކަމަށް ބުނެފައެވެ. އަންގާރަ ދުވަހު ޙޫޘީން ހިންގާ ސަބާ ނިއުސް އެޖެންސީގައި މިކަން ވަނީ ދޮގުކޮށްފައެވެ.
ޔަމަނުގެ ރަތް ކަނޑުގެ އައްސޭރީގެ ބޮޑު ބައެއްގެ ކޮންޓްރޯލް އޮތީ ޙޫޘީންގެ އަތްދަށުގައެވެ. މީގެ ސަބަބުން ދުނިޔޭގެ އެންމެ މުހިންމު އެއް ކަނޑުއޮޅި ކަމަށްވާ ބާބުލް މަންދަބް ފެންނަ ސަރަޙައްދުތައް އެމީހުންގެ ބާރުގެ ދަށުގައި އޮތުމުން، ހުރްމޫޒް ކަނޑުއޮޅިން މަގު ބަދަލުކޮށްގެން ސަޢުދީން ކުރާ ތެލުގެ ވިޔަފާރިއަށް ވަނީ ނުރައްކާވެފައެވެ.
ޔަމަނަށް ދެމުންދާ ވައިގެ ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުންކަމަށް ބުނެ، ފާއިތުވި ހަފްތާގައި ޙޫޘީން ވަނީ ސަޢުދީ ޢަރަބިއްޔާއަށް އަމާޒުކޮށް ބޮޑެތި ޙަމަލާތަކެއް ދީފައެވެ. މީގެ ތެރޭގައި ހޯމަ ދުވަހު ސަޢުދީގެ ވައިގެ މަރުކަޒަކަށް ދިން ޙަމަލާތައްވެސް ހިމެނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...